އެމްޑީޕީ ސަރުކާރުގައި ހުޅުދޫ އިންޖީނުގޭ އަޅަން 185 މިލިއަން ދޫކުރި، ފެންނަން ހުރީ ވަށާފާރަކާ ސައިލެންސަރެއް: ޝާޑް
30 ޖުލައި 2026 - 08:22

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އައްޑޫ ސިޓީ ހުޅުދޫގައި އައު އިންޖީނުގެއެއް އެޅުމަށް 185 މިލިއަން ރުފިޔާ ދޫކޮށްފައިވީ ނަމަވެސް، އެ މަޝްރޫއުން މިއަދު ފެންނަން ހުރީ ހަމައެކަނި ވަށާފާރަކާއި ސައިލެންސަރެއް ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑް) ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

Ad by Hajj Corporation
ޝާހިދު ވިދާޅުވީ ހުޅުދޫ މީދޫގެ ރައްޔިތުން ކަރަންޓުގެ ދަތިކަމުގެ ޝަކުވާ ކުރަމުންދާއިރު، ވޭތުވެދިޔަ ފަސް އަހަރު އެ ދާއިރާގެ އިންޖީނުގެ އެޅުމަށް ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށެވެ.
"185 މިލިއަން ރުފިޔާ ހުޅުދޫ މީދޫގެ އިންޖީނުގެ އަޅަން ދިނީ. އެކަމަކު ލާރި ނަގާފައި ހުރީ. އިންޖީނުގެއެއް ނެތް، އިންޖީނެއް ނެތް. ވަށައި ފާރެއް ރާނާފައި ސައިލެންސަރެއް ގެންގޮސްފައި އެ ލާރިކޮޅު ނަގާފައި ހުރީ،" ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން، އެ މަޝްރޫއަށް ބޭނުންވާ ކޭބަލްތައް ގެނައި ނަމަވެސް، އެ ތަކެތި އަދިވެސް ހުރީ ކަސްޓަމްސް އާއި އެމްޕީއެލްގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެ ތަކެތި ނުނެރެވި ހުރީ ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ނުދެއްކިގެން ކަމަށާއި، ނަމަވެސް އެ ތަކެތި ގެނައުމުގެ ކުރިން ކޭބަލްތަކަށް ވާވަރަށް ފައިސާ ނަގާފައިވާ ކަމަށް ޝާހިދު ތުހުމަތު ކުރެއްވިއެވެ. އޭނާ ވިދާޅުވީ މިއީ ރައްޔިތުންނަށް ވެފައިވާ ބޮޑު ޚިޔާނާތެއް ކަމަށާއި މިކަންކަން ބަލަންޖެހޭ ކަމަށެވެ.
މިހާރުގެ ސަރުކާރުން ކޮރަޕްޝަނަށް ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން ދެއްވަމުން ޝާހިދު ވިދާޅުވީ، މި ސަރުކާރުގެ އެއްވެސް މިނިސްޓަރެއް ނުވަތަ އެމްޑީއެއްގެ ކައިރިއަށް ނާޖާއިޒު ކަމެއްގައި ވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ސަރުކާރުގެ ތެރެއިން ކޮރަޕްޝަނުގެ އަމަލެއް ހިނގައިފިނަމަ އެކަމެއް މަޖިލީހުގެ ކޮމިޓީތަކަށް ހުށަހަޅައިގެން ބަލާނެ ބަޔަކީވެސް މިހާރުގެ މެމްބަރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ރޭދުވާލު މަސައްކަތް ކުރަމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ. ނަމަވެސް ކުރީ ސަރުކާރުން ދޫކޮށްލާފައިވާ މިފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ވަގުތު ބޭނުންވާނެ ކަމަށާއި، އެހެންކަމުން ރައްޔިތުން ކެތްތެރިވުމަށް އޭނާ އެދިވަޑައިގަތެވެ. ދާއިމީ ހައްލެއް ލިބޭނީ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސްގެން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.


