ކެންސަރަށް ފަރުވާ ކުރާ ނަކަލު އިންޖެކްޝަނެއް، ރާއްޖެއް އިން ޑަބްލިއުއެޗްއޯގެ ސަމާލު ކަމަށް ގެނެސްފި
6 ޖުލައި 2026 - 07:46

ކެންސަރަށް ފަރުވާކުރާ ނަކަލު އިންޖެކްޝަން ބެޗެއް ފެނުމުން ދިވެހި ރާއްޖެއިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ސަމާލު ކަމަށް އެކަން ގެނެސްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ، ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ "ޑާޒަލެކްސް" ކިޔާ އިންޖެކްޝަނެއްގެ ފޭކެއް ނުވަތަ ނަކަލު ބެޗްތަކެއް ފެނިފައި ވަނީ އަމިއްލަ މީހަކު އޭނާގެ ފަރުވާއަށް ރާއްޖެއަށް އެ ބޭސް ގެނައުމުން ކަމަށެވެ. ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ސަމާލުކަމަށް އެ ބޭސް ގެނެސްފައިވަނީ އެއިން ޝައްކުކުރެވޭ ކަންތައްތަކެއް ފެނިގެން ކަމަށް ވެސް އެ އޮތޯރިޓީން މައުލޫމާތުދެ އެވެ.

Ad by Hajj Corporation
ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ މިކަން ކަށަވަރުވީ އެ ބޭސް އުފައްދާ އަސްލު ކުންފުންޏާ ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ. އަދި އެމަސައްކަތުން އެއީ އެ ކުންފުނިން ތައްޔާރުކޮށްފައިވާ ބޭހެއް ނޫންކަމަށާއި އެހެންތަނެއްގައި ބަޔަކު ވަގަށް އުފައްދަމުންދާ ބޭހެއްކަން ދެނެގަނެފައިވާ ކަމަށް ވެސް އެ އޮތޯރިޓީން މައުލޫމާތުދެ އެވެ.
އެއާއެކު ދުނިޔޭގެ އެހެން ޤައުމުތަކަށް އެ ބޭސް އެތެރެކޮށްފައިވޭތޯ ބެލި ބެލުމުން މެކްސިކޯއަށްވެސް އެ ބޭސް އެތެރެކޮށްފައިވާކަން އެނގިފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުނެ އެވެ. ރާއްޖެއިން ފެނުނު ބޭހަށް އަޅާފައި ހުރި އެއްޗެހި ދެނެގަތުމަށް އެ ބޭސް އުފައްދާ އަސްލު ކުންފުނީގެ ލެބޯޓަރީއަށް ވަނީ ފޮނުވާފަ އެވެ.
ޑަބްލިއުއެޗްއޯއިން ނެރުނު އެލާޓްގައި ބުނެފައި ވަނީ ރާއްޖެ އާއި މެކްސިކޯއިން ފެނުނު އެ ބޭސްތަކުގެ ސަބަބުން ބަލިމީހުންގެ ފުރާނައަށް ނުރައްކާވެ ފަރުވާގެ ނިޒާމަށް ބޮޑެތި ބުރޫތަކެއް އަރާފާނެ ކަމަށެވެ. ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ "ޑާޒަލެކްސް" އަކީ ކަށީގެ މަދުގެ ކެންސަރުގެ ބާވަތެއް ކަމަށްވާ "މަލްޓިޕަލް މައިލޯމާ" އާއި ލޭގެ ބައްޔެއް ކަމަށްވާ "އެމިލޮއިޑޯސިސް" އަށް ފަރުވާ ކުރުމަށް ބޭނުންކުރާ އެންޓިބޮޑީއެއް ކަމަށެވެ. އަދި މިއިންޖެކްޝަން ރާއްޖޭގެ އެއްވެސް މީހަކަށް ޖަހާފައި ނުވާކަމަށް ސިއްހަތާ ބެހޭ ވުޒާރައިން މައުލޫމާތުދެ އެވެ.
މި ބޭސް އުފައްދާ ކުންފުނި "ޖޭންސެން" އާ ހަވާލާދީ ޑަބްލިއުއެޗްއޯއިން ބުނެފައި ވަނީ MYS7381 އަދި STV1K01 ނަމްބަރު ޖަހާފައިވާ އެ ބޭހުގެ ބެޗްތަކަކީ ސައްހަ ބެޗްތަކެއް ނޫން ކަމަށެވެ. އެހެންކަމުން "ޑާޒަލެކްސް" ބޭހުގެ އެ ނަމްބަރުތައް ޖަހާފައިވާ ބޭސް ބޭނުން ނުކުރުމަށް އެ ޖަމިއްޔާއިން ވަނީ އަންގާފަ އެވެ.


