logoEN
ޚަބަރު

ދޮގު ޖާޑިއަކަށް އެރިތިބެ ދައްކާ ވާހަކަތަކަށް ނިމުމެއް ނެތްތަ؟

ސްޓެލްކޯގެ އިމާރާތް// ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ސްޓެލްކޯގެ އިމާރާތް// ފޮޓޯ: ކުޅުދުއްފުށި އޮންލައިން

މެންދުރު ޓީމްމެންދުރު ޓީމް

18 އޮކްޓޯބަރު 2024 - 13:00

"ކަނު އަނދިރީގައި ހިންގާ ޑީލެއްގެ މުގުލުގައި ބަފައަކާއި ދަރިފުޅު، ހައިރާން ކުރަނިވި ވާހަކަތަކެއް" މި ސުރުހީގެ ދަށުން އަސްލު ކަށަވަރު ނުވާ ރަޖިސްޓްރީ ނުކުރާ ނޫހެއްގައި ލިޔެފައިވާ ހަބަރެކެވެ. މިފަހަރު ކޮރަޕްޝަންގެ ބިޔަ ބޮޑު ތުހުމަތެއް އެޅުވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް އަހުމަދު ނިމާލްގެ އިސްތަށިފުޅުގައެވެ. ތަފްސީލަށް ޖެހިލަމާ ހިނގާށެވެ.

މައްސަލައިގެ ހުލާސާ

މައްސަލަ ފެށިގެން އަންނަނީ 2010 ވަނަ އަހަރުގެ ތެރެގައެވެ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާއި ސެންޓަރ އެންޓްރަޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 6 ޓަނުގެ ފޯކް ލިފްޓެއް ސަޕްލައިކުރުމުގެ ގޮތުން އެ އަހަރު އެއްބަސްވުމެއް އެކުލަވާލެވުނެވެ. މި ފޯކް ލިފްޓް ސަޕްލައިކުރުމުގެ އަގަކީ 1،292،475 ރުފިޔާއެވެ. ނަމަވެސް ސެންޓަރ އެންޓްރަޕްރައިސަސް ޕްރައިވެޓުން ސަޕްލައިކުރި ފޯކް ލިފްޓަކީ އެއްބަސްވުމުގައިވާފަދައިން 6 ޓަނު ހަމަނުވާ ފޯކް ލިފްޓަކަށް ވުމުން ސްޓެލްކޯއިންވަނީ މައްސަލަ ސިވިލް ކޯޓަށް ވައްދާފައެވެ. މައްސަލަ ނިންމާފައިވަނީ ސްޓެލްކޯއާ އެއްކޮޅަށެވެ. ވުމާއެކު ސެންޓަރ އެންޓްރަޕްރައިސަސް ޕްރައިވެޓުން މައްސަލަ ހައިކޯޓަށް ހުށަހެޅީއެވެ.

ހައިކޯޓުން މައްސަލަ ނިންމީ ސްޓެލްކޯއާ ދެކޮޅަށްކަމުން މިފަހަރު މައްސަލަ ސްޕްރީމްކޯޓުގައި އިސްތިއުނާފުކުރީ ސްޓެލްކޯގެ ފަރާތުންނެވެ. ނަމަވެސް މައްސަލަ ނިމުނީ ސެންޓަރ އެންޓްރަޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ އެއްކޮޅަށެވެ. ވުމާއެކު ކޯޓުގެ ނިންމުމާ އެއްގޮތަށް ސެންޓަރ އެންޓްރަޕްރައިސަސް ޕްރައިވެޓަށް ފޯކް ލިފްޓް ސަޕްލައިކުރުމުގެ އަގުކަމަށްވާ 1،292،475 ރުފިޔާ އަނބުރާދިނުމަށް ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމިއެވެ. ނަމަވެސް އެކުންފުނިން އެދުނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 78 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގާދިނުމަށެވެ. ގެއްލުމުގެ ބަދަލުގައި މިވަރުގެ ބޮޑު އަދަދެއް ދައްކަންޖެހޭ ތަނެއްނެތްކަމަށް ކަނޑައަޅާދިނުމަށް އަނެއްކާވެސް ސްޓެލްކޯއިން އެދުނެވެ.

އޭގެ ފަހުން ކޯޓުން ބޭރުން މައްސަލަ ހައްލުކުރަން ބޭނުންވާކަމަށް ބުނެ ސެންޓަރ އެންޓްރަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުންވަނީ މައްސަލަ އަނބުރާ ގެނެގޮސްފައެވެ. ނަމަވެސް ސަރުކާރާ އަމިއްލަ ފަރާތްތަކާއި ދެމެދު ވެފައިވާ އެއްބަސްވުންތަކާއި ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެގޮތުގެ އުސޫލުގެ ދަށުން ބަދަލު ހޯދުމަށް ސެންޓަރ އެންޓްރަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ރައީސް އޮފީހުގައި އެދުނެވެ. ރައީސް އޮފީހުން ވަނީ އެ ކުންފުންޏަށް 381،425 ޑޮލަރު ދިނުމަށް ސްޓެލްކޯއަށް އަންގާފައެވެ. މި އަމުރާ ގުޅިގެންވެސް ސްޓޭލްކޯއިން ބުނެފައިވަނީ ހަމައަގަށްވާ 1،292،475 ރުފިޔާ ބޭރުން އިތުރަށް އެއްމެ ފައިސާއެއްވެސް ނުލިބޭނެކަމަށެވެ. މި ފައިސާ މި އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައި އެ ކުންފުނީގެ ނަމުގައި އިސްލާމިކް ބޭންކުގައި އޮންނަ އެކައުންޓަކަށް ވަނީ ޖަމާކުރެވިފައިކަމަށް "މެންދުރަ"ށް ލިބުނު މައުލޫމާތުތަކުން އެނގެއެވެ.

ތުހުމަތުގެ އިނގިލި ދިއްކުރީ ޕީއެންސީގެ ނައިބުރައީސް ނިމާލަށް

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް އަޙައްމަދު ނިމާލް އަދި އޭނާގެ ދަރިކަލެއް މި މައްސަލައިގައި ޝާމިލުވާކަމަށްބުނެ ހަބަރުފަތުރަމުން އަންނައިރު "މެންދުރަ"ށް އެނގިފައިވާގޮތުގައި މި މައްސަލައިގެ ކަންކަން ހިނގަމުން ދިޔައިރު މިކަމާ ގުޅިގެން އެއިން އެއްވެސް ބޭފުޅެއްގެ ހިޔާލެއް ނުވަތަ މަޝްވަރާއެއްވެސް ހޯދާފައެއްނުވެއެވެ.އެ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ސްޓެލްކޯގެ ލީގަލް ޓީމުންކަމަށްވާއިރު ސްޓެލްކޯގެ ސީނިއާ މެނޭޖުމަންޓްގެ އެއްވެސް އަތެއްވެސް މައްސަލައިގައި ނުވެއެވެ. ނިމާލް ކަޅުއަނދިރީގެ ޑީލްއެއް ހަދައި 46 މިލިއަން ރުފިޔާ ހޯދަން އުޅޭކަމުގެ ތުހުމަތު އަޅުވަމުން އަންނައިރު "މެންދުރުން" ބެލި ބެލުމުން މި މައްސަލައަކީ އަގުވެސް އަދާކޮށް ނިމިފައިވާ މައްސަލައަކަށްވާތީ އަލުން ހުޅުވުމުގެ ފުރުސަތުއޮތްވެސް މައްސަލައެއްނޫނެވެ. އިތުބާރު ހުރި މަސްދަރުތަކުން "މެންދުރަށް މައުލޫމާތުދެމުން ބުނެފައިވަނީ ނިމާލްގެ ބޮލުގައި ކޮރަޕްޝުގެ މައްސަލައެއް އަޅުވަން އުޅެނީ ދަރިއަކު ސްޓެލްކޯގައި މަސައްކަތްކުރާތީކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ އިސްވެރިންގެ އަބުރު ކަތިލަން މަސައްކަތްކުރި މިއީ ފުރަތަމަ ފަހަރެއްނޫނެވެ. ނިމާލްއެކޭ އެއްފަދައިން އެފްއެސްއެމްގެ އެމްޑީ ޝުހައިލްވެސް މީގެ ކުރިންވަނީ މިފަދަ ކަންކަމާ ކުރިމަތިލާންޖެހިފައެވެ. ޝުހައިލްގެ އިސްތަށިފުޅުގައި ކޮރަޕްޝަންގެ ތުހުމަތު އެޅުވީ ރަން ބޯއްޓާއި ރިހި ބޯއްޓާއި އެމްޑީގެ ބޯޓާއި ޑީއެމްޑީގެ ބޯޓު ހަދައިގެން އެމްޑީޕީގެ މުވައްޒަފުން ހިންގަން އުޅުނު ބަގާވާތައް ނުރުހުންވީމައޯލައެވެ. މި ފަދަ ހަބަރެއް ފަތުރާއިރު ކޯޓުގައި މައްސަލަ ހިނގާފައިވާގޮތުގެ ޓައިމްލައިންތަކަށް ނުބަލަނީތޯވެސް ބައެއް ފަރާތްތަކުން މިހާރުވެސް އަންނަނީ ސުވާލުކުރަމުންނެވެ. ކޮންމެއަކަށް ދޮގު ޖާޑިއަކަށް އެރިތިބެ ދައްކާ ވާހަކަތަކުން އަބަދުވެސް ފެންނަނީ އިތުރަށް އެ ހަބަރު ފަތުރާ ފަރާތްތައް ބޭޒާރުވަމުން އަންނަތަނެވެ.

ކޮމެންޓް

871x217_placeholder