ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައިފި
9 ޖުލައި 2026 - 11:48

މާލޭގެ އުތުރު ފަރާތުގައިވާ ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ މިންވަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، މަޝްރޫޢުގެ ކޮންޓްރެކްޓަރު އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ފުރަތަމަ މަރުޙަލާގެ ދަށުން މިހާރު ކުރިއަށްދަނީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮތް ފަސް ސެގްމެންޓެއްގެ މަސައްކަތެވެ. މަސައްކަތް ހިނގަމުންދާ ސަރަޙައްދަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، އެ މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކަމާގުޅޭ ފަރާތްތަކުން ވަނީ އެމަނިކުފާނަށް އަރުވާފައެވެ.

Ad by Hajj Corporation
މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން މިހާރު ވަނީ ތާރު އެޅުމުގެ މަރުޙަލާ ފަށާފައެވެ. އެގޮތުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް ތާރު އަޅާ ނިމިފައިވާއިރު، ފޮރިން މިނިސްޓްރީން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން އެ ސަރަޙައްދުގެ ބައެއް ހިއްކައިގެން 500 ސައިކަލަށް ޕާކު ކުރެވޭނެ ފަދަ ބޮޑު ޕާކިން ޒޯނެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީގެ އަމާޒަކީ މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ މަސައްކަތެއް ނިންމާ މަގު ހުޅުވާލުމެވެ.
މި މަޝްރޫޢު ނިމުމުން މާލޭގެ ދަތުރުފަތުރަށް ދިމާވެފައިވާ ދަތިތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ.


