މިހާރު ރާއްޖޭގައި ހުރި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އީތަން ނިއުރޭޑިއަންޓްއަށް ސޮއިކޮށްފި
22 ޖުލައި 2026 - 05:46

އެންމެފަހުގެ އެފްއޭކަޕްގެ ޗެންޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޓީމު ކުރިއަށް އޮތް ސީޒަނަށް ވަރުގަދަކުރުމުގެ ގޮތުން، ރާއްޖޭގެ އުއްމީދީ ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާ އީތަން އިބްރާހިމް ޒަކީ އެ ކްލަބަށް ސޮއިކޮށްފިއެވެ. ނިއުރޭޑިއަންޓުން ވަނީ އީތަން އާއެކު ކުލަބާއި އަލުން ގުޅުނު ކުޅުންތެރިންނަށް މަރުހަބާ ކިޔުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފައެވެ.
އީތަންއަކީ ނިމިގެންދިޔަ އެފްއޭއެމް 19 އަހަރުން ދަށުގެ ޗެންޕިއަންޝިޕްގައި ނިއުރޭޑިއަންޓްގެ ކެޕްޓަން ބޭންޑް އަޅައިގެން މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އެ މުބާރާތުގެ ފައިނަލާ ހަމައަށް ނިއުރޭޑިއަންޓް ދަތުރުކުރިއިރު، އީތަން ވަނީ ކުޅުނު 5 މެޗުން 1 ގޯލް ޖަހައި 6 އެސިސްޓް ހަދައިދީފައެވެ. މައިގަނޑު ގޮތެއްގައި ފޯވަޑް އަދި ވިންގަރަކަށް ކުޅޭ އީތަންއަކީ ބޯޅަ ގެންގުޅުމާއި ގޯލަށް ނުރައްކާކުރުމުގައި ފާހަގަކޮށްލެވޭ ހުނަރުވެރިއެކެވެ.

Ad by Hajj Corporation
ތާރީޚީ ރެކޯޑުތަކެއް އޮތް ކުޅުންތެރިއެއް
ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި ޒުވާން ތަރިންގެ ތެރޭގައި ހިމެނޭ އީތަން ވަނީ އުމުރުން އެންމެ 14 އަހަރާއި 9 މަހުގައި ދިވެހި ޕްރިމިއަރ ލީގުގައި ލަނޑު ޖަހައި، ލީގު ތާރީހުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ގާއިމުކޮށްފައެވެ. އެ ތާރީޚީ ލަނޑު އޭނާ ކާމިޔާބުކުރީ ކްލަބް ވެލެންސިއާގެ ސީނިއަރ ޓީމަށް ކުޅެމުންނެވެ. މީގެ އިތުރުން، އުމުރުން އެންމެ 17 އަހަރުގައި އޭނާ ވަނީ ރާއްޖޭގެ ސީނިއަރ ޤައުމީ ޓީމުގެ ސްކޮޑުގައި ވެސް ހިމެނިފައެވެ.
ބައިނަލްއަގުވާމީ މައިދާނުގައި ވެސް އީތަން ވަނީ އަގުހުރި ތަޖުރިބާތަކެއް ހޯދާފައެވެ. އެގޮތުން ސްޕެއިންގެ ދެވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ އީއެފް ހުއެސްކާގެ 16 އަހަރުން ދަށުގެ ޓީމަށް އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އޭނާ ވަނީ ކުޅެފައެވެ. މި ތަޖުރިބާތަކާއެކު އޭނާ ނިއުރޭޑިއަންޓާ ގުޅުމަކީ އެ ޓީމުގެ އެޓޭކަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.
ގިނަ ދުވަސްތަކަކަށްފަހު އައު މެނޭޖްމަންޓަކާއެކު ފުރަތަމަ ޑިވިޝަނަށް އެނބުރި އައިސް، މިދިޔަ ސީޒަނުގައި ނިއުރޭޑިއަންޓުން ވަނީ ކުލަބުގެ ތާރީޚުގައި 13 ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ. މިއާއެކު އެ ކްލަބުން ވަނީ ޖުމްލަ 50 ތަށި ހަމަކޮށްފައެވެ. ރާއްޖޭގައި އެންމެ ސަޕޯޓަރުން ގިނަ ކްލަބުގެ ގޮތުގައި ފާހަގަކުރެވޭ ނިއުރޭޑިއަންޓުން އަންނަނީ ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


