މަހުގެ އުފެއްދުންތައް އެކްސްޕޯޓުކުރާ މައި މަރުކަޒަކަށް ކަނޑުއޮތްގިރި ހަދަނީ
27 ޖުލައި 2026 - 07:43

މަހާއި މަހުގެ އުފެއްދުންތައް ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރުމުގެ މައި މަރުކަޒެއްގެ ގޮތުގައި ކަނޑުއޮތްގިރި ވެގެންދާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފި އެވެ.
އެކުންފުނިން އިއްޔެ ވަނީ ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓް ރަސްމީކޮށް ހުޅުވާފަ އެވެ. ހިކިމަސް ކާރުޙާނާގެ އިތުރަށް ކަނޑުއޮތްގިރީގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖް ނިމުމުން، ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރެވޭނެ ކަމަށް ވެސް މިފްކޯއިން މައުލޫމާތުދެ އެވެ.

Ad by Hajj Corporation
ހިކިމަސް ކާރުޚާނާއާއި އައިސް ޕްލާންޓް ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަނަސް އާއި، ފިޝަރީޒް މިނިސްޓްރީއާއި މިފްކޯގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތަށް ފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް ވިދާޅުވީ މިއީ މިފްކޯގެ ލޯކަލް ޕްރޮޑަކްޝަން ނުވަތަ ގައުމީ ބާޒާރަށް ޚާއްސަކޮށް އުފައްދާ އުފެއްދުންތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މާލެއާ ކައިރިން މިފަދަ ޚިދުމަތެއް ފެށުމުން މާލެ ސަރަހައްދުގެ ފިހާރަތަކަށް މިފްކޯގެ އުފެއްދުންތައް ނެރުމުގައި ދިމާވާ ދަތިތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިހާރު ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޫއްޑޫން ޕްރޮސެސްކޮށްގެން މާލެ ސަރަހައްދަށް ގެންނަންޖެހުމުން ދިމާވާ ލޮޖިސްޓިކް ދަތިތައް. އެ ދަތިތަކާ ގުޅިގެން އަޅުގަނޑުމެންގެ ފިހާރައިގައި ބައެއް ފަހަރު ތަކެތި ލިބެން ނެތުމަކީ ވަރަށް ގިނައިން އަންނަ ޝަކުވާއެއް. ކަނޑުއޮތްގިރި ހިކިމަސް ކާރުޚާނާގެ ސަބަބުން، މިދެންނެވި ލޮޖިސްޓިކް ދަތިތަކަށް ހައްލު ލިބި، މާލެ ސަރަހައްދުގައި އަބަދުވެސް އަޅުގަނޑުމެންގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ،" ސީއީއޯ ވިދާޅުވި އެވެ.
އަނަސް ވިދާޅުވީ މި ކުރިއެރުމާއެކު، ކޫއްޑޫން އުފައްދާ ތަކެތި ދެކުނުގެ އަތޮޅުތަކަށް ޚާއްސަކުރެވި، މާލެ ސަރަހައްދުގެ ބާޒާރަށް އަމާޒުކޮށްގެން ކަނޑުއޮތްގިރިން ތަކެތި އުފެއްދޭނެ ކަމަށެވެ. އަދި ކަނޑުއޮތްގިރި ހިކިމަސް ކާރުޚާނާގެ ސަބަބުން މިފްކޯގެ ލޯކަލް ޕްރޮޑަކްޝަން އިތުރުކޮށް، ރައްޔިތުންނަށް ހެޔޮ އަގެއްގައި ތަކެތި ފޯރުކޮށްދިނުމަށް ވެސް ބާރަކަށް ވާނެ ކަމަށް އަނަސް ވިދާޅުވިއެވެ.
ކަނޑުއޮތްގިރި ހިކިމަސް ކާރުޚާނާއަކީ ދުވާލަކަށް 3 ޓަނު ޕްރޮސެސްކުރެވޭ ކާރުޚާނާއެކެވެ. އަދި ކަނޑުއޮތްގިރީގައި ހުޅުވި އައިސް ޕްލާންޓުން ދުވާލަކަށް 25 ޓަނު އައިސް އުފެއްދަ އެވެ.
ކަނޑުއޮތްގިރީގައި ހިކިމަސް ކާރުޚާނާގައި ވަޅޯމަހާއި ހިކިމަސް ތައްޔާރުކުރަން ފަށާފައިވާއިރު ވަރަށް އަވަހަށް ރިހާކުރާއި މުގުރިމަސް ފަދަ ބާވަތްތައް ވެސް މި ކާރުޚާނާގައި ތައްޔާރުކުރަން ފަށާނެއެވެ. މަސް ކައްކައި ހިއްކުމުގެ އެންމެ ފެންވަރު ރަނގަޅު ވަސީލަތްތައް ގާއިމުކޮށްފައިވާ މި ކާރުޚާނާ ހުޅުވީ ސިއްހީގޮތުން އެންމެ ރައްކާތެރި މިންގަނޑުގައި ޚިދުމަތް ދެވޭކަން ކަށަވަރުކުރުމަށް ނަގަންޖެހޭ ހުއްދަތައް ނަގައި، މިފްކޯގެ އެހެން އުފެއްދުންތަކެކޭ އެއްގޮތަށް ކޮލިޓީ ހިފެހެއްޓުމުގެ ހަރުދަނާ ފިޔަވަޅުތަކަކާ އެކުގައި އެކުންފުނިން ބުނެ އެވެ. މިފްކޯއިން ބުނީ މިއީ މިފްކޯގެ އޮޕަރޭޝަންތައް ޒަމާނީކުރުމުގެ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
ދައުލަތުގެ ބޭނުމަކަށް އެމްއެންޑީއެފުގެ ބެލެހެއްޓުމުގެ ދަށަށް ގެންދިއުމަށްފަހު ކަނޑުއޮތްގިރި އަނބުރާ މިފްކޯއާ ހަވާލުކޮށް އަލުން އޮޕަރޭޝަނަށް ގެނައީ މިއަހަރުގެ ކުރީކޮޅުގަ އެވެ.


