އައްޑޫ ލިންކު ރޯޑުގެ މަސައްކަތް އަވަސްކުރެވޭނެ ގޮތެއް ހޯދަނީ
3 އޯގަސްޓު 2026 - 19:19

އައްޑޫ ސިޓީގެ ލިންކު ރޯޑުގެ މަސައްކަތް އަވަސްކުރެވޭނެ ގޮތްތަކެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އަޙްމަދުދީދީ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އައްޑޫ ލިންކު ރޯޑަކީ މިހާރު ވަރަށް ބޮޑަށް ހަލާކުވެފައިވާ މަގެއް ކަމަށާއި، އެ މަގު ހެދުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ. އެގޮތުން އެ މަގު ރަނގަޅު ފެންވަރަކަށް ހެދުމަށް ގާތްގަނޑަކަށް 400 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
މިނިސްޓަރު ވިދާޅުވީ މި މަޝްރޫއު ވީހާވެސް ޚަރަދު ކުޑަކޮށް ކުރިއަށް ގެންދިއުމަށްޓަކައި، ސީދާ ކޮސްޓް ޕްރައިސްގައި މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ކުންފުންޏަށް ބޭނުންވާ މެޝިނަރީޒް ހޯދައިދީފައިވާ ކަމަށާއި، މިހާރު މަގު ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.
"އެހެންނަމަވެސް، ތި ވިދާޅުވިގޮތަށް އެ ތަނުގެ ރައްޔިތުން ބޭނުންވަނީ ތާރުއަޅާފައި، ރައްޔިތުންނަށް ފަސޭހަވާނެ ގޮތެއް ހެދުން. އެހެންވީމާ މިހާރު އަޅުގަނޑުމެން މަސައްކަތް އެބަކުރަން އެ މަސައްކަތް އަވަސްކުރެވޭނެ ގޮތެއް ހޯދަން އެހެން ބަޔަކާ، ސީދާ ލިންކު ރޯޑުގެ މަސައްކަތް އެކަނި، ތާރުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްގެން ނަމަވެސް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އައްޑޫގެ އެހެން މަގުތަކުގެ މަސައްކަތް އާރްޑީސީގައި ބަހައްޓައިގެން، ހަމައެކަނި ލިންކު ރޯޑުގެ ބައި އަވަސްކުރެވޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މީގެ ބޭނުމަކީ ސަރުކާރުން ބޮޑު ހޭދައެއް ކުރަންޖެހޭ މި މަޝްރޫއު ވީހާވެސް ޚަރަދު ކުޑަކޮށް، ނަމަވެސް އަވަހަށް ނިންމައި ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.


