އެމެރިކާއިން އެއްބަސްވުމާ ޚިލާފުވާނަމަ އީރާނުންވެސް އިލްތިޒާމްތަކަށް އަމަލެއް ނުކުރާނެ: ބަގާއީ
13 ޖުލައި 2026 - 18:16

އެމެރިކާއިން އެމީހުންގެ އިލްތިޒާމްތަކާ ޚިލާފުވަމުންދާހާ ހިނދަކު، ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އެކުލަވާލާފައިވާ ފަހުމުނާމާގެ ދަށުން އީރާނުން އުފުލަންޖެހޭ ޒިންމާތަކަށް އަމަލުނުކުރާނެ ކަމަށް އެގައުމުން ބުނެފިއެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ތެހެރާންގެ ސިޔާސަތު ބިނާވެފައިވަނީ "އިލްތިޒާމުގެ ބަދަލުގައި އިލްތިޒާމު" ފުރިހަމަކުރުމުގެ އުސޫލުގެ މައްޗަށް ކަމަށެވެ. އަދި އެމެރިކާއިން އެއްބަސްވުމާ އެއްގޮތަށް އަމަލުކުރާނަމަ އީރާނުންވެސް އެގޮތުގައި ދެމިއޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation
ބަގާއީ އިތުރަށް ވިދާޅުވީ، އީރާނަކީ އެއްބަސްވުންތަކާ ޚިލާފުވާ ގައުމެއް ކަމަށް ބުނެ އެއްވެސް ފަރާތަކަށް އިނގިލި ދިއްކުރެވެން ނޯންނާނެ ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ވޮޝިންޓަނުން ދަނީ ތަފާތު ބަހަނާތައް ދައްކައިގެން ފަހުމުނާމާގެ އެކި މާއްދާތަކާ ތަކުރާރުކޮށް ޚިލާފުވަމުންނެވެ. މި ސަބަބާހުރެ މި އެއްބަސްވުން މިހާރު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ސަރަހައްދުގައި އަސްކަރީ ނުތަނަވަސްކަން އިތުރުވަމުން ދިޔަ ނަމަވެސް، ޚާރިޖީ ގުޅުންތަކަކީ އަދިވެސް ހުޅުވިފައި އޮތް ދޮރެއް ކަމަށް ބަގާއީ ވިދާޅުވިއެވެ. މިގޮތުން ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ޑިޕްލޮމެސީގެ ބޭނުން ހިފާނެ ކަމަށާއި، ފާއިތުވި ދުވަސްތަކުގައި ގަތަރާއި އޮމާން އަދި ޕާކިސްތާނާއެކު މުހިންމު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
ސަރަހައްދީ ގައުމުތަކަށް އަމާޒުކޮށް އީރާނުން ހަމަލާދޭ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން ތަރުޖަމާނު ވިދާޅުވީ، އީރާނުގެ އަސްކަރީ ހަރަކާތްތައް އަމާޒުކޮށްފައިވަނީ ހަމައެކަނި އީރާނަށް ހަމަލާދިނުމަށް އެމެރިކާއިން ބޭނުންކުރާ މަރުކަޒުތަކަށް އެކަނި ކަމަށެވެ. އަދި އީރާނާ ދެކޮޅަށް ހަމަލާދިނުމަށް އެއްވެސް ގައުމެއްގެ ބިމެއް ބޭނުންކޮށްފިނަމަ، އެ ތަނަކަށް އީރާނުގެ ދިފާއީ ހަމަލާތައް އަމާޒުވާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.
މި ނުތަނަވަސްކަން އުފެދިފައިވަނީ ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ މުދާ އުފުލާ ބޯޓުތަކަށް ދިން ހަމަލާތަކާ ގުޅިގެން، އެމެރިކާއިން އީރާނުގެ އަސްކަރީ އަމާޒުތަކަށް ހަމަލާދޭން ފެށުމުންނެވެ. މީގެ ރައްދުގައި އީރާނުން ވަނީ ސަރަހައްދުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައެވެ. މި ހާދިސާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެގައުމުގެ ދެމެދުގައި އޮތް ފަހުމުނާމާ މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށް އިއުލާނު ކުރައްވާފައެވެ.


