ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، އިބްރާހީމް ރަޝީދު މޫސާ، ޑރ. ލަޠީފް، ޗަމްޕާ އަފީފް އަދި އުއްޗުއަށް އަރުވައިފި
26 ޖުލައި 2026 - 05:29

ދިވެހި ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ހަތަރު ބޭފުޅަކަށް، ދައުލަތުގެ މަތީ ޝަރަފު ކަމުގައިވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަރުވައިފިއެވެ.
މި ޝަރަފު އެރުވީ، ދިވެހިރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. މި ޢިއްޒަތް އެރުވުނު ބޭފުޅުންނަކީ ޑޮކްޓަރ މުޙައްމަދު ލަޠީފާއި، އަލްއުސްތާޛް އިބްރާޙީމް ރަޝީދު މޫސާގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިން ކަމަށްވާ ޗަމްޕާ ހުސައިން އަފީފާއި އަދި މުޙައްމަދު މޫސާ (އުއްޗު) އެވެ.

Ad by Hajj Corporation
ޑޮކްޓަރ މުޙައްމަދު ލަޠީފް
ޑޮކްޓަރ މުޙައްމަދު ލަޠީފަކީ ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ޚިދުމަތުގެ ބޮޑުބައެއް ހޭދަކުރެއްވީ ތަޢުލީމީ ދާއިރާގައެވެ. ވަކިން ޚާއްޞަކޮށް ރާއްޖޭގެ ތަޢުލީމީ ނިޒާމު ޒަމާނީކުރުމަށާއި، މަތީ ތަޢުލީމު ފުޅާކުރުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރެވެއެވެ.
އެމަނިކުފާނު ފުރުއްވި މުހިންމު މަގާމުތަކުގެ ތެރޭގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ކަމުގެ މަގާމާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްކަމާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރކަން ހިމެނެއެވެ. މީގެއިތުރުން ޚާރިޖީ ދާއިރާގައި އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަގާމާއި، ސްރީލަންކާ އެމްބަސީގެ އިސް މަގާމުތައް ފުރުއްވައި، ރާއްޖެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން އުނިކުރުމުގެ މަސައްކަތުގައި އިސް ދައުރެއް އަދާކުރެއްވިއެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ އިސްލާމީ ޢިލްމާއި، ދިވެހި އަދަބިއްޔާތާއި، ނޫސްވެރިކަމުގެ ދާއިރާއިން 43 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ޢިލްމުވެރިއެކެވެ. އެމަނިކުފާނުގެ ޚިދުމަތްތަކުގެ ތެރެއިން މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ އުފެއްދެވުމާއި، އެ މުއައްސަސާ މެދުވެރިކޮށް ރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމު ފުޅާކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅު ފާހަގަކޮށްލެވެއެވެ.
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި 50 އަށްވުރެ ގިނަ ފޮތް އެކުލަވައިލައްވައި، "މުޙައްމަދު ރަސޫލުﷲ" ސިލްސިލާ ފަދަ މަޝްހޫރު ޕްރޮގްރާމްތައް ދިވެހިބަހަށް ތަރުޖަމާ ކުރެއްވިއެވެ. އެމަނިކުފާނު އެންމެ ފަހުން ފުރުއްވީ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ރައީސްކަމުގެ މަގާމެވެ.
ޗަމްޕާ މުހައްމަދު މޫސާ
މުޙައްމަދު މޫސާއަކީ ތުއްޕުޅުއިރުއްސުރެ ވިޔަފާރިއަށް ޝައުޤުވެރިކަން ހުރި، މަސައްކަތްތެރި ބޭފުޅެކެވެ. މަޖީދިއްޔާ ސްކޫލުން ތަޢުލީމު ހާސިލުކުރެއްވުމަށްފަހު، އިންޑިއާއިން ދީނީ ތަޢުލީމާއި ބަސް އުގެނިވަޑައިގެން، ކޮއިންބަތޫރުގެ ކާރުޚާނާތަކުގައި މަސައްކަތް ކުރައްވައި ތަފާތު ދާއިރާތަކުން ތަޖުރިބާ ހޯއްދެވިއެވެ.
އެނބުރި ރާއްޖެ ވަޑައިގެން ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އަމިއްލަފުޅަށް ދަނޑުވެރިކަން ކުރައްވައި، އެހެން މީހުންނަށް އެ މަސައްކަތް ދަސްކޮށްދެއްވައި، ދަނޑުވެރިކަމުގެ އުފެއްދުންތައް ބާޒާރަށް ނެރުއްވުމުގައި އެހީތެރިވެދެއްވިއެވެ. މި ދާއިރާއިން ކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކޮށް 1996 ވަނަ އަހަރު ސަރުކާރުން ވަނީ އެމަނިކުފާނަށް "ތިމާވެށީގެ ފެހިފަތް" އަރުވާފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މުޙައްމަދު މޫސާއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ބޭފުޅެކެވެ. ފަތުރުވެރިކަމުގެ އިތުރުން "ޗަމްޕާ ހޯލްސޭލް" މެދުވެރިކޮށް ކާބޯތަކެތީގެ ވިޔަފާރިއާއި، ތުނބަށްފުށީގައި ދަނޑުވެރިކަމާއި ބޯޓުޔާޑު ހިންގުން ފަދަ އިޤްތިޞާދީ ގިނަ މަސައްކަތްތަކެއް ކުރައްވައެވެ. އަދި ރާއްޖޭގެ ފުރަތަމަ އަމިއްލަ ބްރޯޑްކާސްޓިންގ ޚިދުމަތް ކަމަށްވާ "ދި އެފް.އެމް" އާއި "ދި ޓީ.ވީ" އުފެއްދެވީވެސް އެމަނިކުފާނެވެ.
އިޖުތިމާޢީ ގޮތުން ބަލާއިރު، "ޢަލިފުޅު ތުއްތު ފައުންޑޭޝަން" މެދުވެރިކޮށް ތަޢުލީމީ ސްކޮލަރޝިޕްތަކާއި މުޖުތަމަޢަށް ފައިދާހުރި މަޝްރޫޢުތައް ހިންގަވައެވެ. އޭގެ ތެރޭގައި އައްޑޫ އާއި މަޑިވަރު އެއަރޕޯޓް ތަރައްޤީކުރުމާއި، މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ އާއި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އަދި ޓްރީ ޓޮޕް ހޮސްޕިޓަލް ފަދަ މުހިންމު މުއައްސަސާތައް އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ.
މުޙައްމަދު މޫސާގެ ޤައުމީ ޚިދުމަތުގެ އަގު ވަޒަންކޮށް، 2013 ވަނަ އަހަރު ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އަރުވާފައިވެއެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއާއި ބައިނަލްއަޤްވާމީ ފެންވަރުގައި ޝަރަފުވެރި އެވޯޑުތަކެއް އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.
ހުސައިން އަފީފް
ޙުސައިން ޢަފީފަކީ ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފުކޮށްދެއްވި އެންމެ އިސް އެއް ބާނީއެވެ. އެމަނިކުފާނު މި ދާއިރާގައި ޚިދުމަތް ކުރައްވަން ފެއްޓެވީ ރިޒޯޓުތަކުގެ ބަދިގެއާއި، ޓުއަރ ގުރޫޕްތަކާއި މެނޭޖްމަންޓުގެ އެކި ވަޒީފާތަކުން ފެށިގެންނެވެ. މިއީ ރާއްޖޭގެ ހޮސްޕިޓޭލިޓީ ދާއިރާގައި ވަކި މިންގަނޑުތަކެއް ހިފެހެއްޓުމަށް އެމަނިކުފާނު ދެއްވި އަހައްމިއްޔަތު ހާމަވާ ކަމެކެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް ޢަފީފް ގެންނެވި އިންޤިލާބީ ބަދަލުތަކުގެ ތެރޭގައި، 2014 ވަނަ އަހަރު ގަސްފިނޮޅުގައި ދުނިޔޭގެ އެންމެ ފުރަތަމަ ސޯލަރ ރިޒޯޓު ހުޅުވުން ހިމެނެއެވެ. މީގެއިތުރުން، އެމަނިކުފާނަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އުފެއްދެވި ފައުންޑިންގ މެންބަރެއްގެ އިތުރުން، އެ ޖަމްޢިއްޔާގެ ޗެއަރމަންގެ މަގާމުގައި ހުންނަވައިގެން ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަގުވާމީ މާކެޓުތަކުގައި އިޝްތިހާރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
ފަތުރުވެރިކަމުގެ އިތުރުން، ޢަފީފް ވަނީ އޭވިއޭޝަން، ބޭންކިންގ އަދި ޞިއްޙީ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޮޑު ބަދަލެއް ގެނުވި ޓްރީ ޓޮޕް ހޮސްޕިޓަލް އުފެއްދެވުމުގައި އެމަނިކުފާނުގެ ހިއްސާ ބޮޑެވެ. އަދި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އުފައްދަވައި، ދިވެހި ވިޔަފާރިތަކަށް މާލީ ކުރިއެރުން ހޯއްދަވައިދެއްވުމުގައިވެސް އިސް ދައުރެއް އަދާކުރެއްވިއެވެ.
މި ޖަލްސާގައި މި ތިން ބޭފުޅުންނަށް ޢިއްޒަތް އަރުވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުން ޤައުމަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


