"މި އިންތިހާބުން ސާފުވި ކަމަކީ މި ސަރުކާރުން ކުރަމުން އަންނަކަންކަން ރައްޔިތުން ބަލައިގަންނެފިކަން"
11 ޖުލައި 2026 - 14:02

މިއަދު ބޭއްވުނު ޕީއެންސީ ގެ ދާއިރާތަކަށް މެންބަރުން ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުން ސާފުވި ކަމަކީ، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ކުރަމުން އަންނަ ކަންކަން ރައްޔިތުން ބަލައިގަންނަ ކަން ކަމަށާއި، އަދި މިކަމުން ރައީސް ޑރ. މުއިއްޒުގެ ސިޔާސަތުތަކަށް ތާއީދު އޮތް މިންވަރު ހާމަވާ ކަން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ ޕީއެންސީ ޖަގަހަ ކުރިމަތީގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ވޯޓުލުމުގެ ފުރުސަތު ބަންދު ކުރިއިރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ ގާތްގަނޑަކަށް %85 މީހުން ވޯޓުލާން ނުކުތް ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެއީ ގާތްގަނޑަކަށް 32،000-33،000 އަދަދެއްގެ މެމްބަރުންނެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕާޓީގެ އެތެރޭގެ އިންތިހާބަކާ އަޅާ ބަލާއިރު، އެއީ ވަރަށް ބޮޑު އަދަދެކެވެ.

Ad by Hajj Corporation
"މިއިން މި އެނގިގެން ދަނީ ކޮންގްރެސް ޕާޓީއާ މެދުގައި ރައްޔިތުންގެ ޝައުގުވެރިކަން އޮތް ވަރު. އަދި މި ޕާޓީގެ ސަރުކާރާއި ޕާޓީގެ ރައީސް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ އިތުބާރު އޮތް ވަރު މިއިން މި ދައްކައި ދެނީ. އެހެން ނޫން ނަމަ، ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި 2،000-3،000 މީހުން ވާދައެއް ނުކުރާނެ. 40،000 މީހުންގެ %85 ވޯޓު ދިނުމަކީ މިކަހަލަ އިންތިހާބެއްގައި ނާދިރު ކަމެއް،" މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
އަބްދުއްރަހީމް ވަނީ އިންތިހާބުގެ ކަންކަން މިހާ އޮމާންކަމާއެކީގައި ކުރިއަށް ދިޔަ ކަމަށްޓަކައި ޕާޓީގެ މެމްބަރުންނަށް ޝުކުރު އަދާކުރައްވައިފައެވެ. އިންތިހާބުގެ ކަންކަން ސުލްހަވެރިކަމާއި އަމާންކަމާއެކީގައި ކުރިއަށް ގެންދަން އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުން ވަރަށް ބޮޑަށް ސަމާލުކަން ދެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މީގެކުރިން ބައެއް ސިޔާސީ ޕާޓީތަކުން ބޭއްވި އިންތިހާބުތަކުގައި ވޯޓު ފޮށި ވަގަށް ނަގައިގެން ގެންދިޔަ މަންޒަރާއި ވޯޓު ފޮށިތައް ފަޅާލި މަންޒަރު ފެންނާނެއެވެ. އެކަމަކު، ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މިއިން އެއްވެސް ކަމެއް ނުހިނގާ ސުލްހަވެރިކަމާއެކު ވޯޓުލުން ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އިންތިހާބާއެކީގައި ޕީއެންސީގައި އިންތިހާބުކޮށްފައި ތިއްބެވި ބޭފުޅުންގެ އަދަދު 3،500 އަށް އަރާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެއީ ރަށްރަށުގައި ތިބި ޕީއެންސީގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން ވެސް ހިމަނައިގެންނެވެ. މިއީ ރާއްޖޭގައި އޮތް އެއްވެސް ސިޔާސީ ޕާޓީއެއްގައި ހިމެނޭ އަދަދެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.


