ހޮސްޕިޓަލްތަކުގެ ފަންކާއިން ދަބަރު ފޭބިއިރު ވެސް އެމްޑީޕީން 200 ބިލިއަނުގެ ބަޖެޓަށް ހެދި ގޮތެއް ނޭނގުނު: ޝުޖާއު
10 ނޮވެމްބަރު 2026 - 14:45

އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމުގައި 200 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްގެން ދިޔައިރު، ހޮސްޕިޓަލްތަކުގެ ފަންކާތަކުން ދަބަރު ފައިބަމުންދިޔަ ކަމަށާއި، ބަޖެޓަށް ހެދި ގޮތެއް ނޭނގުނު ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ބަރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ އެއް ނައިބު ރައީސް އިބްރާހިމް ޝުޖާޢު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
.png&w=750&q=75)
Ad by Hajj Corporation
ރައްޔިތުންގެ މަޖިލީހުގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު ޝުޖާޢު ވިދާޅުވީ، އެމްޑީޕީގެ ވެރިކަން ނިމިގެން ދިޔައިރު ރާއްޖޭގެ ރައްޔިތުން ޞިއްޙީ ޚިދުމަތް ހޯދުމަށްފަހު ރާއްޖޭން ބޭރުގެ ހޮސްޕިޓަލްތަކަށް ދައްކަންޖެހޭ 1.6 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތް ކަމަށެވެ. މީގެއިތުރުން އެންސްޕާއިން ރާއްޖޭގެ ހޮސްޕިޓަލްތަކަށް 1.4 ބިލިއަން ރުފިޔާ ދައްކަން އޮތްއިރު، ޞިއްޙީ ދާއިރާގެ އެތެރޭގެ ދަރަނި 400 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފަސް އަހަރުގެ ތެރޭގައި 200 ބިލިއަން ރުފިޔާގެ ބަޖެޓެއް މި މަޖިލީހުން ފާސްކޮށްދިންއިރު ދާއިރާގެ ހޮސްޕިޓަލްތަކުގެ ފަންކާތަކުން ދަބަރު ފައިބަމުން ދިޔަކަން ފާހަގަކުރައްވައި ޝުޖާޢު ވިދާޅުވީ، މަޖިލީހުގައި ބަޖެޓާ ގުޅޭގޮތުން ވާހަކަދައްކަވާއިރު އިދިކޮޅު ފަރާތްތަކުގެ ކިބައިގައި ''ލަދުހަޔާތުގެ ކަންފުޅެއް ހުންނަންވާނެ'' ކަމަށެވެ. އަދި ދުނިޔެއަށް ދިމާވި ބޮޑު ވަބާއެއްގެ ތެރޭގައި ވެސް ޤައުމު ހިންގި ގޮތާމެދު ވިސްނާލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، 2026 ވަނަ އަހަރުގެ އެޕްރީލް މަހާ ހަމައަށްދާއިރު ރާއްޖެ ބަނގުރޫޓުވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ފައްޔާޟް އިސްމާޢީލް ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން ޝުޖާޢު ވިދާޅުވީ، އެ ބޭފުޅުން ކިތަންމެ ހިސާބެއް ޖެއްސެވި ނަމަވެސް ޤައުމު ބަނގުރޫޓުވެގެން ނުދިޔަ ކަމަށެވެ. އަދި އެ ބޭފުޅުން ނަންގަވާފައި ހުރި ލޯނުތަކުގެ ތެރެއިން 1.2 ބިލިއަން ރުފިޔާ މި އަހަރުގެ ތެރޭގައި ދައްކާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
