އެސްއޯއީތަކުގެ ހިންގުން ހަރުދަނާކުރުމަށް، އޯޓީގެ އުސޫލުތައް އިސްލާހުކުރުމަށް ޕީސީބީއިން އަންގައިފި
21 ޖުލައި 2026 - 14:28

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސިޔާސަތު އެއްހަމަ ކުރުމަށްޓަކައި، އިތުރުގަޑީގެ ފައިސާ ދިނުމާއި ގުޅޭ އުސޫލުތައް އިސްލާހު ކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި އެކުންފުނިތަކުގެ ސަބްސިޑިއަރީތަކަށް ޖުލައި މަހުގެ 21 ވަނަ ދުވަހު ޕީސީބީން ފޮނުވި ސާރކިއުލާގައި ވަނީ، ހަފްތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރާ ވަގުތަށް އެކަނި އިތުރުގަޑީގެ ފައިސާ ލިބޭގޮތަށް ކުންފުނިތަކުގެ އޯޓީ ދޭ އުސޫލަށް ބަދަލުކުރުމަށް އިރުޝާދު ދީފައެވެ.

Ad by Hajj Corporation
މިނިންމުމުގެ މަޤްސަދަކީ އިތުރުގަޑީގެ މަސައްކަތް ބެލެހެއްޓުމުގައި ހުރިހާ ކުންފުންޏަކުންވެސް އެއް އުސޫލަކަށް އަމަލުކުރުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ހުރިހާ ކުންފުންޞެއްގެ ސިޔާސަރުތައް އެއްހަމަކުރުން ކަމަށް ޕީސީބީއިން ބުނެއެވެ. މިނިންމުމުގެ ސަބަބުން ރާއްޖޭގެ މާލީ ނިޒާމަށް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގައި ކުރިއެރުމެއް ލިބޭނެ ކަމަށް ޕްރައިވަޓައިޒޭޝަން ބޯޑުން ބުނެއެވެ.
ޕީސީބީއިން ވަނީ، އިތުރުގަޑީގެ ފައިސާ ދިނުމުގައި ވަކި ކެޕެއް ކަނޑައަޅާފައިވާ ކުންފުނިތަކުންވެސް، އެ ކުންފުނިތަކުގެ މިހާރުގެ އުސޫލުތަކާއި، 48 ގަޑިއިރުގެ އުސޫލު އަޅާކިޔައި، ކުންފުނިތަކަށް މާލީގޮތުން އެންމެ ފައިދާހުރި އަދި ޚަރަދުކުޑަ ގޮތެއް އިޚްތިޔާރުކުރުމަށް އަންގާފައެވެ.
މި ބަދަލުތަކުގެ ސަބަބުން ކުންފުނިތަކުގެ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށްގެންދިއުމަށާއި، މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ހަމަހަމައަށް ބެހުމަށާއި، ބޭކާރު ގޮތުގައި އިތުރުގަޑީގެ މަސައްކަތަށް ބަރޯސާވުން ކުޑަވެގެންދާނެ ކަމަށް ބެލެވޭ ކަމަށް ޕީސީބީއިން މަޢުލޫމާތުދެއެވެ. އަދި މިބަދަލާއެކު އިތުރުގަޑީގެ ޚަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމުން، ކުންފުނީގެ މުހިންމު މަސައްކަތްތަކަށާއި، ޚިދުމަތްތައް ރަނގަޅުކުރުމަށް އިތުރު ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޕީސީބީއިން ބުނެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޕީސީބީއިން ވަނީ، ކުންފުނިތަކުގެ އޯޓީ ދިނުމުގެ އުސޫލަށް ގެންނަންޖެހޭ ބަދަލުތައް ޖުލައި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ގެނައުމަށް އަންގާފައެވެ. އަދި އިސްލާހުކުރެވޭ އުސޫލުތަކަށް 1 އޯގަސްޓް 2026 އިން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ޕީސީބީއިން ބުނެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދާނާކޮށް އެ ކުންފުނިތަކަކީ ފައިދާގައި ހިންގާ ކުންފުނިތަކަށް ހެދުމަށްކުރަމުންދާ މަސައްކަތުގެ ތަރެއިން، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދުން 33 އިންސައްތަ މަދުކުރުމަށްވެސް ޕީސީބީއިން މީގެ ކުރިން ވަނީ އަންގާފައެވެ.


