އަންސީޒަނުގައި ހުރިހާ ތަށްޓަކަށް އަމާޒުކޮށް ބަންގްލަދޭޝްގެ ބަސަންދުރައަށް ކުޅޭ ވަރުގަދަ ފޯވާޑްއާއެކު ނިއުރޭޑިއަންޓްއަށް މުހިންމު ކުޅުންތެރިންތަކެއް ސޮއިކޮށްފި
22 ޖުލައި 2026 - 08:28
.jpeg&w=1920&q=75)
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ވަރުގަދައަށް ތައްޔާރުވަމުންދާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ފޯވަޑް ލައިން ވަރުގަދަކުރުމުގެ ގޮތުން، ބްރެޒިލްގެ މޮޅު ފޯވަޑް ޑޮރިއެލްޓޮން ގޯމޭޒް ނަޝިމެންޓޯ އެ ޓީމަށް ސޮއިކޮށްފިއެވެ. ޑޮރިއެލްޓޮން އަކީ ބައިނަލްއަގުވާމީ ފެންވަރުގައި އޭނާގެ މޮޅު ކުޅުން ދައްކާފައިވާ، ގޯލާ ރައްޓެހި ކުޅުންތެރިއެކެވެ.
އާ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު 4 ބިދޭސީ ކުޅުންތެރިން ވަނީ ޓީމާ ގުޅިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ބްރެޒިލްގެ 2 ކުޅުންތެރިންނާއި، ލައިބީރިއާގެ ގައުމީ ޓީމްގެ 2 ކުޅުންތެރިންނެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ޑޮރިއެލްޓޮން އެންމެ ފަހުން ކުޅުނު ކުލަބަކީ ބަންގްލަދޭޝްގެ ބަޝުންދަރަ ކިންގްސް އެވެ. އެޓީމަށް އެންމެ ފަހު ސީޒަންގައި ކުޅުނު 16 މެޗުން އޭނާ ވަނީ 19 ގޯލު ކާމިޔާބުކޮށްފައެވެ. ޖުމްލަ 53 ގޯލު އެ ޓީމަށް ޖަހައިދީ، ބަންގްލަދޭޝް ލީގާއި އިންޑަޕެންޑެންސް ކަޕް ދެ ފަހަރު ކާމިޔާބުކޮށްދީފައިވާ ޑޮރިއެލްޓޮން އަކީ ކެރިއަރުގައި 300 އާ ގާތްކުރާ އަދަދަކަށް ގޯލު ޖަހާފައިވާ، މި ސަރަހައްދުގައި ވެސް އެންމެ ޑިމާންޑް ބޮޑު އެއް ކުޅުންތެރިޔާއެވެ.
ނިއުރޭޑިއަންޓުން އަންނަ ސީޒަނަށް ކުލަބާއި ގުޅުނުކަން އިޢުލާނުކުރި ލައިބީރިއާއަށް އުފަން އުމުރުން 26 އަހަރުގެ އަބްދުލައި ބިލިޓީ ވަނީ ދިވެހި ފުޓުބޯޅައިގައި އޭނާގެ ހުނަރު ދައްކާލައި، ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯދާފައެވެ. ރާއްޖޭގެ އެކި މުބާރާތްތަކުގައި އޭނާ ދައްކަމުންދާ ކުޅުމުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.ބިލިޓީ ވަނީ ގައުމީ ފެންވަރުގެ ތިން މުބާރާތެއްގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެފައެވެ. އޭގެ ތެރޭގައި ދިވެހި ޕްރިމިއާ ލީގު 2025-26 އާއި، އެފްއޭ ކަޕް 2026 އަދި ޕްރެޒިޑެންޓްސް ކަޕް 2026 ހިމެނެއެވެ. ނިއު ރޭޑިއަންޓާއެކު އޭނާ ވަނީ ލީގާއި ކަޕްގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

Ad by Hajj Corporation
އައު ސީޒަނަށް ނިއުރޭޑިއަންޓްގެ ކޮންޓްރެކްޓްގައި ސޮއިކުރި ބްރެޒިލްގެ އުމުރުން 31 އަހަރުގެ ފޯވާޑް ގިލްހާމް ލުއިސް ގޯމޭޒް ދަ ސިލްވާވެސް ވަނީ މިދިޔަ ސީޒަނުގައި ނިއުރޭޑިއަންޓްގެ ޖޯޒީގައި މޮޅުކުޅުމެއް ދައްކާފަްއެވެ.އެގޮތުން ދިވެހި ޕްރިމިއާ ލީގުގައި ގިލްހާމް ވަނީ އޭނާގެ ކެރިއަރުގައި ރާއްޖޭގައި އެންމެ ގިނަ ލަނޑު ޖެހި ސީޒަން ހޭދަކޮށްފައެވެ. އެގޮތުން ގިލްހާމް ލީގުގައި ކުޅުނު 12 މެޗުން އޭނާ ވަނީ ޖުމްލަ 8 ލަނޑު ކާމިޔާބުކޮށް، ޓީމުގެ އެންމެ އިސް ފޯވާޑެއްގެ ގޮތުގައި ފާހަގަވެފައެވެ. ޕްރެޒިޑެންޓްސް ކަޕްގައި ވެސް އޭނާ ޖެހި ލަނޑާއެކު މިދިޔަ ސީޒަނުގައި އޭނާ ޖެހި ޖުމްލަ ލަނޑުގެ އަދަދު ވަނީ ނުވަޔަކަށް އަރާފައެވެ.
މީގެ އިތުރުން، 2026 ވަނަ އަހަރުގެ އެފްއޭ ކަޕްގައި ވެސް ގިލްހާމް ވަނީ ތިން މެޗެއްގައި ކުޅެ، ގައުމީ ފެންވަރުގެ މުބާރާތްތަކުގައި އޭނާގެ ތަޖުރިބާ އިތުރުކޮށްފައެވެ. އޭނާގެ މި ކާމިޔާބީތަކަކީ ރާއްޖޭގެ ފުޓްބޯޅައިގެ މަތީ ފަންތީގައި އޭނާގެ މަގާމު ވަރުގަދަކޮށްދިން ކަންތައްތަކެކެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަަށް ނިމިދިޔަ ސީޒަނުގައި ކުޅުނު ލައިބީރިއާ ޑިފެންޑަރު އަލްބާޓް ކޭ ސްވަން ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައިވެސް އެ ކްލަބަށް ކުޅުމަށް އެއްބަސްވެ، މިއަދުވަނީ ރަސްމީކޮށް ސޮއިކޮށްފައެވެ. އަލްބާޓް ކޭ ސްވަން އަކީ ނިމިދިޔަ ސީޒަނުގައި ނިއުރޭޑިއަންޓުގެ ފަހަތް ބެލެހެއްޓުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

މީގެއިތުރުން މިދިޔަ ސީޒަނުގައި ބުރު ސްޕޯޓްސް ކްލަބަށް ކުޅުނު ގައުމީ ފުޓްބޯޅަ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު މުހައްމަދު ނާއިމްވެސް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް މިއަދު ސޮއިކޮށްފިއެވެ. ނާއިމް އަކީ ފުޓްބޯޅައިގެ އިތުރުން ފުޓްސަލްގައި ވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. ނިމިދިޔަ ދިވެހި ޕްރިމިއާ ލީގު 2025-26 ގައި ބުރު ސްޕޯޓްސް ކްލަބަށް 12 ލަނޑު ކާމިޔާބުކޮށްދީ، ނާއިމް ވަނީ އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މީގެ އިތުރުން 2026 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ވެސް އޭނާ ވަނީ ބުރު ސްޕޯޓްސް ކްލަބަށް ކުޅެފައެވެ. ނާއިމް އަކީ ދަނޑުމަތީގައި ތަފާތު މަގާމުތަކަށް ކުޅުމުގެ ގާބިލުކަން ލިބިފައިވާ، އެޓޭކިންގް ގޭމެއް ކުޅޭ ކުޅުންތެރިއެކެވެ.
.jpeg&w=3840&q=75)
މި ކުޅުންތެރިންގެ އިތުރުން މިއަދު ނިއުރޭޑިއަންޓުން ވަނީ ޤައުމީ ޓީމުގެ ޒުވާން ކުޅުންތެރިޔާ އީތަން ޒަކީވެސް އަންނަ ސީޒަނުގައި ކުލަބާއި ގުޅުނުކަން މިއަދު އިޢުލާނުކޮށްފައެވެ.
މިހާރު ކުރިއަށްދާ ޕްރެކްޓިސްތަކުގައި ޑޮރިއެލްޓޮން ބައިވެރިވާން ފަށާފައިވާއިރު، އޭނާގެ ފިިޓްނަސް އާއި ކުޅުމުގެ ފެންވަރާ މެދު ކޯޗިންގް ޓީމުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. ނިއުރޭޑިއަންޓުގެ އުންމީދަކީ މި އައު ފެށުމާއެކު، ދިވެހި ފުޓްބޯޅައިގެ ރަންޒަމާން އަލުން އަނބުރާ ގެނެސްދީ، "ރަސްގެފާނު" ގެ މަގާމަށް ރުޖޫއަވުމެވެ.


