ބޮޑުތަފާތަކުން ނިއު މޮޅުވެ، އީގަލްސްގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފި
24 އޮކްޓޯބަރު 2026 - 14:05
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ތާވަލުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ. މި ނަތީޖާއާ އެކު، މި ސީޒަނުގައި މިހާތަނަށް ބަލިނުވެ ދަމަހައްޓަމުން އައި އީގަލްސްގެ ރެކޯޑް ވަނީ ނިމުމަކަށް އައިސްފަ އެވެ. ނިއު އިން ދެ ވަނައިގައި އޮތީ ފަސް މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ. ހަ މެޗުން 11 ޕޮއިންޓް ލިބުނު އީގަލްސް މިހާރު އޮތީ ތިން ވަނައިގަ އެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގެ ނުވަ ވަނަ މިނިޓްގައި ނިއު އަށް ލީޑު ނަގައިދިނީ ޑޮރިއެލްޓަން (ޑޯރީ) އެވެ. އޭގެ ފަހުން 22 ވަނަ މިނިޓްގައި އަލީ އަޝްފާގު (ދަގަނޑޭ) އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން އަލީ ފާސިރު (ސެންޓޭ) ނިއުގެ ދެ ވަނަ ލަނޑު ޖެހި އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ދަގަނޑޭ ނެގި ހުރަހަކުން ޑޯރީ ވަނީ ބޮލުން ތިން ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ.
.png&w=750&q=75)
Ad by Hajj Corporation
ދެ ވަނަ ހާފު ފެށިގެން 50 ވަނަ މިނިޓްގައި އިބްރާހިމް މައިޝާން (މައި) އަދި 68 ވަނަ މިނިޓްގައި ސެންޓޭ ވަނީ ނިއުގެ ލީޑު ފުޅާކޮށްފަ އެވެ. އަދި 77 ވަނަ މިނިޓްގައި ލައިބީރިއާގެ މިޑްފީލްޑަރު ބިލިޓީ ނިއުގެ ހަ ވަނަ ގޯލު ޖެހި އެވެ. އީގަލްސްގެ ހަމައެކަނި ލަނޑު 80 ވަނަ މިނިޓްގައި ކާމިޔާބުކުރީ މިސްރުގެ އެލް ސަޑެކް މުހައްމަދެވެ. ނިއުގެ ފަހު ލަނޑު 88 ވަނަ މިނިޓްގައި ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.

-01.jpg&w=3840&q=75)
