ސީރިޔާގެ މަޖިލީހަށް މަޝްހޫރު އެކްޓްރެސް ރޮޒީނާ ލަޒްކާނީ އައްޔަންކޮށްފި
3 ޖުލައި 2026 - 11:16

ސޫރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ، އެ ގައުމުގެ އާ އިންތިގާލީ ރައްޔިތުންގެ މަޖިލީހަށް މަޝްހޫރު އެކްޓްރެސް ރޮޒީނާ ލަޒްކާނީ އައްޔަންކުރައްވައިފިއެވެ.
ސޫރިޔާގެ ރަސްމީ ނިއުސް އެޖެންސީ (ސަނާ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، 210 ގޮނޑި ހިމެނޭ ރައްޔިތުންގެ މަޖިލީހަށް ރައީސް އައްޔަންކުރެއްވި 70 މެންބަރުންގެ ތެރޭގައި އުމުރުން 36 އަހަރުގެ ރޮޒީނާ ހިމެނެއެވެ.

Ad by Hajj Corporation
ނެޓްފްލިކްސް އިން ދައްކާ މަޝްހޫރު ޑްރާމާ ސިލްސިލާ "އަލް-ހައިބާ" އިން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ރޮޒީނާ ވަނީ، 2024 ވަނަ އަހަރު ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމަށްފަހު އުފެދުނު އާ ސަރުކާރުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން އެކަމަށް ޝުކުރު އަދާކޮށްފައެވެ.
"އިންސާނަކަށް ދެވޭނެ އެންމެ ބޮޑު ހަދިޔާއަކީ އިތުބާރު. ރައީސް އަޅުގަނޑަށް ކުރެއްވި މި އިތުބާރަކީ އަޅުގަނޑުގެ ހަޔާތުގައި ވަރަށް މުހިންމު ކަމެއް،" އިންސްޓަގްރާމްގައި އޭނާ ލިޔެފައިވެއެވެ.
ރޮޒީނާ އިތުރަށް ބުނެފައިވަނީ އޭނާގެ ގައުމަށް ހިދުމަތް ކުރުމުގައި އެންމެ ފުރިހަމަ ޒިންމާދާރުކަމާއެކު މަސައްކަތް ކުރާނެ ކަމަށާއި، އުންމީދަކީ ސޫރިޔާއަށް ހައްގުވާ ފަދަ އާ ގައުމެއް ބިނާކުރުން ކަމަށެވެ. 2014 ވަނަ އަހަރު އެކްޓިންގެ ދާއިރާއަށް ނުކުތް ރޮޒީނާއަކީ ސިޔާސީ ނުވަތަ ސަރުކާރުގެ އެއްވެސް ތަޖުރިބާއެއް ހުރި ފަރާތެއް ނޫން ނަމަވެސް، އޭނާއަކީ ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ފަރާތެކެވެ.
ރައީސް ޝަރާ އައްޔަންކުރެއްވި މެންބަރުންގެ ތެރޭގައި މަދަނީ ހަނގުރާމައިގައި އަނިޔާލިބުނު އާއިލާތަކުގެ މީހުންނާއި، ކުރީގެ ޖަލު ބަންދީންނާއި، އަސަދުގެ ސަރުކާރުން ދިން ކެމިކަލް ހަމަލާތަކުން ސަލާމަތްވި މީހުން ހިމެނެއެވެ. އިލެކްޝަން ކޮމިޓީގެ މުގައްރިރު މުހައްމަދު ތާހާ އަލް-އަހުމަދު ވިދާޅުވި ގޮތުގައި، މި އައްޔަންކުރުންތަކުގެ މަގްސަދަކީ މަޖިލީހުގައި ތަފާތު ދާއިރާތަކުގެ ތަޖުރިބާކާރުންނާއި އެކި ފަންތީގެ އަޑުތައް ހިމެނުމެވެ.
މިފަހަރުގެ އައްޔަންކުރުންތަކާއެކު މަޖިލީހުގައި އަންހެން މެންބަރުންގެ އަދަދު ވަނީ 21 އަށް އިތުރުވެފައެވެ. ނަމަވެސް، ސޫރިޔާގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނާ ގޮތުގައި، މަޖިލީހުގައި އަންހެނުންނާއި މައިނޯރިޓީ ގްރޫޕްތަކަށް ދީފައިވާ މިންވަރު އަދިވެސް އެކަށީގެންވާ ވަރަށްވުރެ މަދެވެ.


