ނަތަންޔާހޫ އާއި މިލެއިގެ ތާއީދާއެކު ފްލާވިއޯ ބްރެޒިލްގެ ރިޔާސީ ކެމްޕޭން ފައްޓަވައިފި
26 ޖުލައި 2026 - 06:51

ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯގެ ދަރިކަލުން ފްލާވިއޯ ބޮލްސޮނާރޯ، އެގައުމުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިޢުލާން ކުރައްވައި ކެމްޕޭން ފައްޓަވައިފިއެވެ.
ހޮނިހިރު ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި ފްލާވިއޯ ވަނީ ކަނާތު ފިޔަހީގެ މަޝްހޫރު ލީޑަރުން ކަމަށްވާ އާޖެންޓީނާގެ ރައީސް ހާވިއޭ މިލެއި އާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ތާއީދު އޭނާއަށް އޮތްކަން ހާމަކުރައްވާފައެވެ.

Ad by Hajj Corporation
ބޮލްސޮނާރޯގެ ލިބަރަލް ޕާޓީގެ ކޮންވެންޝަނުގައި ވާހަކަދައްކަވަމުން ފްލާވިއޯ ވިދާޅުވީ، މިއީ ހަމައެކަނި ޕާޓީގެ ބައްދަލުވުމެއް ނޫން ކަމަށާއި، މިއީ އެބޭފުޅުންގެ ހަޔާތުގައި ކުރިމަތިލާނެ އެންމެ އުނދަގޫ ހަނގުރާމައިގެ ފެށުން ކަމަށެވެ. އޭނާ މި ކެމްޕޭން ސިފަކުރެއްވީ "ހައްގާއި ބާތިލުގެ ދެމެދުގައި ކުރެވޭ ހަނގުރާމައެއް" ގެ ގޮތުގައެވެ.
މި އިންތިޚާބުގައި އޭނާ ވާދަކުރައްވަނީ މިހާރުގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާއާއެވެ.
މި ރަސްމިއްޔާތުގައި އާޖެންޓީނާގެ ރައީސް މިލެއި ބައިވެރިވެވަޑައިގެން ދެއްވި ތަގުރީރުގައި ލޫލާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. މިލެއި ވިދާޅުވީ ސޯޝަލިޒަމްގެ ވަކިތަކުން ބްރެޒިލް ސަލާމަތް ކުރެވޭނީ ފްލާވިއޯއަށް ކަމަށެވެ. މީގެ އިތުރުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ފޮނުއްވި ވީޑިއޯ މެސެޖެއްގައި ފްލާވިއޯއަކީ ބްރެޒިލްގެ ޗެމްޕިއަނެއްގެ ގޮތުގައި ސިފަކުރައްވައި، ކެމްޕޭނަށް މަރުހަބާ ވިދާޅުވިއެވެ.
ފްލާވިއޯގެ ބައްޕަ، ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ މިވަގުތު ހުންނެވީ 2022 ވަނަ އަހަރުގެ އިންތިޚާބުން ބަލިވުމާ ގުޅިގެން ބަޣާވާތެއް ކުރަން އުޅުނުކަމުގެ ކުށުގައި 27 އަހަރުގެ ޖަލު ހުކުމެއްގައެވެ. އެހެންކަމުން އޭނާ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ އޭއައި (AI) ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ވީޑިއޯއެއް މެދުވެރިކޮށެވެ. މި ހަފްލާގައި ބްރެޒިލްގެ އިސް ސިޔާސީ ބޭފުޅުން މަދުން ބައިވެރިވެވަޑައިގެންނެވިއިރު، މެދުތެރޭގެ ޕާޓީތަކުން ވަނީ މި ކެމްޕޭނާ ދުރުހެލިވެފައެވެ.
ފްލާވިއޯއާއި އޭނާގެ ބައިވެރިން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެހީތެރިކަން ހޯދަން އުޅޭ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި ބްރެޒިލްގެ އިންތިޚާބީ ނިޒާމާ މެދު ސުވާލު އުފައްދައި ދޮގު މައުލޫމާތު ފަތުރާ ކަމުގެ ތުހުމަތުވެސް ފްލާވިއޯގެ މައްޗަށް ކުރެވެއެވެ. މިދިޔަ ހޮނިހިރު ދުވަހު ބްރެޒިލް ސަރުކާރުން ވަނީ ޓްރަމްޕްގެ ސަރުކާރުގެ ދެ އޮފިޝަލަކު އެގައުމުގެ އިންތިޚާބީ އިދާރާތަކާ ބައްދަލުކުރަން އުޅުމުން ވިސާ ދިނުމަށް އިންކާރުކޮށްފައެވެ.
އެންމެ ފަހުގެ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާގޮތުގައި ފްލާވިއޯ އުޅުއްވަނީ ރައީސް ލޫލާއަށްވުރެ ފަހަތުގައެވެ. ލޫލާގެ ވޯކާސް ޕާޓީން އަންނަ އޯގަސްޓް މަހުގެ 2 ވަނަ ދުވަހު ބާއްވާ ކޮންވެންޝަނުގައި، 80 އަހަރުގެ ލޫލާ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން ރަސްމީކޮށް އިއުލާން ކުރާނެއެވެ.


