ވީއައިއޭގެ ޓާމިނަލް 1 ގައި ފަސިންޖަރުން މަޑުކޮށްލާނެ އާ ސަރަހައްދެއް ހުޅުވައިފި
29 ޖުލައި 2026 - 02:54

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓާމިނަލް 1 ގައި ދަތުރުވެރިން މަޑުކޮށްލުމަށް ހާއްސަ އާ ސަރަހައްދެއް ތަރައްގީކޮށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ހުޅުވައިފި އެވެ.
މިއީ އެއާޕޯޓުން ފުރާ ފަރާތްތަކަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ލުއިފަސޭހަ މާހައުލެއް ފޯރުކޮށްދިނުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.

Ad by Hajj Corporation
އެމްއޭސީއެލް އިން ބުނި ގޮތުގައި، ޓާމިނަލްގެ ފުރަތަމަ ބުރީގައި އަލަށް ހުޅުވި މި ސަރަހައްދާއެކު ފަސިންޖަރުން މަޑުކޮށްލައިގެން ތިބުމަށް ގާތްގަނޑަކަށް 750 އަކަމީޓަރުގެ އާ ޖާގައެއް ވަނީ އިތުރުވެފަ އެވެ. މި ސަރަހައްދުގައި ދަތުރުވެރިން ފުރުމުގެ ކުރިން އަރާމުކޮށްލުމަށްޓަކައި ތަފާތު ވައްތަރުގެ ގޮނޑިތައް އަތުރާފައިވަނީ ހިތްފަސޭހަ މާހައުލެއް ލިބޭނެ ގޮތަށެވެ.
އާ ވެއިޓިން އޭރިއާގެ ތެރޭގައި ކުޑަކުދިންނަށް ހާއްސަ 136 އަކަމީޓަރުގެ ކުޅޭ ސަރަހައްދެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ. މި ތަނުގައި އެކި ލެވެލްތަކުގެ ޕްލޭ ފްލެޓްފޯމްތަކާއި، ރައްކާތެރި ހޮޅިތަކާއި، ވާ އަދި ރިންގް ބޭނުންކޮށްގެން އަރާ ފޭބޭނެ ވަސީލަތްތަކުގެ އިތުރުން ބޯޅަ ކުޅޭ ޖާގައެއް ހިމެނެ އެވެ. އެމްއޭސީއެލް އިން ބުނީ މިއީ އާއިލާތަކަށާއި ކުޑަކުދިންނަށް އަމާން އަދި އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެއް ކަމަށެވެ.
މި ސަރަހައްދުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހާއްސަ ކައުންޓަރެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ. މި ކައުންޓަރު މެދުވެރިކޮށް ދަތުރުވެރިންނަށް ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތާއި، ދިވެހިންނަށް ޑޮލަރު ދޫކުރުމުގެ ހިދުމަތް ލިބިގެންދާނެ އެވެ.
"އާ ޖާގަ ހުޅުވުމަކީ ޓާމިނަލް އެކެއްގެ ހިދުމަތްތައް ތަރައްގީ ކުރުމަށް އެމްއޭސީއެލް އިން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް،" އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެ ކުންފުނިން އިތުރަށް ބުނީ، މިއީ އެއާޕޯޓް ޒަމާނީކޮށް، ފަސިންޖަރުންގެ ބޭނުންތަކަށް އިސްކަންދޭ ތަނަކަށް ހެދުމަށް އެ ކުންފުނިން ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ މަސައްކަތެއް ކަމަށެވެ.


