ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މިއަހަރު 36،000 ވުރެ ގިނަ ކާގޯ އުފުލާފައިވޭ
21 ޖުލައި 2026 - 14:42

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި 36،000 ވުރެ ގިނަ ކާގޯ އުފުލާފައިވާ ކަމަށް މޯލްޑިވްސް އެއަޕޯޓްސްއިން ކޮމްޕެނީ (އެމްއޭސީއެލް) ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު އެއަރޕޯޓުން ވަނީ 36,367 ޓަނުގެ ކާގޯ ހޭންޑްލްކޮށްފައެވެ. މިއީ، ކުރީ އަހަރާ އަޅާބަލާއިރު %5 ގެ ކުރިއެރުމެކެވެ. މީގެ ތެރެއިން ޓްރާންސްޝިޕްމަންޓު ކާގޯގެ ގޮތުގައި 7,982 ޓަނު އުފުލާފައިވާއިރު، މިއީ %15 ގެ އިތުރުވުމެކެވެ.

Ad by Hajj Corporation
އެމްއޭސީއެލް އިން ބުނީ ފްރައިޓަރ އޮޕަރޭޝަންތަކަށް ވެސް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އެގޮތުން 358 ފްލައިޓެއްގައި 2,925 ޓަނުގެ މުދާ އުފުލާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %174ގެ ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން، މިމަހުގެ 12 ވަނަ ދުވަހު އެއް ދުވަހެއްގެ ތެރޭގައި 140 ޓަނުގެ ޓްރާންސްޝިޕްމަންޓް ކާގޯ ހޭންޑްލްކޮށް، އެއަރޕޯޓުގެ ތާރީޚުގައި އައު ރެކޯޑެއް ވަނީ ޤާއިމުކޮށްފައެވެ.
މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހަށް ބަލާއިރު، ރާއްޖެއަށް ޓްރާންސްޝިޕްމަންޓް މުދާ އެންމެ ގިނައިން އެތެރެވި ޤައުމުތަކުގެ ތެރެއިން ދެވަނަ ލިބެނީ، ޗައިނާއަށެވެ. މި ލިސްޓުގެ އެއްވަނައިގައި ސްރީލަންކާ އޮތްއިރު، ރާއްޖެ މެދުވެރިކޮށް އެންމެ ގިނައިން މުދާ ފޮނުވާފައިވަނީ، އެމެރިކާއަށެވެ. އެއީ، ގާތްގަނޑަކަށް 1,618 ޓަނުގެ މުދަލެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ "ސީ-ޓޫ-އެއަރ" ޚިދުމަތަކީ، މި ދާއިރާ ކުރިއެރުވުމަށް އެހީތެރިވެދޭ މުހިންމު ވަސީލަތެކެވެ. 2024 ވަނަ އަހަރު މި ޚިދުމަތް ފެށި ފަހުން، 17 އެއަރލައިނަކާ ގުޅިގެން 5,000 ޓަނަށްވުރެ ގިނަ ކާގޯ ވަނީ އުފުލާފައެވެ. މީގެ ތެރޭގައި ކޮލަމްބޯ، މުމްބާއީ، ޑާކާ އަދި ޓުޓިކޮރިން ފަދަ ސަރަހައްދީ ބަނދަރުތަކުން އަންނަ މުދާ، ރާއްޖެ މެދުވެރިކޮށް ޔޫރަޕާއި އުތުރު އެމެރިކާގެ މަންޒިލުތަކަށް ފޮނުވުން ހިމެނެއެވެ.
އެމްއޭސީއެލްއިން ލަފާކުރާ ގޮތުގައި 2026 އަދި 2027 ވަނަ އަހަރުގެ ފިނި މޫސުމާ ދިމާކޮށް އެއަރލައިންތަކުގެ ޖާގަ އިތުރުވެ، ވިލާތުގެ އައު މަންޒިލްތަކަށް ދަތުރުތައް ފެށޭނެއެވެ. މި ކުރިއެރުންތަކާއެކު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ޓްރާންސްޝިޕްމަންޓް މަރުކަޒަކަށް ވާނެ ކަމަށް އެ ކުންފުނިން ދެކެއެވެ.


