logo
MPL

MPL

ކޯޓް ރޫމް

ގަންނަ ފަރާތްތަކުގެ ފައިސާ ރައްކާކޮށްދޭ ރިއަލް އެސްޓޭޓް ބިލެއް މަޖިލީހަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
10 ނޮވެމްބަރު 2026 - 13:50
ގަންނަ ފަރާތްތަކުގެ ފައިސާ ރައްކާކޮށްދޭ ރިއަލް އެސްޓޭޓް ބިލެއް މަޖިލީހަށް

ރިއަލް އެސްޓޭޓް މަޝްރޫއުތަކުން ފްލެޓާއި ގެދޮރު ގަންނަ ފަރާތްތަކުން ދައްކާ ފައިސާ ބޭންކެއްގެ އެސްކްރޯ އެކައުންޓެއްގައި ބަހައްޓައި، މަޝްރޫއު ލަސްވެއްޖެނަމަ ފައިސާ އަނބުރާ ހޯދުމުގެ ހިޔާރު ގަންނަ ފަރާތަށް ދޭ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

"ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު" (ބިލު ނަންބަރު 20/2026/ބ-38) ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން، 9 ނޮވެމްބަރު 2026 ގައި ބޭއްވި މި އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައެވެ. ބިލު މިހާރު އޮތީ ފުރަތަމަ ކިޔުމުގައެވެ. 163 މާއްދާ ހިމެނޭ މި ބިލުން، ރިއަލް އެސްޓޭޓް ވިޔަފާރި ބަލަހައްޓާނެ "ޕްރޮޕަރޓީ ރެގިއުލޭޓަރީ އޮތޯރިޓީ" ގެ ނަމުގައި އާ މުއައްސަސާއެއް އުފައްދައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބިލު ހުށަހަޅާ ސަބަބުގައި ސަރުކާރުން ބުނެފައިވަނީ، މި ބިލުގެ ބޭނުމަކީ ރިއަލް އެސްޓޭޓް ވިޔަފާރި "ހާމަކަންބޮޑު އަދި ޖަވާބުދާރީކުރުވަނިވި ނިޒާމެއްގެ ދަށުން" ހިންގުމާއި، ތަންތަން ގަންނަ ފަރާތްތަކުގެ މަސްލަހަތު ރައްކާތެރިކުރެވޭނެ އުސޫލުތައް ކަނޑައެޅުން ކަމަށެވެ.

ބިލުގެ ދަށުން، ރިއަލް އެސްޓޭޓް މަޝްރޫއެއް އިޝްތިހާރުކުރުމާއި ވިއްކުމުގެ ކުރިން، އެ މަޝްރޫއެއް އޮތޯރިޓީގައި ރަޖިސްޓަރީކުރަން ޖެހޭނެއެވެ. ޑިވެލޮޕަރަށް ކޮންމެ މަޝްރޫއަކަށް ވަކި ލައިސަންސެއް ހޯދަން ޖެހޭއިރު، ލައިސަންސް ދެވޭނީ ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް ނުވަތަ ޕާޓްނަރޝިޕަކަށެވެ. ކޮންމެ އިޝްތިހާރެއްގައި ޑިވެލޮޕަރުގެ ލައިސަންސް ނަންބަރާއި މަޝްރޫއުގެ ރަޖިސްޓްރޭޝަން ނަންބަރާއި ހަވާލުކުރާނެ ތާރީޚު ހިމަނަން ޖެހޭނެ ކަމަށާއި، އޮޅުވާލާފަދަ އިޝްތިހާރު މަނާ ކަމަށް ވެސް ބިލުގައި ވެއެވެ.

ގަންނަ ފަރާތްތަކަށް ފައިދާހުރި މުހިންމު ބަދަލަކީ ފައިސާ ރައްކާތެރިކުރުމެވެ. ސޭލް އެންޑް ޕަރޗޭސް އެއްބަސްވުން އޮތޯރިޓީގައި ރަޖިސްޓަރީ ނުކޮށް، ގަންނަ ފަރާތުގެ އަތުން އެއްވެސް ފައިސާއެއް ނެގުން މަނާކުރެއެވެ. ބުކިންގ ފީ، ޕްރޮޕަރޓީގެ އަގުގެ 10 އިންސައްތައަށްވުރެ ބޮޑުނުވާނެއެވެ. އޮފް-ޕްލޭން ގަންނައިރު ދައްކާ ފައިސާ ބަހައްޓަންވާނީ ބޭންކެއްގެ އެސްކްރޯ އެކައުންޓެއްގައި ކަމަށާއި، ޑިވެލޮޕަރަށް ފައިސާ ދޫކުރާނީ މަސައްކަތް ނިމޭ މިންވަރަށް ކަމަށް ބިލުގައި ވެއެވެ.

ޑިވެލޮޕަރ ދަރަނިވެރިވިޔަސް ނުވަތަ ކުންފުނި އުވާލިޔަސް، އެސްކްރޯ އެކައުންޓުގައިވާ ފައިސާއަކީ ޑިވެލޮޕަރުގެ މުދަލެއްގެ ގޮތުގައި ނުބެލެވޭނެއެވެ. މަޝްރޫއު ނިމުމުން ވެސް، އެކައުންޓުގައިވާ ފައިސާގެ 5 އިންސައްތަ ހިފަހައްޓާނީ، ތަންތަން ގަތް ފަރާތްތަކުގެ ނަމުގައި ރަޖިސްޓަރީކުރާތާ އަހަރެއް ވަންދެނެވެ.

ގަންނަން ނިންމުމަށް ގަންނަ ފަރާތަށް 21 ދުވަސް ލިބޭނެއެވެ. އެ މުއްދަތުގައި ހަމަ އެ ޕްރޮޕަރޓީ ގަތުމުގެ ހިޔާރު އެހެން މީހަކަށް ޑިވެލޮޕަރަށް ނުދެވޭނެއެވެ. އެއްބަސްވުން ރަޖިސްޓަރީކުރުމުން ލިބޭ "ޕްރޮވިޝަނަލް ރަޖިސްޓަރީ" ރަހުނުކޮށް، ޕްރޮޕަރޓީ ގަތުމަށް ލޯނު ނެގޭނެ ގޮތް ވެސް ބިލުގައި ހަމަޖައްސާފައިވެއެވެ.

މަޝްރޫއު ނުނިމޭނެކަން އެނގޭތާ 14 ދުވަހުގެ ތެރޭގައި، ޑިވެލޮޕަރ ގަތް ފަރާތްތަކަށް ސަބަބާއެކު ލިޔުމުން އަންގައި ގެއްލުމުގެ ބަދަލު ދޭން ޖެހޭނެއެވެ. މަޝްރޫއު ލަސްވެއްޖެނަމަ، ގަތް ފަރާތަށް ލަސްވާ ކޮންމެ މަހަކަށް އެއްބަސްވުމުގައިވާ ޖޫރިމަނާ ހޯދުމުގެ، ނުވަތަ މަޝްރޫއުން ވަކިވެ ދައްކާފައިވާ ފައިސާ އަނބުރާ ހޯދުމުގެ ހިޔާރު ލިބޭނެއެވެ. ވަކިވިޔަސް، ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ގެއްލިނުދޭނެއެވެ.

ގަތް ފަރާތްތަކަށް މަޝްރޫއުގެ ޓައިމްލައިނާއި ބަދަލުތަކުގެ މައުލޫމާތު ހޯދުމާއި، ސައިޓް އިންސްޕެކްޓުކުރުމާއި، ދައްކާ ފައިސާ ބޭނުންކުރާ ގޮތުގެ ހިސާބު ހޯދުމުގެ ހައްގު ބިލުން ލިބިދެއެވެ. ގެއްލުމެއް ލިބިއްޖެނަމަ އޮތޯރިޓީއަށް ޝަކުވާ ހުށަހެޅޭނެ ކަމަށާއި، އޮތޯރިޓީގެ މުރާޖަޢާ ކޮމިޓީގެ ނިންމުން ލިބޭތާ 30 ދުވަހުގެ ތެރޭގައި ކޯޓަށް ދެވޭނެ ކަމަށް ވެސް ބިލުގައި ވެއެވެ. ރިއަލް އެސްޓޭޓް ބްރޯކަރުންނާއި އޭޖެންޓުންނަށް ކްލައިންޓުންގެ ފައިސާ ބަލައިގަތުމާއި ހިފެހެއްޓުން މަނާކުރެއެވެ.

އަމިއްލަ ބިމުގައި ނުވަތަ ބަންޑާރަ ބިމުގައި މަޝްރޫއު ހިންގާނަމަ، ބިމުގެ ވެރިފަރާތަށް އެއްވެސް ޚަރަދަކާ ނުލައި ޕްރޮޕަރޓީ ލިބިދޭން ޖެހޭނެއެވެ. ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ "އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯން" ތަކުގައި ޕްރޮޕަރޓީ ވިއްކޭނީ 99 އަހަރުގެ ލީސްހޯލްޑަކަށް ކަމަށާއި، ގަތުމަކުން ރައްޔިތުކަމެއް ނުލިބޭނެ ކަމަށާއި، އިޒްރާއިލް ރައްޔިތުންނަށް ނުވިއްކޭނެ ކަމަށް ބިލުގައި ވެއެވެ. ޒޯނު ތަރައްގީކުރުމުގައި ދިވެހި ވިޔަފާރިތަކަށާއި، ޒޯނުގެ ވަޒީފާތަކުގައި ދިވެހިންނަށް އިސްކަންދޭން ޖެހޭނެއެވެ.

ގާނޫނާ ޚިލާފުވާ ޑިވެލޮޕަރުންނަށް މަޝްރޫއުގެ އަގުގެ 10 އިން 30 އިންސައްތައާ ދެމެދުގެ ޖޫރިމަނާއެއް، ބްރޯކަރުންނަށް 100,000 ރުފިޔާއިން 1,000,000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް، އަދި އޭޖެންޓުންނަށް 50,000 ރުފިޔާއިން 500,000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކުރެވޭނެ ކަމަށް ބިލުގައި ވެއެވެ.

ބިލު ގާނޫނަކަށް ވާނީ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމުންނެވެ. ގާނޫނަށް އަމަލުކުރަން ފެށުމުން، މިހާރު ހިންގަމުންދާ މަޝްރޫއުތައް 90 ދުވަހުގެ ތެރޭގައި ރަޖިސްޓަރީކުރަން ޖެހޭނެއެވެ. ބިލުގެ ފުރިހަމަ ލިޔުން ލޯފޮތުގައި ‪lawfoiy.com/bills/920260038 ގައި ކިޔާލެވޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަންނަ ފަރާތްތަކުގެ ފައިސާ ރައްކާކޮށްދޭ ރިއަލް އެސްޓޭޓް ބިލެއް މަޖިލީހަށްކޯޓް ރޫމް | 22 މިނިޓު ކުރިން2028 ގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު: މަމްދޫޙުޚަބަރު | 8 ގަޑިއިރު ކުރިންބަޖެޓް ބަހުސް ފަށައިފިޚަބަރު | ދުވަހެއް ކުރިންމަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާބެހޭ ބިލް މަޖިލީހަށްޚަބަރު | ދުވަހެއް ކުރިން