އިޙްތިރާމްކުރުމުގެ ރީތި އާދަ އަލުން ދިރުވުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ޚާއްޞަ ކެމްޕެއިނެއް ފަށަނީ
9 ޖުލައި 2026 - 12:17

ދިވެހި މުޖުތަމައުން ފަނޑުވަމުންދާ އިޙްތިރާމްކުރުމުގެ ރީތި އާދަ އަލުން ދިރުވުމަށްޓަކައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ޚާއްޞަ ކެމްޕެއިނެއް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް މިފަދަ ފިޔަވަޅެއް އަޅުއްވަން ނިންމެވީ ދިވެހިވަންތަކަމާއި އަމިއްލަވަންތަކަން ދެމެހެއްޓުމަށް މި ސަރުކާރުން ދޭ އިސްކަމުގެ ތެރެއިންނެވެ.

Ad by Hajj Corporation
މި މަސައްކަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރު ހަވާލުވިއިރު ދިވެހިންގެ އަމިއްލަ އައިޑެންޓިޓީ އޮތީ ނެތިދިއުމުގެ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް، މި ސަރުކާރުން ޤައުމިއްޔަތާއި މާދަރީ ބަހަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދީގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި، ރާއްޖޭގެ ތާރީޚާއި ސަޤާފަތް ދިރުވުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހަށް އައި ބަދަލުތަކާއެކު އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ސިފަ މުޖުތަމައުން ގެއްލިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކުރީގައި އަވައްޓެރިންނާއި ބޮޑެތި މީހުންނަށް ދެމުން އައި ގަދަރާއި އަޚުލާޤީ މިންގަނޑުތައް ސިޔާސީ އޮއެވަރުގެ ތެރޭގައި ވަނީ ހަލާކުވެފައި ކަމަށެވެ. ނަމަވެސް މިއީ ދިވެހިވަންތަކަމުގެ ވަރަށް މުހިންމު ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ރީތި އާދަ އަލުން އަށަގެންނެވުމަށް ފަށާ ޤައުމީ ކެމްޕެއިނަކީ އެންމެހާ ރައްޔިތުންނާއި، މުއައްސަސާތަކާއި ޖަމްޢިއްޔާތައް ބައިވެރިވާނެ ބޮޑު މަސައްކަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. މިކަމަށް ބޭނުންވާ މަޝްވަރާތަކާއި ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ސިޔާސީ ހަރަކާތްތަކުގައި އުޅުމަކީ އަނެކާއަށް ކުރާ އިޙްތިރާމް ދޫކޮށްލަންޖެހޭ ސަބަބެއް ނޫނެވެ. އެހެންކަމުން، ސިޔާސީ ދާއިރާގައި އިސްކޮށް އުޅުއްވާ ފަރާތްތަކުންވެސް މިކަމުގައި ނަމޫނާ ދައްކަވަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ދިވެހި ސަޤާފަތާއި ބަސް ކުރިއެރުވުމުގެ އިތުރުން، އިޖުތިމާޢީ އަޚުލާޤު ރަނގަޅުކުރުމަށް ވަށާޖެހޭ މަސައްކަތްތަކެއް ކުރިއަށް ގެންދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވިއެވެ.


