ޑްރަގާއި ގޭންގާއި އަދި ބިދޭންސީންގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުގެ ކުރިން މާނަވީގޮތެއްގައި މަސައްކަތްކުރެވިފައެއްނެތް: ރައީސް
27 ޖުލައި 2026 - 17:11

ޑްރަގާއި، ގޭންގް ކުށްތަކާއި، އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ފަދަ ގައުމީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް މާނަވީ ގޮތެއްގައި ނުވަތަ ނަތީޖާ ނެރެދެވޭނެ ފަދަ މަސައްކަތްތަކެއް މީގެ ކުރިން ކުރެވިފައި ނުވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ގައުމާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation
ރައީސް ވިދާޅުވީ މިނިވަންކަން ފުރިހަމަވެގެން ދަނީ ދާޚިލީ ގޮތުންވެސް މިނިވަންކަން އޮތް މިންވަރު ޔަގީންވެގެން ކަމަށެވެ. އަދި މި ސަރުކާރު ހަވާލުވިއިރު ގައުމުގެ ކަންކަން ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، އެއީ އެތައް ޒަމާނެއް ވަންދެން ގައުމުގެ ހާލަތު ގޮސްފައި އޮތް ގޮތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ޑްރަގުގެ ވަބާއާއި، ގޭންގް މާރާމާރީތަކާއި، ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ އޮތީ ބޮއްސުންލާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
'' އަޅުގަނޑުމެންގެ ތެރޭގައި ޑްރަގުގެ މައްސަލައަކީ، ބޮޑުވެގެންވާ މައްސަލައެއް. ގޭންގް މާރާމާރީތަކާއި، ގޭންގްތަކުން ހިންގާ ކުށްތައް އިންތިހާއަށް ގިނަވެފައި. ނުގަވާއިދުން އުޅޭ ބިދޭސީންގެ ޢަދަދު، އެ ފަރާތްތަކުން ކުރާ ކަންކަން އޮތީ ބޮއްސުންލާފައި. މިކަންކަމަށް އަޅައިލި ބަޔަކު، މިކަންކަން ޙައްލުކުރަން މާނަވީގޮތެއްގައި، ނޫނީ ނަތީޖާ ނެރެދެވޭނެ ގޮތެއްގައި ކުރި ފަރާތެއް އެއީ، ރައްޔިތުންނަށް ފެނިފައި ނުވާ ފަރާތްތަކެއް މީގެކުރީގައި. އެހެންނަމަވެސް، މި ސަރުކާރުގެ ދާޚިލީ ސިޔާސަތު އަޅުގަނޑުމެން ބަދަލުކުރީ، މި މައްސަލަތަކަށް ޙަޤީޤީ ޙައްލު ގެނައުމަށް.'' ރައީސް ވިދާޅުވެފަވެއެވެ.
މި މައްސަލަތައް ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ޑްރަގް ޓްރެފިކިންއަށް ބޮޑެތި އަދަބުތައް ކަނޑައަޅައި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ގާނޫނީ އިސްލާހުތައް ގެނެސް ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ. ހަމައެހެންމެ، ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމަށާއި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ މަސައްކަތްތަކުން މިހާރުވެސް ނަތީޖާ ފެންނަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، މި ސަރުކާރުގެ ސިޔާސަތުތަކަކީ ވަރަށް ވަރުގަދަ އަޒުމެއްގެ މަތީގައި އޮތް ސިޔާސަތުތަކެއްކަން ފާހަގަކުރައްވަމުންނެވެ. ރައްޔިތުންގެ އެއްބާރުލުމާއި، މުއައްސަސާތަކާއި ބޭރުގެ އެކުވެރި ގައުމުތަކާއި ޖަމިއްޔާތަކުގެ އެހީތެރިކަމާއެކު މި ބޮޑު ތިން މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި މިކަމުގައި އެހީތެރިވާ ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.


