ވިޔަފާރި ބަނދަރު ރަނގަޅު ކުރުމަށް މިހާރުން މިހާރަށް އެޅޭނެ ފިޔަވަޅުތައް ދަނީ ބަލަމުން: ސައީދު
14 ޖުލައި 2026 - 03:51

މާލޭ ވިޔަފާރި ބަނދަރަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި ތޮއްޖެހުމުގެ މަައްސަަލައާއި ގުޅިގެން އޮޕަރޭޝަންތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް، މި ވަގުތަށްވެސް ކުރެވޭނެ ކަންތައްތައް ދެނެގެނެ، ބަނދަރުން ފޯރުކޮށްދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެމްޕީއެލްއިން އަންނަނީ މަސައްކަތްކުރަމުން ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ތިލަފުއްޓަށް ބޯޓު ފަހަރު ބަނދަރުކޮށް، ހުސް ކޮންޓެއިނަރު ބަރުކުރުމުގެ ކާމިޔާބު 4 އޮޕަރޭޝަނެއް ކުރިއަށްގެންދިއުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ދަތުރުފަތުރާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ ކުރިއެރުމަށް ބޮޑެތި ހުރަސްތައް ފުނިޖެހެމުން އައިތަން ކުރީގެ ސަރުކާރުތަކަށްވެސް ފެނުނު ކަމަށެވެ. އަދި އެފަދަ އެންމެ ބޮޑު އެއް މައްސަލައަކީ މާލޭ ވިޔަފާރި ބަނދަރު ތޮއްޖެހި މުދާބޭލުމަށް ދިމާވަމުންދިޔަ ދަތިތައް ކަމަށެެވެ.

Ad by Hajj Corporation
ވަޒީރު ވިދާޅުވީ، ފާއިތުވެދިޔަ ސަރުކާރުތައް އައިސް ގޮސް ޒަމާން ބަދަލުވިއިރުވެސް މިމައްސަލަ އެއް ހިސާބެއްގައި ތާށިވެފައި އޮތް ކަމަށެވެ. އަދި މި މައްސަލައިގެ އެއްވެސް ހައްލެއް އެ ސަރުކާރުތަކަށް ހޯދިފައިނެތްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާރު މި މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ވަޒީރުގެ ޕޯސްޓުގައި، ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ފަދައިން، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫޢު 2027 ވަނަ އަހަރުގެ ނޮވެންބަރު މަހަށް ނިންމުމަށް އަމާޒު ހިފާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މި ބޮޑު މަޝްރޫޢު ކުރިއަށްދާއިރު، ބަނދަރުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ވަގުތީ ގިނަ އިންތިޒާމްތަކެއްވެސް މިހާރު ހަމަޖައްސާފައިވާކަން ފާހަގަކުރައްވާ، ތިލަފުށިން މުދާ ބަރުކުރުމާއި ބޭލުމުގެ ޚިދުމަތް ފެށުމަކީ މިގޮތުން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.
ބަނދަރުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ކުރަމުންދާ ވަގުތީ މަސައްކަތްތަކުގެ ތެރެއިން ތިލަފުށީގައި ގާއިމުކޮށްފައިވާ ކީ ވޯލްއަށް ބޯޓުފަހަރު ބަނދަރުކޮށްގެން ހުސް ކޮންޓެއިނަރު ބަރުކުރުމުގެ ފުރަތަމަ ޓްރައިލް އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ މިދިޔަ މަހުގެ 3 ވަނަ ދުވަހުއެވެ. އަދި އިއްޔެވެސް އެމްޕީއެލްއިން މިވަނީ 'އެމްވީ ސެލެސްޓިއާ' ބޯޓަށް ކޮންޓެއިނަރު ބަރުކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މި މަސައްކަތުގެ ދަށުން 24 ގަޑިއިރު ނުވަނީސް އެ ބޯޓަށް ޖުމްލަ 372 ޓީއީޔޫގެ ކޮންޓެއިނަރު ވަނީ ބަރުކޮށްފައެވެ.
މިއީ މިދިޔަ މެއި މަހު ތިލަފުއްޓަށް ބޯޓު ފަހަރު ބަނދަރުކޮށް، ހުސް ކޮންޓެއިނަރު ބަރުކުރުމުގެ ޓްރަޔަލް އޮޕަރޭޝަންތައް ފެށި ފަހުން އެ ސަރަހައްދަށް ބަނދަރުކުރި ހަތަރުވަނަ ބޯޓެވެ.


