ހިތަދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ގެއެއް 90 ދުވަހަށް ބަންދުކޮށްފި
2 ޖުލައި 2026 - 06:55

އައްޑޫ ސިޓީ ހިތަދޫ "މައިލޯސިޓީ" ގޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުން ގެންދާތީ އެ ގެ ބަންދުކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފިއެވެ.
ފުލުހުން ބުނިގޮތުގައި މި އަމުރު ނެރެފައިވަނީ މި މަހުން ފެށިގެން 90 ދުވަހުގެ މުއްދަތަށެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ނަންބަރު 17/2011 ގެ 2-156 ވަނަ މާއްދާގެ ދަށުން ނެރުނު މި އަމުރަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދޭ ތަނެއް ބަންދުކުރުމަށް އެ ކޯޓުން ނެރުނު ދެވަނަ އަމުރެވެ.

Ad by Hajj Corporation
އެ ގެ ބަންދުކުރުމުގެ އަމުރު ނެރެފައިވަނީ އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުން ގެންދާތީއާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދެމުން ގެންދާތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރަމުން ދިއުމުގެ ސަބަބުން އާންމު ސަލާމަތަށް ބުރޫ އެރުމާއި ބަޔަކަށް ނުރައްކާ ކުރިމަތިވަމުން ދާ ކަމަށް އެ އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ފުލުހުން ބުނިގޮތުގައި އެ ގޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ވެސް ފާހަގަކުރެވިފައިވެއެވެ. އަދި އެ ގެއާއި އެ ގެ ހިމެނޭ ސަރަހައްދުގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި މީހުން ރަހީނުކުރުމާއި ވައްކަން ކުރުން ފަދަ ޖިނާއީ ކުށްތައް ކުރަމުންދާ ކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


