އެމެރިކާގައި ތައުލީމުދޭ ތަންތަނުން ހިންގާ ކުޅިވަރު ހަރަކާތްތަކުގައި ޓްރާންސްޖެންޑާ އެތުލީޓުން ބައިވެރިނުކުރަށް އެ ގައުމުގެ ސުޕްރީމްކޯޓުން ތާއީދުކޮށްފި
1 ޖުލައި 2026 - 08:52

އެމެރިކާގެ ސްކޫލްތަކާއި ކޮލެޖުތަކުގެ އަންހެން ކުޅިވަރު މުބާރާތްތަކުގައި ޓްރާންސްޖެންޑާ އަންހެނުންނާއި އަންހެން ކުދިން ބައިވެރިވުން މަނާކުރުމަށް ދެ ސްޓޭޓަކުން ނެރުނު ގާނޫނުތަކަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ތާއީދުކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ނިންމާފައިވަނީ ވެސްޓް ވާޖިނިއާ އަދި އައިޑަހޯގައި ކުޅިވަރު މުބާރާތްތަކުން ބާކީކުރި ދެ ދަރިވަރަކު ހުށަހެޅި މައްސަލަތަކާ ގުޅިގެން ދަށު ކޯޓުތަކުން ނެރުނު ހުކުމްތައް ބާތިލުކުރުމަށްފަހުއެވެ. މި ދެ ސްޓޭޓުންވެސް ގާނޫނު ހަދާފައިވަނީ ކުޅިވަރު ޓީމުތަކުގައި ބައިވެރިވެވޭނީ އުފަންވިއިރު ކަނޑައެޅިފައިވާ ޖިންސާ އެއްގޮތަށް ކަމަށް ކަނޑައަޅައިގެންނެވެ.

Ad by Hajj Corporation
މި މައްސަލައިގައި ކޯޓުގެ ނުވަ ފަނޑިޔާރުންވެސް ވަނީ މި މަނާކުރުންތަކުގެ ސަބަބުން ތައުލީމީ ދާއިރާގައި ޖިންސީ ތަފާތުކުރުން މަނާކުރާ 'ޓައިޓަލް IX' ގާނޫނާ ހިލާފުނުވާ ކަމަށް އިއްތިފާގުވެފައެވެ. ނަމަވެސް، ގާނޫނުއަސާސީގެ 14 ވަނަ އިސްލާހުން ކަށަވަރުކޮށްދޭ ހަމަހަމަ ހިމާޔަތް ލިބުމުގެ ހައްގާ މެދު ފަނޑިޔާރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދުނެވެ. ކޯޓުގެ ހަ ކޮންޒަވޭޓިވް ފަނޑިޔާރުން މި ނިންމުމަށް ތާއީދުކުރެއްވިއިރު، ތިން ލިބަރަލް ފަނޑިޔާރުން ވަނީ މި ނިންމުމާ ދެކޮޅު ހައްދަވާފައެވެ.
ހުކުމް ލިޔުއްވި ފަނޑިޔާރު ބްރެޓް ކަވަނޯ ވިދާޅުވީ، އެމެރިކާގެ އަންހެން ކުޅިވަރުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނައުމަށް ގާނޫނުއަސާސީއާއި ޓައިޓަލް IX އިން ލާޒިމް ނުކުރާ ކަމަށެވެ. ނަމަވެސް، ފަނޑިޔާރު ސޯނިއާ ސޮޓޮމަޔޯ ވަނީ މި ނިންމުމުގެ ސަބަބުން ހަމަހަމަ ހިމާޔަތް ލިބުމުގެ ހައްގު ކުޅިވަރުގެ ދާއިރާއިން ހަނިވެގެން ގޮސްފައިވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މި ނިންމުމާ ގުޅިގެން ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވީ މިއީ ލިބުނު "ބޮޑު ކާމިޔާބީއެއް" ކަމަށެވެ. އަދި ފަސްޓް ލޭޑީ މެލަނިއާ ޓްރަމްޕް ވިދާޅުވީ މިއީ އަންހެން އެތުލީޓުންނަށް ލިބުނު ކާމިޔާބީއެއް ކަމަށާއި، އެލްޖީބީޓީކިއު+ މުޖުތަމައުގެ ހައްގުތަކަށް އިހުތިރާމްކުރާ ހާލު އަންހެން ކުޅިވަރުގެ އިންސާފުވެރިކަން ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ.
މި މަނާކުރުންތަކަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ ޓްރާންސްޖެންޑާ އަންހެނުންނަށް (އުފަންވިއިރު ފިރިހެން ޖިންސުގެ މީހުންނަށް) ބަޔޮލޮޖިކަލް ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންވާ ކަމަށެވެ. ނަމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނަނީ މިއީ ޓްރާންސްޖެންޑާ ދަރިވަރުންނާ މެދު ހިންގޭ ބޮޑު ތަފާތުކުރުމެއް ކަމަށާއި، މީގެ ސަބަބުން އެ ކުދިން ކުޅިވަރުގެ މައިދާނުން ބާކީވެގެންދާނެ ކަމަށެވެ.


