ޔޫތު ހަބަކީ އާއިލާތަކާއެކު ވޯލްޑް ކަޕް ބަލާލަން ރައްކާތެރި އުފާވެރި މާހައުލެއް: މަމްދޫހް
6 ޖުލައި 2026 - 12:28

ޔޫތު ހަބަކީ އާއިލާތަކާއެކު ވޯލްޑް ކަޕް ބަލާލަން ރައްކާތެރި އަދި އުފާވެރި މާހައުލެއް ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ ނައިބު އިބްރާހިމް މަމްދޫހް (މަންޑޭ) ވިދާޅުވެއްޖެއެވެ. ޑެޕިއުޓީ މިނިސްޓަރ މިފަދައިން ވިދާޅުވީ، މެންދުރު ޓީވީން ގެނެސްދޭ "މައުޟޫއު" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައެވެ.
ދިވެހި ޒުވާނުންނަށާއި އާއިލާތަކަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ވޯލްޑް ކަޕް ބަލާލެވޭނެ ގޮތް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ކަމާބެހޭ އިދާރާތަކުގައި ދަންނަވާފައެވެ. މިގޮތުން މާލޭގައި އެންމެ ގިނަ ބަޔަކު ވޯލްޑް ކަޕް ބެލުމަށް ޖަމާވާ އެއް މަރުކަޒަކަށް ޔޫތު ހަބު ހެދުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ޑެޕިއުޓީ މިނިސްޓަރ މަމްދޫހް ވިދާޅުވި ގޮތުގައި، އެއް ފަހަރާ ގިނަ ބަޔަކަށް ވޯލްޑް ކަޕް ބެލޭނެ އިންތިޒާމު ވަނީ ދެ ސަރަހައްދެއްގައި ހަމަޖައްސާފައެވެ. އެއީ އޭސީ ކުރެވިފައިވާ ހޯލެއްގެ އިތުރުން އެތަނުގެ ގޯތި ތެރޭގައި ހަމަޖައްސާފައިވާ ސަރަހައްދެވެ. މި އިންތިޒާމުތައް ހަމަޖައްސާފައިވަނީ އާއިލާތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދޭ ގޮތެއްގައި ކަމަށާއި، ތަނުގެ އަޚްލާގީ މިންގަނޑުތައް ހިފެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޔޫތު ހަބާއި އެ ސަރަހައްދުގެ މަގުމަތީގެ ރައްކާތެރިކަން ބެލެހެއްޓުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ވޮލަންޓިއަރުން ހަރަކާތްތެރިވާނެ ކަމަށް މަމްދޫހް ފާހަގަކުރެއްވިއެވެ. މިއީ މެޗު ބަލަން އަންނަ ފަރާތްތަކަށް ހިތްހަމަޖެހުމާއެކު ވަގުތު ހޭދަކުރެވޭނެކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތެކެވެ.
މީގެ އިތުރުން، ޔޫތު ހަބަށް މެޗު ބަލަން އަންނަ ފަރާތްތަކަށް ހިލޭ ބުއިންތައް ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. މިއީ ވޯލްޑް ކަޕްގެ ފޯރި އިތުރުކޮށް، ޒުވާނުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.


