ބައިސްކަލެއްގައި ދިޔަ ބިދޭސީއެއްގެ އަތުން 10،000 ރުފިޔާ ފޭރުނު މީހަކު ހައްޔަރުކޮށްފި
30 ޖުލައި 2026 - 06:25

ހުޅުމާލެ ފޭސް 1 ގައި ބައިސްކަލެއްގައި ދިޔަ ބިދޭސީއެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 1 ގެ އެފްޑަބްލިޔު ރެސިޑެންސް ކައިރިންނެވެ.

Ad by Hajj Corporation
ބައިސްކަލެއްގައި ދިޔަ ބިދޭސީއެއްގެ އަތުން 10،000 ރުފިޔާ އޮތް ވޮލެޓެއް، ސައިކަލެއްގައި ދިޔަ ދެ މީހަކު ފޭރުނު މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 ޖުލައި 26 ވަނަ ދުވަހުގެ ރޭ 11:25 އެހައިކަންހާއިރުއެވެ.
މި މައްސަލަ ހުށަހެޅުމާއެކު، ހުޅުމާލެ ރެސްޕޮންސް އެންޑް ޕެޓްރޯލްއާއި އިންވެސްޓިގޭޝަން ގުޅިގެން ފޭރުނު މީހުން ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން ސީސީޓީވީ ފުޓޭޖްތައް ބަލައި ފުލުހުން ކުރި މަސައްކަތުން، އެ ރޭގެ 12:30 އެހައިކަންހާއިރު އެ މީހުން ދުއްވި ސައިކަލު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.
މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ، އަތަމާގެ، ޢިޖާޒު ނަޞީރު (40އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މީގެ އިތުރުން، މި މައްސަލާގައި ތުހުމަތުކުރެވޭ ދެވަނަ މީހާ ޖުލައި 29 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ނަމަވެސް، އޭނާ މިހާރު ވަނީ ބަންދުން ދޫކޮށްލާފައެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ބިދޭސީ މީހާގެ އަތުން ފޭރުނު 10،000 ރުފިޔާއާއި ވޮލެޓް މިހާރު ހޯދާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


