މުދާ ފެރީގެ ޚިދުމަތް ވަގުތީގޮތުން ހެންވޭރު ފެރީ ޓާމިނަލަށް ބަދަލުކޮށްފި
3 އޯގަސްޓު 2026 - 12:02

އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތާ ގުޅިގެން މުދާ ފެރީގެ ޚިދުމަތް ހެންވޭރު ފެރީ ޓާމިނަލް އަށް ބަދަލުކޮށްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން ބުނީ އަމީނީމަގުގެ ސެގްމަންޓު 1 މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާތީ މިއަދުން ފެށިގެން އެ މަސައްކަތް އެއްކޮށް ނިމެންދެން ގްރޭޓާރ މާލެ ސަރަހައްދުގައި އެ ކުންފުނިން ފޯރުކޮށްދެމުން ގެންދާ މުދާ ފެރީގެ ޚިދުމަތް ހެންވޭރު ފެރީ ޓާމިނަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން، ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށް އަމީނީމަގު އެއްކޮށް ވަނީ ބަންދުކޮށްފަ އެވެ. އެ ސަރަހައްދުގެ ޓްރެފިކް ބެލެހެެއްޓުމަށް ޓްރެފިކް ފްލޯއަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.
މީގެއިތުރުން މަރާމާތުގެ މަސައްކަތަށް އަމީނީމަގުގެ ބައެއް ބަންދުކުރުމާއި ގުޅިގެން ބަސް ދަތުރުތަކަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. މި ބަދަލާއި ގުޅިގެން އަމީނީމަގު މަރާމާތުކުރުމުގެ ސެގްމަންޓު 1ގެ މަސައްކަތް ނިމެންދެން ސޯޝަލް ސެންޓަރ، އައިޖީއެމްއެޗް އަދި ދަރުމަވަންތަ ބަސް ހުއްޓިއަށް، ދެން ރޫޓް-10ގެ ބަސްތައް މަޑެއް ނުކުރާނެ އެވެ.

Ad by Hajj Corporation


