ގައިދީން ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް ފާސްކޮށްފި
14 ޖުލައި 2026 - 14:34

ގައިއިދީންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް، ބިލަށް އިސްލާހު ގެނެސް އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުން މިދިޔަ މެއި މަހު ވެސް ވަނީ މި ބިލު ފާސްކޮށްފަ އެވެ. ނަމަވެސް ރައީސް ވަނީ މިބިލުން އަލުން ވިސްނުމަށް ތަސްދީގު ނުކުރައްވާ ފޮނުވާލަފަ އެވެ. ރައީސްގެ އެންމެ ބޮޑު ކަންބޮޑުވުމަށް އޮތީ ފުރަތަމަ ބިލު ފާސްކުރިއިރު ގައިދީންނަށް ގުނަވަން ހަދިޔާ ކުރެވޭ ގޮތަށް އޮތް އޮތުމެވެ. ކޮމެޓީން ފޮނުވި ގޮތަށް މިބިލު މިޔަދު ފާސްކުރީ 58 މެމްބަރުންގެ ވޯޓުންނެވެ.

Ad by Hajj Corporation
މިބިލު މަޖީލީހަށް އަލުން ފޮނުވުމުން އިޖުތިމާއީ ކޮމިޓީން މިބިލަށް ބަހުސް ކުރުމަށް ފަހު ގައިދީންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް ބަދަލުކޮށް، އަލުން ވަނީ މަޖިލިހުގެ ތަޅުމަށް ހުށަހަޅާފަ އެވެ. މިހާރު ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ގުނަވަން ހަދިޔާކުރާ މީހާ އަކީ ކުށުގެ ތުހުމަތުގައި ހުރި މީހެއް ނުވަތަ ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ ގައިދީއެއް ކަމުގައި ވެގެން ނުވާނެ އެވެ. އަދި އެ މީހަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ވެސް ވެގެން ނުވާނެ އެވެ.
މިބިލު އިސްލާހުކުރިއިރު ބިލުގައި ކަނޑައަޅާފައިވާ އަދަބުތަކަށް ވެސް ބަދަލު ގެނެސްފައިވެ އެވެ. އޭގެތޭގައި ގާނޫނުގެ ދަށުން ކުށެއް ކަމަށް ކަނޑައަޅާފައިވާ ކަމެއް މީހަކު ކޮށްފި ކަމަށް ނިންމާ އަދަބެއްގެ ގޮތުން އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ގިސޯސް ހިފިދާނެ ކަމަށްވެ އެވެ. މިއާއެކު ގިސޯސް މާފުކުރާ ހާލަތުގައި ދިޔައެއް ނަގައިދިނުމާ އެކު 250،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް 18 މަހާއި 24 މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވިދާނެ ކަމަށް ވެސްވެ އެވެ. ނަމަވެސް ކޮމެޓީ މަރުހަލާގައި ބިލު ފާސްކުރިއިރު ވަނީ އަދަބުގެ ތެރެއިން ގިސޯސް ހިފުމާއި ދިޔަ އުނިކޮށްފަ އެވެ. މިހާރު އޮތީ ޖޫރިމަނާއާ ޖަލު އަދަބެވެ.


