ޕީއެންސީގެ ނައިބު ރައީސް ކަމަށް، މުންދު، ރާފިއު، ސައުދާ، ސައީދު، ޝުޖާއު އަދި އަސްމައްތަ ވާދަކުރައްވަނީ
2 އޯގަސްޓު 2026 - 06:36

ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށް ހަ ބޭފުޅަކު އިއުލާން ކުރައްވައިފި އެވެ.
އެ ހަބޭފުޅުންނަކީ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް، މުންދު އާއި ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު އާއި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އާއި އިގްތިސޯދީ ވަޒީރު މުހައްމަދު ސައީދު އާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދު އެވެ. މީގެ ތެރެއިން ސައުދާ އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅެވެ. އަދި އަސްމާ އަކީ މުންދުގެ މަންމަ އެވެ.

Ad by Hajj Corporation
ޕީއެންސީގައި ޖުމްލަ ހަ ނައިބު ރައީސުން ތިއްބަވަ އެވެ. އަދި އެ ޕާޓީ ވެރިކަމުގައި އޮންނަ އިރު ރާއްޖޭގެ ނައިބު ރައީސަކަށް ހުންނަ ބޭފުޅަކު ވެސް ވެގެންދާނީ އެ ޕާޓީގެ ނައިބު ރައީސް އަކަށެވެ. އެހެންކަމުން މިވަގުތު ރާއްޖޭގެ ނައިބު ރައީސް ކަމުގައި ހުންނެވި ހުސައިން މުހައްމަދު ލަތީފަށް އެ ޕާޓީގެ ނައިބުގެ މަގާމު ވަނީ ކަށަވަރުވެފަ އެވެ.
މިހާރު ކުރިމަތިލައްވާފައި ތިބި ބޭފުޅުންގެ ތެރެއިން މުންދު، ޝުޖާއު އަދި ސައީދަކީ މިވަގުވެސް އެ ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ފަރާތްތަކެވެ. މިވަގުތު މި ތިން ބޭފުޅުންނާ ނުލައި ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، ކުރީގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އަދި އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް ހިމެނެ އެވެ.
ޕީއެންސީން ކޮންގްރެސް ބާއްވަން ނިންމާފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގަ އެވެ. ނަމަވެސް އެ އަށް ވުރެ ކޮންގްރެސް އަވަސް ކުރުމުގެ ވިސްނުމެއް ވެސް އެޕާޓީން ގެންގުޅެ އެވެ. އެޕާޓީގެ މުހިއްމު މަގާމުތަކަށް މި ކޮންގްރޭސްގައި ބޭފުޅުން ހޮވުމަށް ނިންމާފައިވެ އެވެ.


