ހާލަންޑްގެ ދެ ލަނޑުން ބްރެޒިލް ކަޓުވާލުމަށްފަހު ނޯވޭ ކުއާޓާ ފައިނަލަށް!
6 ޖުލައި 2026 - 00:47

ނިއު ޔޯކް، އެމެރިކާ: ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގެ ފޯރިގަދަ މެޗުގައި، މުބާރާތް ކާމިޔާބުކުރާނެ ކަމަށް ބެލެވުނު ބްރެޒިލް 2-1 ގެ ނަތީޖާއަކުން ބަލިކޮށް ނޯވޭއިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ދެވަނަ ހާފުގައި ނޯވޭއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އެޓީމުގެ ތަރި އާލިންގް ހާލަންޑް އެވެ.

Ad by Hajj Corporation
މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލްއަށް ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. މެޗުގެ 13 ވަނަ މިނެޓުގައި ބްރެޒިލްގެ ބްރޫނޯ ގިމަރޭސް ފޮނުވާލި ޕެނަލްޓީ ނޯވޭގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. އެއާއެކު ފުރަތަމަ ހާފު ނިމުނީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.
މިމެޗުގައި ފެނިގެންދިޔަ ތިން ލަނޑުވެސް ޖަހާފައިވަނީ ދެވަނަ ހާފުގެ ފަހު ފަނަރަ މިނިޓުގެ ތެރޭގައެވެ. މެޗުގެ 79 ވަނަ މިނެޓުގައި މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތަކުން އާލިންގް ހާލަންޑް ލަނޑެއް ޖަހައި ނޯވޭއަށް މެޗުގެ ލީޑު ހޯދައިދިނެވެ.
މިލަނޑަށްފަހު ބްރެޒިލްއިން ކުރިއަށް އަރާ އެއްވަރުކުރަން މަސައްކަތް ކުރަނިކޮށް، ކައުންޓާ އެޓޭކެއްގައި ހާލަންޑް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، 89 ވަނަ މިނިޓުގައި ނޯވޭގެ ލީޑު ފުޅާކޮށްދީފައެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބްރެޒިލް އަށް ސުން ކަނޑުވާލައިދިނީ މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ތަޖުރިބާކާރު ފޯވާޑް ނޭމާ އެވެ. މިއީ އަނިޔާއިން އެނބުރި އައިސް، މިމުބާރާތުގައި ނޭމާ ކުޅުނު ދެވަނަ މެޗެވެ.


