އާޒިމާއި ސައިފްގެ ކޯޅުން: ނުއަގުގައި ބިންތައް ދޫކުރާކަމުގެ ތުހުމަތު އާޒިމްގެ މައްޗަށް
21 ޖުލައި 2025 - 09:39

މާލޭގެ މޭޔަރު އާދަމް އާޒިމާއި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހުގެ ކޯޅުމުގެ ތެރެއިން މާލޭ ސިޓީ ކައުންސިލްގެ މިލްކުވެރިކަމުގައި ހުރި ބިންތަކެއް އާޒިމު ނުއަގުގައި އެކިއެކި ފަރާތްތަކަށް ދޫކުރާ ކަމަށް ބުނެ ސައިފް ތުހުމަތުތަކެއް ކުރައްވައިފިއެވެ.
އެއާއެކު މާލެ ސިޓީ ކައުންސިލްގެ މިލްކުވެރިކަމުގައި ހުރި ބިންތަކުގެ ތަފުސީލުތައް ހިއްސާކުރުމަށްވެސް ސައިފްވަނީ އެދިފައެވެ.

Ad by Hajj Corporation
ސައިފް ވިދާޅުވީ މާލޭގެ މަގުތަކާއި، އާންމު ހުސް ޖާގަތަކާއި، ޕާކުތަކާއި، މައިޒާންތަކާއި، ކުޅިވަރު މައިދާންތަކަކީ މާލޭގެ ރައްޔިތުންގެ މިލްކެއްކަމަށް ވީއިރު އެތަންތަނުން އެންމެ އެކަށީގެންވާ އާންމު މަސްލަހަތާއި މަންފާ ނެރުމަކީ ހުރިހާ މާނައެއްގައިވެސް އެކަމުގެ މައްޗަށް ސިޓީ ކައުންސިލް ޒިންމާދާރު ކުރެވިފައިވާ ކަމެއްކަމަށެވެ. . އެހެންކަމަށްވާނަމަ، އެފަދަ ތަނެއް ކުއްޔަށްދީ ނުވަތަ ތަރައްޤީކުރާން ވާނީ މާލެ ސިޓީ ކައުންސިލްގެ އާންމު ރަސްމީ ޖަލްސާއަކަށް ހުށަހަޅާ، މަޝްވަރާ ހޯދައިގެން އަދި އާންމު މަޝްވަރާއާއި ޚިޔާލު ހޯދައިގެންކަމަށް ސައިފް ވިދާޅުވިއެވެ.
މާލެ ސިޓީއިން ކުރު އަދި ދިގު މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ބިންބިމުގެ ތަފްޞީލު ހޯދަން މީގެ ކުރިން ތަކުރާރުކޮށް އެދުމުންވެސް ވިސްނަވަމުންދާކަމަށް ބުނެ އެ މައުލޫމާތު ނުދޭކަމަށް ސައިފް ވިދާޅުވިއެވެ.
ކައުންސިލް ބައްދަލުވުމަކުން ފާސްކޮށްގެން ނޫނީ ބިންތައް ދޫނުކުރެވޭ ގޮތް ހެދުމަށް 2023 ވަނަ އަހަރު ހުށަހެޅި ހުށަހެޅުން ބޮލާލާ ޖެހުމަށް ފަހު ނުއަގުގައި މާލޭގެ ބިންތައް ދިގު މުއްދަތަކަށް އާޒިމް ދޫކުރައްވަމުން ގެންދަވާ ކަމަށްވެސް ސައިފް ތުހުމަތު ކުރައްވާފައިވެއެވެ.
"މި މަނިކުފާނު ތިޔަ ގެންދަވަނީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ މޭޔަރުކަމުގެ ދުވަސްވަރުގެ ބޮލުގައި އަޅުވާފައި، މާލޭގެ ބިންތައް ނުއަގުގައި ދިގު މުއްދަތަށް ދޫކޮށްވަމުންނެވެ. އަމުދުން ކުއްޔަށް ދޫކޮށްފައިވާ ބިމާއި ހަމަތަކާއި މުއްދަތުތަކާއި، ކުއްޔާއި ކުންފުނި/ފަރާތް އެނގޭނެހެން ބިމުގެ ތަފްޞީލު އާންމު ނުކުރައްވާ އަދި ކައުންސިލަރުންނާވެސް ހިއްސާ ނުކުރައްވާ، ބިންތައް ބެއްސެވުމުގެ މަސައްކަތް ގޮނޑިކޮށްކޮށްއެއް ފަދައިން، ކުރައްވަމުން ވަޑައިގަންނަވާތީ ނުހަނު ކަންބޮޑުވެއެވެ."
އުޒުރު ދެއްކުން ދޫކޮށް ސިޓީ ކައުންސިލްގެ މިލްކުވެރިކަމުގައި ހުރި ބިންބިމާއި އެބިންބިމުގެ ސައިޒާއި، ވަކިކަމަކަށް ހާއްސަކޮށްފައިވާނަމަ އެބޭނުމަކާއި ނުވަތަ ކުއްޔަށް ދީފައިވާނަމަ އެއީ ކޮން ކަމަކަށް ކާކަށް ކޮން ކުއްޔެއްގައިކަން އެނގޭނެހެން އަންގައިދިނުމަށް ސައިފް ވަނީ އެދިފައެވެ.