އަމީނީމަގު މަރާމާތު ކުރުމަށް ސާވޭ ކޮށްފި
28 ޖުލައި 2026 - 07:07

އަމީނީމަގުގެ ހުޅަނގަށްވީ ބައިގައި އަޅައިފައިވާ ތާރުގަނޑު ނަގައި، އެ ސަރަހައްދުގައި އަލުން ތާރުއެޅުމުގެ އަމަލީ ފެށުމުގެ ކުރިން އެކަމަށް ބޭނުންވާ ސާވޭ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ކޮށްފި އެވެ.
އެމްޓީސީސީން ކުރިން ބުނެފައި ވަނީ މި ހަފުތާތެރޭގައި އަމީނީ މަގުގެ މަރާމާތުގެ އަމަލީ މަސައްކަތްފަށާނެ ކަމަށެވެ. އަމިނީ މަގުގައި އެންމެ ބޮޑަށް ހަލާކުވެފައި ވަނީ އެމަގުގައި އެންމެ ފަހުން ތާރުއެޅި ސަރަހައްދު ހާބަރު ފުޑްކޯޓާ ދިމާލެވެ. އެ ސަރަހައްދުގެ ތާރުގަނޑުން ބައިބައި އުފުލި، ދުއްވަން ނުރައްކާވާ މިންވަރަށް ވަނީ ހަލާކުވެފަ އެވެ.

Ad by Hajj Corporation
އަމީނީ މަގުގެ ހުޅަނގަށްވީ ބައިގައި އަލުން ތާރުއެޅުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ މަހުގެ 15ވަނަ ދުވަހު އެވެ.
އަމީނީ މަގުގެ މިހާރު ހަލާކުވެފައިވާ ސަރަޙައްދު، ސެގްމަންޓް 11 އަދި 12ގެ މުޅި މަސައްކަތް ނިންމާ ފުރަތަމަ ހުޅުވީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އެވެ. މިދިޔަ އަހަރުގެ ކުރީކޮޅުވެސް ވަނީ މާފަންނު ސްޓޭޑިއަމް ސަރަޙައްދުގެ އިރުން ހުޅަނގަށް ދުއްވާ ލޭނުން ބައެއްގައި ތާރުގަނޑު މަރާމާތު ކޮށްފަ އެވެ.
ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ ތާރުގަނޑު ހަލާކުވެ، އަޑިގުޑަންވެ، މަގުން ދުއްވާ މީހުންނަށް އޭގެ އުނދަގޫ ކުރިމަތިވާ ވަރަށް ވަނީ ހަލާކުވެފަ އެވެ. މި ގޮތަށް ހަލާކުވުމުގެ ސަބަބެއްގެ ގޮތުގައި ޓެކްނިކަލް ފަރާތްތަކުން ފާހަގަކުރަނީ ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމެވެ. އެގޮތަށް ހުޅުވާލުމުން ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ އެ ލޭނު ވަރަށް ބޮޑަށް ހަލާކުވި އެވެ.
މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ، އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ތަރައްޤީކޮށްފައިވެ އެވެ. އަމީނީމަގުގެ މަސައްކަތް މުޅިން ނިންމާފައިވަނީ 2024 އަހަރުގެ ޖަނަވަރީ މަހު އެވެ.


