ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލުން: ގެއްލުނު ދެމީހުން އަދިވެސް ނުފެނޭ
1 އޯގަސްޓު 2026 - 07:40

ކ. ތިލަފުށިން ފުރައިގެން ދަތުރުކުރަމުން ދިޔަ ލޭންޑިން ކްރާފްޓެއް ދިޔަވެ، ކ. ގާފަރު ކައިރިއަށް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ދެ މީހުން އަދިވެސް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ބަންޑުން ޖަހާލި އެލްސީވީން ދަތުރުކުރި ފަޅުވެރިންގެ ތެރެއިން އަށް ފަޅުވެރިން ސަލާމަތްކޮށްފައިވާއިރު، ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަނުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. މި އެލްސީވީ މިހާރު އޮތީ ކ.ގާފަރު ފަރުމަތީގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ.

Ad by Hajj Corporation
އެމްއެންޑީއެފް އިން ބުނީ އެ ދެ މީހުން ހޯދުމުގެ މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް އިމާދުއްދީންއާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓުން މިހާރު ވެސް ދަނީ ހަރަކާތްތެރިވަމުންކަމަށާއި ނަމަވެސް، މިހާތަނަށް ކުރި މަސައްކަތުން އެ ދެ މީހުން އަދި ފެނިފާ ނުވާ ކަމަށެވެ.
ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ހުއްޓުމެއްނެތި ކުރިއަށް ދާއިރު، ކަނޑާއި ވައިގެމަގުން މިހާތަނަށް ވަނީ ބޮޑު ސަރަހައްދެއް ބަލައިފަ އެވެ.
މި ދުވަސްވަރަކީ ރާއްޖޭއަށް ހުޅަނގު މޫސުން ކަމުން ރާއްޖެ ސަރަހަދަށް ވައިބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.


