ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލިހުން ފާސްކޮށްފި
1 ޖުލައި 2026 - 07:13

ސިނގިރޭޓުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ. ބިލުގެ އިބުތިދާއީ ބަހުސް ނިންމުމަށްފަހު، ބިލު އިތުރަށް ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވިއެވެ. މުޅި މަޖިލީހުގެ ކޮމިޓީގައި ބިލާ މެދު މެންބަރުންގެ ހިޔާލު ހޯއްދެވުމަށްފަހު، ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ ވޯޓާއެކީ ބިލް އޮތްގޮތަށް ފާސްކުރުމަށް ވަނީ ނިންމައިފައެވެ.
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓު ގާނޫނު ކުރިން އޮތްގޮތުން ސިނގިރޭޓަކުން ނަގަނީ 8 ރުފިޔާގެ ޑިއުޓީއެވެ. އެ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ އެ އަދަދު 4 ރުފިޔާއަށް ދަށްކުރުމަށެވެ. ބިލުގައި ހިމަނާފައިވަނީ ސިނގިރޭޓުގެ އިތުރުން ބިޑިއާއި ހީޓަޑް ޓޮބޭކޯ އުފެއްދުންތައް ނުވަތަ ރޯކުރުމަކާނުލައި ހޫނުކޮށްގެން ބޭނުންކުރެވޭގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށެވެ.
މިއަދު ފާސްކުރި ބިލުގައި، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ބޭނުންކުރާ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗް ފަދަ ތަކެތިން ޑިއުޓީ މާފުކުރުމަށް މި ބިލުގައި ހިމަނާފައިވެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީ ރިޕޯޓް ހުށަހަޅައި، އެ ރިޕޯޓަށް މެންބަރުން ވަނީ ބަހުސްކޮށްފައެވެ. އެގޮތުން ސިނގިރޭޓުުގެ ޑިއުޓީ ބޮޑުވުމުގެ ސަބުން، ސިނގިރޭޓުގެ އަގު ބޮޑުވެ ޒުވާނުން ބިޑި އޮޅަން ޖެހިފައިވާ ކަމަށާއި މި ބިލަކީ ޒުވާޏުންގެ ކަންބޮޑުވުންތަކަށް ލިބިގެންދާނެ ހައްލެއް ކަމަށް މެންބަރުން ވަނީ ވިދާޅުވެފައެވެ. އަދި މި ބިލް ގާނޫނަކަށް ބަދަލުވެގެން ދިޔުމުން ގާތްގަނޑަކަށް 130 ރުފިޔާއަށް ސިނގިރޭޓު ފޮއްޓެއް ޖެހިގެންދާނެ ކަމަށް މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation
މި ބިލު މަޖިލީހުން ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާއެކު ގާނޫނަށް އަމަލުކުރަން ފަށާނެއެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ގަވާއިދުތަކާއި އުސޫލުތައް އިސްލާހުކޮށް، އާންމުކުރަންޖެހޭނެއެވެ.


