ވަރަށް ރުންކުރުގޮތެއްގައި ރާއްޖެ ކޮމަންވެލްތުން ވަކިކުރި ދުވަސްވަރެއްދިޔަ، އެކަމު އެއީ މުހިންމު ޖަމާއަތެއް: ރައީސް
27 ޖުލައި 2026 - 08:50

މީގެ ކުރިން ވަރަށް ރުންކުރު ގޮތެއްގައި ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިކުރި ދުވަސްވަރެއް ދިޔަ ނަމަވެސް، އެއީ ރާއްޖެއަށް މުހިންމު ޖަމާއަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިނިވަންދުވަހެއްގައި ވާހަކަ ދައްކާއިރު، ރާއްޖޭގެ މިނިވަންކަމާ ގުޅިފައިވަނީ ޤައުމުގެ ދެމިއޮތުން ކަމަށެވެ. އަދި ދެމިއޮތުމާ ގުޅިފައިވަނީ މޫސުމަށް އަންނަ ބަދަލުތައް ކަމަށާއި، އެކަމަށް އޮތް ހައްލަކީ އިންސާފު ގާއިމުކުރެވުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ އެންމެންނާ ގުޅިގެން މަސައްކަތްކޮށް، ދިވެހިރާއްޖެއަށް ފައިދާވާނެ ކަންކަމުގައި އިސްނަގައިގެން ލީޑް ރޯލެއް އަދާކުރުން ކަމަށެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ކޮމަންވެލްތަކީ ރާއްޖެއަށް މުހިންމު ޖަމާއަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އެއްދުވަސްވަރެއްދިޔަ، ވަރަށް ރުންކުރުގޮތެއްގައި ރާއްޖެ ކޮމަންވެލްތުން ވަކިކުރި ދުވަސްވަރެއްވެސް. ބެލުމެއްނެތި. އެހެންނަމަވެސް، މިހާރު އަޅުގަނޑުމެން އަނެއްކާވެސް ކޮމަންވެލްތުގައި މަސައްކަތް ކުރަމުންދަނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ކޮމަންވެލްތުގެ ތެރޭގައިވެސް ރާއްޖެއިން އިސް ދައުރެއް އަދާކުރުން ކަމަށެވެ. އަދި އެ ޖަމާއަތުގެ އާއިލާގެ ހުރިހާ ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.


