މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެއަށް
25 ޖުލައި 2026 - 06:31

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު އަދި ސައުދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ޕްރިންސް ޑރ. މަންސޫރު ބިން މުތްއިބު ބިން އަބްދުލްއަޒީޒް އާލް ސައޫދު، ރޭ ރާއްޖެ ވަޑައިގަންނަވައިފި އެވެ.
މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު އަދި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ފަރާތްޕުޅުން އެމަނިކުފާނު ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

Ad by Hajj Corporation
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާއި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް މުޙައްމަދު ނަސީރެވެ.
އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުން، އެމަނިކުފާނުގެ ޝަރަފުގައި ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން ވަނީ ޝަރަފުގެ ގާޑެއް އަރުވާފަ އެވެ.
މި ދަތުރުފުޅަކީ ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ އަދި މިނިވަން ދުވަހުގެ އުފަލުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ މުހިންމު ދަތުރުފުޅެކެވެ.


