މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލް ހަދަން ހަވާލުކޮށްފި
20 ޖުލައި 2026 - 18:02

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން، ތިލަފުށީގައި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލް ތަރައްގީކުރުމުގެ މަސައްކަތް ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ކެޕްޓަން ހުސެއިން ޝަފީގެވެ. ސީއެޗްއީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު މާއޯ ބާއޯ އެވެ.

Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މި މަޝްރޫއުގެ ދަށުން ތިލަފުށީގައި ދެ ބާވަތެއްގެ ކީ-ވޯލް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެއީ އިންޓަނޭޝަނަލް ކީ-ވޯލާއި އަދި ޑޮމެސްޓިކް ކީ-ވޯލެވެ. އިންޓަނޭޝަނަލް ކީ-ވޯލްގެ މަސައްކަތުގެ ދަށުން ބައިނަލްއަގުވާމީ މުދާ އުފުލާ ކޮންޓެއިނަރު ބޯޓުފަހަރަށް ހާއްސަކޮށްގެން 14.6 މީޓަރު ފުންމިނުގެ، 375 މީޓަރު ދިގު ކީ-ވޯލްއެއް ހަދާނެއެވެ. އަދި ޑޮމެސްޓިކް ކީ-ވޯލްގެ މަސައްކަތުގެ ދަށުން ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގައި ބޭނުންކުރާ އުޅަނދުފަހަރަށް ހާއްސަކޮށް 5 މީޓަރު ފުންމިނުގެ، 820 މީޓަރު ދިގު ކީ-ވޯލްއެއް ހަދާނެއެވެ.
އެމްޕީއެލް އިން ހާމަކުރި ގޮތުގައި، މާލޭ ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ކަނޑުދަތުރުފަތުރާއި ލޮޖިސްޓިކްސް ދާއިރާގެ ކުރިއެރުމާ އެއްވަރަށް ބަނދަރުގެ ވަސީލަތްތައް ފުޅާކުރުމެވެ. މީގެ އިތުރުން މުދާ އުފުލައި ބޭލުމުގެ ނިޒާމު މިހާރަށްވުރެ ހަލުވި އަދި ހަރުދަނާކުރުމަކީ ވެސް މި މަޝްރޫއުގެ މަގުސަދެކެވެ.
މި މަޝްރޫއުގެ ބައެއް މަސައްކަތްތައް މިދިޔަ މަހުގެ 1 ވަނަ ދުވަހު ވަނީ އެމްޓީސީސީއާ ވެސް ހަވާލުކޮށްފައެވެ. އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 100 މީޓަރުގެ ޑޮމެސްޓިކް ކީ-ވޯލްއަކާއި، ތިން ހެކްޓަރުގެ ސަރަހައްދެއް ޕޭވްކުރުމުގެ މަސައްކަތެވެ.
މުޅި މަޝްރޫއު އެއްކޮށް ނިމޭއިރު، ތިލަފުށީ ބަނދަރުގައި 1,000 މީޓަރަށްވުރެ ދިގު ބައިނަލްއަގުވާމީ ކީ-ވޯލްއެއް އޮންނާނެއެވެ. އަދި މާލޭގެ ނޯތު ހާބަރާއި ސައުތު ވެސްޓް ހާބަރު ބޭނުންކުރާ އުޅަނދުތަކަށް ހާއްސަކޮށް 2,000 މީޓަރަށްވުރެ ދިގު ކީ-ވޯލް ހިމެނޭ ޑޮމެސްޓިކް ޓާމިނަލެއް ވެސް ގާއިމުކުރެވޭނެއެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ މި ބިޔަ މަޝްރޫއުގެ މަސައްކަތްތައް ނޮވެމްބަރު 11، 2027 ގެ ނިޔަލަށް އެއްކޮށް ނިންމާލުމަށެވެ.


