މާލޭގެ މަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަކީ އަމާޒު: މުއްތަލިބު
13 ޖުލައި 2026 - 18:07

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ކުރިއަށްގެންދާ މަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް އަމާޒުކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލެއާއި ވިލިމާލޭގެ ހުރިހާ މަގުތަކެއް ހެދުމަށް އެއްބަސްވެވިފައިވާ ކަމަށެވެ. ނަމަވެސް ހިލޭ އެހީގެ ދަށުން ކުރިއަށްދާ މަޝްރޫޢުތަކަކީ ގިނަ މަރުޙަލާތަކެއް ކަނޑަނޭޅި، އޭގެ އިމްޕްލިމެންޓޭޝަނާ ހަމައަށް ދިއުމަށް ވަގުތު ނަގާ ކަންކަން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ދެ ފޭސްއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފޭސްގައި މާލޭގެ މައި ދެ މަގު ކަމަށްވާ މަޖީދީމަގާއި ކަނބާއައިސަރަނި ހިނގުމުގެ އިތުރުން، ވިލިމާލޭގައި އަޅާ އާ ހޮސްޕިޓަލާ ގުޅިފައިވާ މަގުތަކުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދެވަނަ ފޭސްގެ ދަށުން މާލޭގެ އެހެން ހުރިހާ މަގުތަކެއް ސަރވޭކޮށް، ރަނގަޅަށް ޑިޒައިން ކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ޗައިނާގެ ކޮންސަލްޓަންޓް ޓީމުން ލަފާދީފައިވަނީ މާލެއަކީ ފެންބޮޑުވުމުގެ މައްސަލަ ބޮޑު ތަނަކަށްވާތީ، އެކަމަށް ފުރިހަމަ ހައްލެއް ލިބޭނެ ގޮތަށް ސަރވޭކޮށް ޑިޒައިން ކުރުމަށްފަހު ނޫނީ ކޮންސްޓްރަކްޝަން މަސައްކަތް ނުފެށުމަށެވެ.
މާލޭގެ ފެންބޮޑުވުމުގެ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. މުއްޠަލިބް ވިދާޅުވީ، މިހާރުވެސް މާލެއަށް ކުރާ ވިއްސާރައިގައި ކުރިން ފެންބޮޑުވާ ވަރަށް ފެންބޮޑުނުވާ ކަމަށެވެ. އެއީ ސަރުކާރުން މޯބައިލް ޕަންޕުތައް ބޭނުންކޮށްގެންނާއި، މާލޭގެ ހުޅަނގު ފަރާތުގައި އިތުރު ސްޓޯމްވޯޓަރ ސިސްޓަމްތައް ގާއިމުކޮށްގެން ވަގުތީ ހައްލެއް ހޯދާފައިވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިހާރު ކުރިއަށްދަނީ މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ކުރަންޖެހޭ އެންމެހާ ފަންނީ މަސައްކަތްތައް ކަމަށެވެ. މި މަޝްރޫޢަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ތަކުލީފު ކަމަށްވާ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ނިމުމެއް ގެނައުމަށް ސަރުކާރުން އިސްކަންދޭ މުހިންމު މަޝްރޫޢެކެވެ.


