ޖަޕާނުގެ ދެކުނަށް 7.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމަކާއެކު، ސުނާމީގެ އިންޒާރު ނެރެފި
28 ޖުލައި 2026 - 08:13

ޖަޕާނުގެ ދެކުނުގައި އޮންނަ ކިއުޝޫ ރަށުގެ ކުމަމޯޓޯ ޕްރިފެކްޗަރަށް ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލުމެއް މިއަދު އަތުވެއްޖެއެވެ. ޖަޕާން މީޓިއޮރޮލޮޖިކަލް އެޖެންސީ (ޖޭ.އެމް.އޭ) އިން ހާމަކުރި ގޮތުގައި، މި ބިންހެލުން އުފެދިފައިވަނީ ކަނޑުގެ އަޑިން 10 ކިލޯމީޓަރު ފުނަށެވެ.
ބިންހެލުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ އެ ސަރަހައްދަށް ސުނާމީގެ އިންޒާރު ނެރެފައެވެ. އެގޮތުން އެއް މީޓަރު (3.28 ފޫޓު) ގެ އުސްމިނުގެ ރާޅު އަރާފާނެ ކަމަށް ލަފާކޮށްފައިވާއިރު، އައްސޭރިފަށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން އުސް ބިންތަކަށް ބަދަލުވުމަށާއި، ރަސްމީ އިރުޝާދުތަކަށް ތަބާވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ޖަޕާނުގެ ގައުމީ ބްރޯޑްކާސްޓަރު އެން.އެޗް.ކޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބައެއް ސަރަހައްދުތަކަށް މިހާރުވެސް މި މިންވަރުގެ ރާޅު އަރާފައިވެދާނެއެވެ.

Ad by Hajj Corporation
މި ބިންހެލުމާ ގުޅިގެން ޖަޕާން ސަރުކާރުން ވަނީ ކިއުޝޫ ރަށުގެ ކުމަމޯޓޯ، ނަގަސާކީ، ކަގޯޝިމާ، ފުކުއޯކާ، ސާގާ، އޮއިޓާ އަދި މިޔަޒާކީ ޕްރިފެކްޗަރަށް ކުއްލި ނުރައްކަލުގެ އިންޒާރު ނެރެފައެވެ.
މިއީ މިދިޔަ އެއް ހަފުތާގެ ތެރޭގައި ޖަޕާނަށް އައި މިފަދަ ދެވަނަ ބިންހެލުމެވެ. މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު ވެސް ޖަޕާނުގެ އުތުރު ސަރަހައްދަށް 7.2 މެގްނިޓިއުޑްގެ ބިންހެލުމެއް އައި ނަމަވެސް، އެ ހާދިސާގައި އެއްވެސް މީހަކު މަރުވެ ނުވަތަ ބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ޖަޕާނަކީ ދުނިޔޭގެ އެންމެ ގިނައިން ބިންހެލުންތައް އަންނަ އެއް ގައުމެވެ. ޕެސިފިކް "ރިންގް އޮފް ފަޔަރ" ގެ ހުޅަނގު ބިތުގައި، ހަތަރު މައިގަނޑު ޓެކްޓޯނިކް ޕްލޭޓްތަކުގެ މަތީގައި އޮންނަ މި ގައުމަށް އަހަރަކު އެތައް ސަތޭކަ ބިންހެލުމެއް އާދެއެވެ. ދުނިޔެއަށް އަންނަ ބޮޑެތި ބިންހެލުންތަކުގެ ގާތްގަނޑަކަށް 18 އިންސައްތަ ހިއްސާކުރަނީ ޖަޕާނެވެ.
ޖަޕާނަށް އަންނަ ގިނަ ބިންހެލުންތަކަކީ އާދައިގެ ބިންހެލުންތަކެއް ނަމަވެސް، 2011 ވަނަ އަހަރު އައި 9.0 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމާއި އެއާ ގުޅިގެން އައި ސުނާމީގެ ހިތްދަތި ހަނދާންތައް އަދިވެސް އެ ގައުމުގެ ރައްޔިތުންގެ ހިތްތަކުގައި ބޯޅަވެފައިވެއެވެ. އެ ހާދިސާގައި 18,500 އަށްވުރެ ގިނަ މީހުން މަރުވެ ނުވަތަ ގެއްލިފައިވާއިރު، ފުކުޝީމާ ނިއުކްލިއާ ޕްލާންޓަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
މީގެ އިތުރުން، މިއަހަރުގެ އެޕްރީލް 20 ވަނަ ދުވަހު ޖަޕާނުގެ އުތުރަށް އައި 7.7 މެގްނިޓިއުޑްގެ ބިންހެލުމާ ގުޅިގެން މަދުވެގެން 10 މީހުން ޒަހަމްވެ، ޓޯކިޔޯގެ ބޮޑެތި އިމާރާތްތަކަށް ލޮޅުން އެރިއެވެ. އެ ހާދިސާއާ ގުޅިގެން 8.0 މެގްނިޓިއުޑަށް ވުރެ ބާރުގަދަ ބިންހެލުމެއް އައުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ނެރުނު ހާއްސަ އިންޒާރު އަނބުރާ ގެންގޮސްފައިވަނީ އެއް ހަފުތާ ފަހުންނެވެ.


