ސާރކް އަލުން އޮޕަރޭޝަނަލް ކުރުމަށް ރައީސް ގޮވާލައްވައިފި, މީޑިއޭޓަރެއްގެ ދައުރު އަދާކުރުމަށް ރާއްޖެ ތައްޔާރު
27 ޖުލައި 2026 - 08:39

ސަރަޙައްދީ އެއްބާރުލުމަށް އުފައްދާފައިވާ ސާރކް ޖަމާޢަތް އަލުން އޮޕަރޭޝަނަލްކޮށް، އެ ޖަމާޢަތުގެ އެންމެމަތީ ވެރިންގެ ބައްދަލުވުންތައް ބާއްވާ ހިސާބަށް ކަންކަން ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ މިނިވަން ދުވަހުގެ މުނާސަބާގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ މި ސަރަޙައްދުގެ އަމަންއަމާންކަމަށްޓަކައި ސާރކް އަލުން ހަރަކާތްތެރިވުން މުހިންމު ކަމަށާއި، މިކަމުގައި ޚިޔާލުތަފާތުވުންތައް އުފެދިފައިވާ ފަރާތްތަކުން އެކަންކަން އެއްކައިރިކޮށް، ސަރަޙައްދުގެ ތަރައްޤީއާއި ޞުލްޙައަށްޓަކައި އެކުވެރިކަން އިސްކޮށް މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ދިވެހިރާއްޖެއިން ގޮވާލާ ކަމަށެވެ. އަދި އެކަން ކުރައްވަން އުނދަގޫފުޅުވާނަމަ، މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް މީޑިއޭޓަރެއްގެ ދައުރު އަދާކުރުމަށް ރާއްޖެ ތައްޔާރަށް އޮތްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ސާރކް އުފެދުނީއްސުރެ ރާއްޖެއަކީ އެ ޖަމާޢަތުގައި މުހިންމު ދައުރެއް އަދާކުރަމުން އައި ޤައުމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ފާއިތުވި ނުވަވަރަކަށް އަހަރު ދުވަހު އެ ޖަމާޢަތް އޮތީ "ޑިސްފަންކްޝަނަލް" ހާލަތެއްގައި ކަމަށެވެ.
''ވަރަށްގިނަ ފައިދާތަކެއް މި ސަރަޙައްދަށް ކުރަމުންދިޔަ ޖަމާޢަތެއް (ސާރކް) އެއީ. އެހެންނަމަވެސް، މިހާރު ފެންނަނީ، ނުވަވަރަކަށް އަހަރު ވެގެންގޮސްފައިވާ ތަން، މި ޖަމާޢަތް ޑިސްފަންކްޝަނަލް ކޮށްފައި، ނޫނީ ވެފައި އޮތްތަން. ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައި ވަނީ، ދެންމެ މި ދެންނެވި ގޮތަށް، ޚިޔާލުތަފާތުވުންތަކަކީ މަޝްވަރާ ކުރެވިގެން، އެއްމޭޒުދޮށަށް އައިސްގެން، ކަންކަން ޙައްލުކުރެވިގެން، އެންމެންނަށް ފައިދާހުރި ގޮތުގައި ކުރިއަށްދިޔުމުގެ ސިޔާސަތު ކަމުގައިވާއިރުގައި، މި ސަރަޙައްދުގެ އަމަންއަމާންކަމަށްވެސް މުހިންމީ ސާރކް އަލުން އޮޕަރޭޝަނަލްވުން. ސާރކްގެ އެންމެމަތީ ވެރިން އަނެއްކާވެސް ބައްދަލުވުންތައް ބާއްވާ ހިސާބަށް ކަންކަން ގެންދިޔުން. މިކަމުގައި ޚިޔާލުތަފާތުވުންތައް އުފެދިފައިވާ ފަރާތްތަކަށް ދިވެހިރާއްޖެއިން ގޮވާލަނީ، އެކަންކަން އެއްކައިރިކޮށް، މި ސަރަޙައްދުގެ ތަރައްޤީއަށްޓަކައި، މި ސަރަޙައްދުގެ ޞުލްޙަމަސަލަސް ކަމަށްޓަކައި އެކުވެރިކަން އިސްކޮށް، މޭޒުދޮށަށް ވަޑައިގަންނަވާށޭ.'' ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖެ ބައިވެރިވާ އެހެން ޖަމާޢަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، އިސްލާމީ އުންމަތުގެ އެންމެ ބޮޑު ޖަމާޢަތް ކަމަށްވާ އޯ.އައި.ސީ. ގައި ރާއްޖެއިން އަދާކުރާ އެކްޓިވް ދައުރު ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މި ސަރުކާރު އައި ފަހުންވެސް އެ ޖަމާޢަތުގެ އެކިއެކި ފެންވަރުގެ 11 ބައްދަލުވުމެއްގައި ރާއްޖެއިން ބައިވެރިވެފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މީގެ އިތުރުން، ކުދި ޖަޒީރާ ޤައުމުތަކުގެ ޖަމާޢަތް ކަމަށްވާ "ސިޑްސް" ގައި ރާއްޖެއިން ލީޑް ކުރަމުންދާ ދައުރަށްވެސް ރައީސް އަލިއަޅުވާލެއްވިއެވެ. މޫސުމީ ބަދަލުތަކަކީ ޙަޤީޤަތެއްކަން ފާހަގަކުރައްވައި، ބޮޑެތި ޤައުމުތަކުން ކުދި ޤައުމުތަކުގެ އަޑުއަހައި، ލިބޭ ގެއްލުންތަކަށް ބަދަލު ހޯދައިދިނުމުގައި އިންޞާފު ޤާއިމުކޮށްދިނުމަށް (ކްލައިމެޓް ޖަސްޓިސް) ރައީސް ގޮވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައިވަނީ މަޝްވަރާގެ މަތިން ކަންކަން ޙައްލުކުރުމުގެ މައްޗަށް ކަމަށް ވިދާޅުވަމުންނެވެ. އަދި މި ސަރުކާރުން އަބަދުވެސް އިސްކުރާނީ ޞުލްޙަވެރިކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.


