ނޯތު ހާބަރގެ "އޭ ޒޯން"އިން އޮޑިދޯނި ފަހަރަށް މިހާރު ފެނާއި ކަރަންޓުގެ ޚިދުމަތް ލިބޭނެ!
7 ޖުލައި 2026 - 13:16

މާލޭ ނޯތު ހާބަރގެ "އޭ ޒޯން"ގައި އޮޑިދޯނި ފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ލިބޭނެ ނިޒާމް ޤާއިމްކުުރުމަށް ވިޔަފާރި ބަނދަރުތަކާ ބެހޭ ކުންފުނި (އެމްޕީއެލް)އިން ކުރިއަށް ގެންދިޔަ މަސައްކަތްތައް ފުރިހަމަކުރުމަށްފަހު، ޚިދުމަތް ދޭން ފަށައިފިއެވެ.
މީގެ ކުރިން މާލެ ނޯތު ހާބަރގެ "އޭ ޒޯން" (ބޮޑުތަކުރުފާނު މަގާވީ ފަރާތް) އިން ފެނާއި ކަރަންޓުގެ ޚިދުމަތެއް ނުލިބެއެވެ. ކަރަންޓާއި ފެނުގެ ޚިދުމަތް މީގެ ކުރިން ފޯރުކޮށްދެނީ "ބީ ޒޯން" އަދި "ސީ ޒޯން" އިންނެވެ.

Ad by Hajj Corporation
އެހެން ނަމަވެސް، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢޫގެ ދެވަނަ ސެގްމަންްޓް ފުރިހަމަކޮށް، މާލޭ ނޯތު ހާބަރ ސަރަހައްދު އަލުން ހުޅުުވުމާއެކު ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މާލޭ ނޯތު ހާބަރގެ ޚިދުމަތް ފުޅާކޮށް، "އޭ ޒޯން"ގައި ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އަންގަވައިފައެވެ.
އެހެންކަމުން، މި އަހަރުގެ މާރިޗު މަހުގެ ތެރޭަގައި "އޭ ޒޯން"ގައި ކަރަންޓާއި ފެން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް އެ ކުންފުނިން ފެށިއެވެ.
މާލޭ ނޯތު ހާބަރގެ "އޭ ޒޯން" އިން ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މާލޭ ނޯތު ހާބަރ ބޭނުންކުރާ އޮޑި ދޯނި ފަހަރަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމެކެވެ. މިހާރު "އޭ ޒޯން" އިން އެއް ފަހަރާ 48 އުޅަނދަށް ކަރަންޓު ފޯރުކޮށްދެވޭނެއެވެ. އަދި ފެން ފޯރުކޮށްދޭ 16 ޕޮއިންޓް ވަނީ މިހާރު އެ ސަރަހައްދުގައި ޤާއިމްކޮށްފައެެވެ.
ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމް ޤާއިމްކުރުމަށް މާލޭ ނޯތު ހާބަރ އަދި އެ ކުންފުނީގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓްތަކުން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރެވެއެވެ.


