logo
Bank of Maldives

Bank of Maldives

ޚަބަރު

ފުލުހުންގެ ހަގީގީ ކާމިޔާބީއަކީ ރައްޔިތުންގެ އިތުބާރާއި ހިނިތުންވުން: ސީޕީ

ޒިދާން މުޙައްމަދު
2 ޖުލައި 2026 - 17:57
ފުލުހުންގެ ހަގީގީ ކާމިޔާބީއަކީ ރައްޔިތުންގެ އިތުބާރާއި ހިނިތުންވުން: ސީޕީ

ފުލުހުންގެ ހަގީގީ ކާމިޔާބީއަކީ ކޮނޑުގައި ޖަހާ ރޭންކެއް ނުވަތަ މެޑެއްޔެއް ނޫން ކަމަށާއި، އެއީ ކުށުގެ ނުރައްކަލުން ސަލާމަތްވުމުން ރައްޔިތެއްގެ މޫނުމަތިން ފެންނަ އުފާވެރި ހިނިތުންވުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ މިހެން ވިދާޅުވީ ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ގޮތުން ބޭއްވި ފާސިންގ އައުޓް ޕެރޭޑްގައި ދެއްކެވި ވާހަކަފުޅުގައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ ލޭބަރ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާނެވެ. ކޮމިޝަނަރ ވަނީ މިނިސްޓަރ ވަޑައިގެންދެއްވި ކަމަށްޓަކައި މުޅި މުއައްސަސާގެ ނަމުގައި ޝުކުރު ދަންނަވައިފައެވެ.

 

ކޮމިޝަނަރ ވިދާޅުވީ ތަމްރީނުގެ ދުވަސްތަކުގައި ހޫނު އަވީގައާއި ފިނި ރޭގަނޑުތަކުގައި ދަސްކުރި އުކުޅުތަކާއި ހުނަރުތަކަކީ ފުލުހުންގެ ހަށިގަނޑުގައި ހިނގަންޖެހޭނެ ގައުމީ ލޭ ކަމުގައި ހަދަންޖެހޭނެ ކަމަށެވެ. "ތަމްރީނު މައިދާނުގައި އޮހޮރުވާލި ކޮންމެ ދާ ތިއްކަކީ މަގުމަތީގެ އަމާންކަމާއި ރައްޔިތުންގެ ހިތްހަމަޖެހުމަށްޓަކައި ވާންޖެހޭ ގުރުބާނީގެ ފެށުން" ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ޒުވާން އޮފިސަރުންގެ ހިތްތަކުގައި ބެހެއްޓުމަށް އެންމެ ބޭނުންފުޅުވާ ވާހަކައެއްގެ ގޮތުގައި ކޮމިޝަނަރ ފާހަގަކުރެއްވީ ނޫކުލައިގެ ޔުނީފޯމުގެ މާނައެވެ.

ލައިގެން ތިބި ނޫކުލައިގެ ޔުނީފޯމަކީ ހަމައެކަނި ފޭރާމެއް ނޫން ކަމަށާއި އެއީ މަގުމަތީގެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއިން ރައްޔިތުންނަށް ފެންނާނެ ސަލާމަތާއި ރައްކާތެރިކަމުގެ ސޫރަ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ކޮމިޝަނަރ ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ މާނައަކީ ހަމައެކަނި ގާނޫނު ތަންފީޒު ކުރުމެއް ނޫނެވެ. ފުލުހުންނަކީ މުޅި މުއައްސަސާގެ ލޯގަނޑު ކަމަށާއި ރައްޔިތުންގެ ތެރޭގައިވާ ހިތްތަކަށް އަމާންކަން ގެނެސްދޭނެ ފަރުވާއަކަށް ފުލުހުން ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޝަރަފާއި ކަރާމާތް ހިފެހެއްޓުމަކީ ކޮންމެ ފުލުހެއްގެ ބޮލުގައި އެޅިފައިވާ ވާޖިބެއް ކަމަށް ވިދާޅުވެ ﷲ ސުބްހާނަހޫ ވަތައާލާ ހިތާއި އަމަލުތައް މޮޅަށް ބައްލަވާ ވޮޑިގެންވާ ކަން އަބަދުމެ ހަނދާނުގައި ބެހެއްޓުމަށް ކޮމިޝަނަރ އިލްތިމާސް ކުރެއްވިއެވެ.

ކޮމިޝަނަރ ވަނީ، އަސާސީ ތަމްރީނުތައް ޒަމާނީ ފެންވަރަށް މަތީ ހަރުފަތަކަށް ގެންދިއުމަށް ފުލުހުންގެ ކޮލެޖުގެ އިސްވެރިންނާއި މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފައެވެ. ކޮމިޝަނަރގެ އެންމެ ބޮޑު އެދިވަޑައިގަތުމެއްގެ ގޮތުގައި ވިދާޅުވީ ކުރިއަށް އޮތް 43 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހާ އެކު ޒަމާނީ ބަދަލުތައް އަމަލީ ގޮތުން ތަންފީޒުވާން ފެށުން ކަމަށެވެ. އަލަށް އެކުލަވައިލެވޭ މަންހަޖުގެ ދަށުން އަމަލީ މައިދާނުގައި ފެންވަރު ރަނގަޅު ނަމޫނާ އޮފިސަރުން ބިނާކުރުމަށް ހާއްސަ އިސްކަމެއް ދެއްވުމަށް ވެސް ކޮމިޝަނަރ އެދިވަޑައިގެންނެވިއެވެ.

ކޮމިޝަނަރ ވަނީ ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގެ މަތިން ހުރިހާ މުވައްޒަފުން ހަނދާންކޮށްދެއްވައިފައެވެ. އެގޮތުން ތަމްރީނު މަރުކަޒުތައް ފެންވަރު ރަނގަޅު ޒަމާނީ ވަސީލަތްތަކުން ފުރިގެންވާ ތަންތަނަށް ބަދަލުވެގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށާއި ޒަމާނީ ބަދަލުތަކާ އެކު ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރާއި ގަދަރު ލިބިގެންވާ ތަނަކަށް ހައްދަވާނެ ކަމަށް ރައީސް ވިދާޅުވި ކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

ވާހަކަފުޅު ނިންމަވައިލައްވަމުން ކޮމިޝަނަރ ވަނީ ފުލުހުންގެ ހިދުމަތް ތަރައްގީކޮށް ބޭނުންވާ ވަސީލަތްތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކޮށްދެއްވާ މަސައްކަތްޕުޅަށް ޝުކުރު ދަންނަވައިފައެވެ. އަދި ކޮލެޖުގެ ހިންގުންތެރި ވެރިންނާއި ކޯހުގެ މުދައްރިބުން ކުރެއްވި ބުރަ މަސައްކަތަށާއި ރޭދުވާލު ވަރުބަލިކަމެއް ނެތި ފެސިލިޓީ ކުރިއަށް ގެންދިއުމަށް ކޮށްދެއްވި މަސައްކަތަށް ވެސް ކޮމިޝަނަރ ޝުކުރާއި ސާބަސް ދެންނެވިއެވެ. މީގެ އިތުރުން ދަސްވެނިވި ހުރިހާ އޮފިސަރުންނަށާއި އެ އޮފިސަރުންގެ ބެލެނިވެރިންނަށް ތަހުނިޔާ އާއި މަރުހަބާ ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުލުހުންގެ ހަގީގީ ކާމިޔާބީއަކީ ރައްޔިތުންގެ އިތުބާރާއި ހިނިތުންވުން: ސީޕީޚަބަރު | 2 ގަޑިއިރު ކުރިންފުލުހުންގެ އަސާސީ ތަމްރީން ކޯހުން 140 އޮފިސަރުން ދަސްވެނިވެއްޖެޚަބަރު | 2 ގަޑިއިރު ކުރިންހިތަދޫގައި ހިންގާ މަސްތުވާތަކެތީގެ އައްޑާއެއް ބަންދުކޮށްފިޚަބަރު | 13 ގަޑިއިރު ކުރިންކަަނޑުމަތީ އޮޔާ ދިޔަ ޓޫރިސްޓަކު ސަލާމަތްކޮށްފިޚަބަރު | ދުވަހެއް ކުރިން