މާލެއިން ފުރައިގެން ކޮލަމްބޯއަށް ދަތުރުކުރި ބޯޓަކުން ކަނޑަށް ކޮންޓެއިނަރުތަކެއް ވެއްޓިއްޖެ
2 އޯގަސްޓު 2026 - 16:58

މާލެއިން ފުރައިގެން ސްްރީލަންކާގެ ކޮލަމްބޯއަށް ދަތުރުކުރި ބޯޓަކުން، މޫސުން ގޯސްވުމުގެ ސަބަބުން ކަނޑަށް ހުސް ކޮންޓެއިނަރުތަކެއް ވެއްޓިއްޖެއެވެ.
ލަންކާގެ ނޫހެއްކަމަށްވާ ''ޑެއިލީ މިރާ'' ގައި ބުނެފައިވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ ކޮލަމްބޯ ޕޯޓާ ހުޅަނގުން ގާތްގަނޑަކަށް 17 ނޯޓިލް މޭލު ދުރުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

Ad by Hajj Corporation
މި ހާދިސާއާ ގުޅިގެން ލަންކާގެ ކަމާބެހޭ އިދާރާތަކުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އެލާޓް ނެރެފައެވެ. އޮޔާދާ މި ކޮންޓެއިނަރުތަކަކީ ހުސް ކޮންޓެއިނަރުތަކެއް ނަމަވެސް، މީގެ ސަބަބުން ކަނޑުދަތުރުފަތުރު ކުރާ އުޅަނދުތަކަށް ނުރައްކާތަކެއް ކުރިމަތިވެދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިރުޝާދު ދީފައެވެ.
ލަންކާގެ ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި، މި ކޮންޓެއިނަރުތައް ލަންކާގެ ބެރުވަލާ އާއި ނެގޮމްބޯގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ލެއްގުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް ވަނީ އެދިފައެވެ.
މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުން ވަނީ ކަނޑުމަތިން ނުވަތަ އައްސޭރިފަށުން އެއްވެސް ކޮންޓެއިނަރެއް ފެނިއްޖެ ނަމަ، ލަސްނުކޮށް އެކަން ރިޕޯޓުކުރުމަށް މަސްވެރިންނަށާއި ދަތުރުވެރިންނަށް އިލްތިމާސްކޮށްފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ބޯޓެއްގައެވެ.


