logoEN
ރިޕޯޓް

1 ޕަސެންޓަކުން 1063 މިލިއަން ރުފިޔާ

މުހައްމަދު މޫސާމުހައްމަދު މޫސާ

17 އޮކްޓޯބަރު 2024 - 18:39

މިދިޔަ އަންގާރަ ދުވަހު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 35 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް ހުށަހަޅުއްވާފައިވާ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ވަނީ ކުރިއަށް ގެންދަވާފައެވެ.

މި ބިލުގެ ބަހުސްގައި މި އިސްލާހް ހުށަހަޅަން ޖެހުނު މައިގަނޑު ސަބަބެއްގެ ބޮތުގައި ސަރުކާރަށް ތާއީދުކުރާ މެންބަރުން ދެއްކެވި ޖުމްލަ ވާހަކާގައި ފާހަގަކުރަށްވާފައި ވަނީ ނިމުނު ސަރުކާރުން ޤައުމު ވައްޓާލި މާލީ އަނދަވަޅުން ސަލާމަތް ވުމަށް ދައުލަތުގެ މާލީ ގާބިލުކަމަށްޓަކައި ގެންނަންޖެހޭ އިސްލާހްތަކުގެ ތެރޭގައި އެ އިސްލާހަކީ މުހިންމު އިސްލާހެއް ކަމަށެވެ. ނިމުނު ސަރުކާރުން އިންތިހާއަށް ފައިސާ ޗާޕުކޮށް، ސުމާރެއް ނެތް މިންވަރަށް ވަޒީފާތައް އުފައްދައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބެންޖެހޭ ފައިސާ ނުދީ، ޤައުމުގެ މާލިއްޔަތު އިނދަޖައްސާލުމަކީ އެ އިސްލާހް ގެންނަން ޖެހުނު އަނެއް ސަބަބުކަމުގައެވެ. މި ބިލުގެ ބަހުސްގައި އިދިކޮޅު އެމްޑީޕީން ވަނީ ޓެކްސް ބޮޑުކުރުމަށް ދެކޮޅުކަމަށް ބުނެ ވަކާލާތު ކޮށްފައެވެ.

ބިލުގެ މަގްޞަދަކީ ކޮބމި ބިލު ހުށަހަޅުއްވަމުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް ފާހަގަކުރެއްވި ގޮތުގައި ބިލުގެ މަޤްޞަދުތަކަކީ،

އާންމު ޚިދުމަތްތަކަށް އާމްދަނީ އުފެއްދުން

ދެމެހެއްޓެނިވި ގޮތެއް ފަތުރުވެރިކަމުގެ އުސޫލުތަކަށް ހިތްވަރުދިނުން

ޓޫރިޒަމް އިންފްރާސްޓްރަކްޗަރއަށް އިންވެސްޓުކުރުން

ކްރައިސިސް ރިކަވަރީ އެންޑް ރެސިލިއެންސްކުރުން

މި ޤާނޫނު އެކިފަހަރުމަތިން އިސްލާޙްކޮށްފައިވޭ

މި ގާނޫނަކީ 2011 ވަނަ އަހަރު ޢަމަލުކުރަން ފެށުނު ގާނޫނެކެވެ. މި ގާނޫނަށް އެކި ފަހަރު މަތިން އެކި ބަދަލުތައް ގެނެވިފައިވާކަން ބިލު ހުށަހެޅުއްވި މުސްތަފާ ވަނީ ފާހަގަކުރަށްވާފައެވެ.

''ޚާއްޞަކޮށް އަޅުގަނޑު މިއަދު މި އިޞްލާޙު ހުށަހަޅާ މި ގާނޫނުގެ 15 ވަނަ މާއްދާއަށް ތަފާތު އެކި ފަހަރު މަތިން އެކި އެކި އިޞްލާޙު ހުށަހަޅާފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން، އޭގެ ތާރީޚަށް އަޅުގަނޑު ހަމަ ޖެހިލަން ބޭނުންވޭ ހަމައެކަނި މަޢުލޫމާތަށް ޓަކައި.'' މުސްތަފާ ވިދާޅުވެފަވެއެވެ.

މުސްތަފާ ފާހަގަކުރަށްވާފައިވާ ގޮތުގައި އެންމެ ފުރަތަމަ މި ގާނޫނަށް ޢަމަލުކުރަން ފެށުނުއިރު މި ގާނޫނުގެ ދަށުން ޓެކްސް ނެގޭ އަދަދަކީ 3.5 ޕަސެންޓެވެ. އެހެންނަމަވެސް، އެ އަހަރު ނިމި ޖެހިގެން އައި އަހަރު އެ އަދަދުވަނީ 6 ޕަސެންޓަށް އިތުރުކުރެވި އަދި އެ ދައުރު ނިމިގެންދިޔައިރު 8 ޕަސެންޓަށް އިތުރުކުރެވިފައިވާކަން އޭނާ ވަނީ ފާހަގަކުރަށްވާފައެވެ.

''އޭގެފަހުން 2014 ވަނަ އަހަރު ހަމަ މި ގާނޫނަށް މި މާއްދާއަށް ޓޫރިޒަމް ދާއިރާއަށް ޓެކްސް ނަގައި ޓީޖީއެސްޓީ އަށް ބަދަލު ގެނެވުނު، އެގޮތުން ގެނެވުނު ބަދަލަކީ 8% ނަގަމުންގެންދިޔަ ޓެކްސް 12% އަށް ބަދަލުކުރެވިގެންދިޔުން، ހަމަ އެއާއެކީގައި މިދިޔަ ދައުރުގެ ތެރޭގައި މި 12%، 16% އަށް އިތުރުވެގެންދިޔަކަން އަޅުގަނޑު ފާހަގަކުރަން، މި ދެންނެވި ރޭޝިއޯ މި ބަދަލުގެނެވުނު ރޭޝިއޯއަށް ވިސްނައިލުން ވަރަށް މުހިންމު، މި ބަދަލުގެނެވުނު ރޭޝިއޯއަށް ބަލާކަމަށް ވާނަމަ، ކޮންމެފަހަރަކު ވެސް މި ގާނޫނަށް ގެނެވޭ ބަދަލުގައި 3% ނުވަތަ 4%ގެ ރޭޝިއޯއެއްވަނީ މަތިކުރެވިފައި'' މުސްތަފާ ވިދާޅުވެފަވެއެވެ.

މިފަހަރު އިތުރު ކުރަނީ އެންމެ ޕަސެންޓެއް

މުސްތަފާ ވިދާޅުވެފައިވާ ގޮތުގައި މީގެ ކުރިން ވަނީ 8% އިން 12% އިން 16%އަށް ޓީޖީއެސްޓީގެ ޕަސެންޓް މަތިކޮށްފައެވެ.

''އެހެންނަމަވެސް މި އިޞްލާޙަށް ސަރުކާރުން ގެންނަވާފައި މިވާ ބަދަލަކީ އަޅުގަނޑު ދަންނަވާނީ ވަރަށް ހިތްގައިމު ހިތްހަމަޖެހޭ ބަދަލެކޭ، އެ ރޭޝިއޯގެ 3%ގެ ބަދަލުގައި އެންމެ ޕަސެންޓެއް އިތުރުކުރުމުގެ އިޞްލާޙެއް ހަމައެކަނި މި ގާނޫނަށް މި ގެންނަނީ، މި ފަހަރު ހުށަހެޅިގެން މި ދަނީ އެންމެ ޕަސެންޓެއް، އެއީ 16% އިން 17% އަށް ބަދަލުކުރަން'' މުސްތަފާ ވިދާޅުވެފަވެއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް މި ގެނެވޭ އިސްލާހަކީ އެ ޤާނޫނުގެ 15 ވަނަ މާއްދާ (ށ) ގައި މިހާރު އޮންނަ 16%، އަންނަ 2025 ވަނަ އަހަރުގެ މޭ 31 ގެ ނިޔަލަށް ނެގުމަށްފަހު، އެ ޢަދަދު 17% އަށް މަތިކޮށް، ޖޫން 2025 އިން ފެށިގެން ޓީޖީއެސްޓީގެ ޕަސެންޓް ބަދަލުކުރުމެވެ.

އެއް ޕަސެންޓު މަތިކުރުމުން ތިން އަހަރުން ދައުލަތަށް 1063 މިލިއަން ރުފިޔާގެ އާމްދަނީއެއް

މުސްތަފާ ފާހަގަކުރަށްވާފައިވާ ގޮތުގައި މި ޤާނޫނަށް ގެނެވޭ 1 ޕަސެންޓް މަތިކުރުމުގެ ބަދަލާ ބަދަލާ އެކީގައި 2025 ވަނަ އަހަރު 201.9 މިލިއަން ރުފިޔާ ދައުލަތުގެ އާމްދަނީއަށް އިތުރުވެގެންދާނެ ކަމަށް އަންދާޒާކުރެވެއެވެ.

މި ބަދަލާއެކު 2026 ވަނަ އަހަރު 330.8 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް އަންދާޒާ ކުރެވޭއިރު، 2027 ވަމަ އަހަރު 530.4 މިލިއަން ރުފިޔާއަށް އާމްދަނީ އިތުރުކުރެވިގެންދާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް މުސްތަފާ ވަނީ ވިދާޅުވެފައެވެ. އެހެންކަމަށްވާނަމަ މި ބަދަލާއެކު ތިން އަހަރުގެ ތެރޭގައި ދައުލަތަށް ް 1063 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިގެންދާނެއެވެ.

''މި ގެންނަ ހަމަ އެންމެ ޕަސެންޓެއްގެ ބަދަލު، އެންމެ ޕަސެންޓެއްގެ ސަބަބުން އަޅުގަނޑުމެންގެ މި އިންޑަސްޓްރީއަށް ކުރިއެރުން ލިބިގެންދާނެ، އަދި ހަމަ އެއާއެކީގައި ދިވެހިރާއްޖޭގައި މިއަދު މި އޮތް އެންމެ ބޮޑު އެއް ކަމަކީ އަޅުގަނޑުމެންގެ މާލީ ހާ ލަތަށް ގެނެސްފައިވާ، މި ވެއްޓިފައިވާ ނުވަތަ ވައްޓައިލެވިފައިވާ އަނދަވަޅުން އަޅުގަނޑުމެން ސަލާމަތްކުރާ މަސައްކަތް، މިކަމުގެ ސަބަބުން މި އަނދަވަޅުން ސަލާމަތްވެ، ރައްޔިތުންނަށް ބޭނުންވާ އެކިއެކި ކަންކަންކޮށްދިނުމުގައި ، އެކިއެކި ވަސީލަތްތައް ގާއިމުކޮށްދިނުމުގައި ޤާނޫނުއަސާސީން ރައްޔިތުންނަށް ލާޒިމުކޮށްދީފައިވާ ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑު ލުއިފަސޭހައަކަށް މިކަންވެގެންދާނެ'' މުސްތަފާ ވިދާޅުވެފަވެއެވެ.

އެންމެ ޕަސެންޓަކުން ލިބޭ އާމްދަނީ އިތުރުކުރަމުން ގޮސް މުޅި އިގްތިސާދު ހަމަޔަކަށް އެޅުވުން

މި ބިލުގެ ބަހުސްގައި ބާރަށު ދާއިރާގެ މެންބަރު އިބްރާޙީމް ޝުޖާޢު ދެއްކެވި ވާހަކާގައި މި ޤާނޫނަށް ގެނެވޭ އިސްލާޙް އޮތީ ރައްޔިތުންނަށް އެއްވެސް ކަހަލަ ބުރައެއް ނުޖައްސައި އާމްދަނީ އިތުރުކުރެވޭނެ ގޮތަށްކަމަށް ވަނީ ވިދާޅުވެފައެވެ.

''ޓޫރިޒަމްގެ ދާއިރާއިން ނެގޭ ޓެކްސްތައް އެންމެ ޕަސެންޓެއް އިތުރުކޮށްގެން އާމްދަނީ އިތުރުކުރަމުން އިތުރުކުރަމުން ގޮސް މުޅި އިޤުތިޞާދު ހަމައަކަށް އެޅުމުގެ ވިސްނުންފުޅު ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާކަން އަޅުގަނޑުމެންނަށް މި އިޞްލާޙުން ހާމަވެގެން އެބަދޭ'' ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާޢު ވިދާޅުވެފައިވާ ގޮތުގައި ނިމިދިޔަ ސަރުކާރުން ވެސް މި ޤާނޫނު ބަދަލުކޮށް ވަނީ އިސްލާޙް ގެނެސްފައެވެ. އަދި ޓީޖީއެސްޓީގެ ޕަސެންޓު ވަނީ މަތިކޮށްފައެވެ. އެޔާއެކު އާމްދަނީ އިތުރުވެގެން ދިޔަނަމަވެސް، ލިބުނު ހުރިހާ އާމްދަނީއެއް އެ ސަރުކާރުން ބޭކާރު ގޮތުގައި ޚަރަދުކުރެއްވިކަމަށް ޝުޖާޢު ވަނީ ވިދާޅުވެފައެވެ.

''ބޭކާރު ގޮތުގައި ކުންފުނިތަކުގެ ކޮންމެހެން އުފައްދަން ނުޖެހޭ ވަޒީފާތައް އުފައްދައިގެން ވަޒީފާ އެ ކުންފުންޏަކަށް ބޭނުންނުވާ މިންވަރަށް އުފައްދައިގެން ބޭކާރު ގޮތުގައި ދައުލަތަށް ލިބެމުންދިޔަ އާމްދަނީތައް ހޭދަކުރަމުންދިޔަ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެންދިޔައީ'' ޝުޖާޢު ވިދާޅުވިއެވެ. ޝުޖާޢު ވަނީ މި ސަރުކާރުން ސަރުކާރާއި ހަވާލުވިއިރު ލިބުނީ ''ހުސް ތޮށިގަނެއް'' ކަމަށް ވެސް ވިދާޅުވެފައެވެ.

މި ފިޔަވަޅު ނާޅައިފިނަމަ ދެން ލިބޭނެ ގެއްލުން މާބޮޑު

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ވާހަކާގައި އޭގެ ޒާތުގައި އިތުރުވެގެން ދަނީ އެންމެ ޕަސެންޓެއްކަމުން ޓީޖީއެސްޓީ އެންމެ ޕަސެންޓެއް އިތުރުވެގެންދިއުމަކީ މިވަގުތު ރާއްޖެ އޮތް ހާލަތަށް ބަލާއިރު މާބޮޑު ކަމެއް ނޫންކަމަށް ވަނީ ވިދާޅުވެފައެވެ.

''މިފަދަ އިޞްލާޙުތަކެއް އަޅުގަނޑުމެން ނުގެންނަ ކަމަށް ވެއްޖެއްޔާމު ރާއްޖެ ބަނގުރޫޓުވެގެން ވިޔަފާރިތަކަށް ލިބޭ ގެއްލުން އަދި މާބޮޑުވާނެ، މިގޮތަށް މިކަން އަންނަންޖެހެނީ ސަބަބުތަކެއް ނެތިއެއް ނޫން، މާޒީގައި ވެރިކަން ކުރި ބައެއް ފަރާތްތަކުން ވިސްނަންޖެހޭވަރަށް ވިސްނާނުލައްވައި އެޅުއްވި ބައެއް ފިޔަވަޅުތަކާއި އަދި ޚިޔާނާތާއި ވައްކަމާއި އެތައް ކަމެއްގެ ސަބަބުން ރާއްޖެ މި ހާލަތަށް އަންނަންޖެހުނީ،'' ސައުދުﷲ ވިދާޅުވިއެވެ.

ސައުދުﷲ ވިދާޅުވިގޮތުގައި އަދުގެ ރައީސް ޑރ. މުހައްމަދު މުޢިއްޒު މި އަޅުއްވާ ފިޔަވަޅުތައް ނޭޅިއްޖެނަމަ ދެން ލިބެންއޮތް ގެއްލުންތައް މާބޮޑުވާނެއެވެ.

''އަޅުގަނޑުމެންނަށް 1% އިތުރުކޮށްގެން ލިބޭ ފައިދާއަށްވުރެ އެ 1%އިތުރުނުކޮށްގެން ލިބޭ ގެއްލުން އިންތިހާއަށް ބޮޑު، ރާއްޖެ ސަލާމަތްކުރުމަށް ޓަކައި، މި އޮތް ހާލަތުން ސަލާމަތްކުރުމަށް ޓަކައި އެތައް ކަމެއް އެބަ ކުރަންޖެހޭ، ހިތްވަރު ހުންނަން ވެސް ޖެހޭ، ހިތްވަރު ހުރެގެން އެ ބަދަލުތައް ގެނެވޭނީ'' ސައުދުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފެނިގެން ދަނީ ރައީސް މުޢިއްޒުގެ އެ ހިތްވަރުފުޅު ހުރިކަން ކަމަށާއި، މިފަދަ ބަދަލުތައް ގެންނައިރު އާންމު ރައްޔިތުންނަށް އެންމެ އާދައިގެ މީހާއަށް އޭގެ އަސަރު ނުކުރާ ގޮތަށް މި ބަދަލުތައް ގެނައުމަކީ އެއީ އިއްޒަތްތެރި ރައީސް މުޢިއްޒު ވަޢުދުވެވަޑައިގެންނެވި ގޮތަށް ކަމަށް ސައުދުﷲ ވަނީ ވިދާޅުވެފައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder