logo
MPL

MPL

ޚަބަރު

ގޯތީގައި ގެދޮރު އަޅަން ބޭނުންވާ އިކުއިޓީ ސަރުކާރުން ދެނީ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް: ވަޒީރު މުއްތަލިބް

މުހައްމަދު މޫސާމުހައްމަދު މޫސާ
19 އޮކްޓޯބަރު 2026 - 02:30
ގޯތީގައި ގެދޮރު އަޅަން ބޭނުންވާ އިކުއިޓީ ސަރުކާރުން ދެނީ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް: ވަޒީރު މުއްތަލިބް

ބޭންކުން ލޯނު ފާސްވާ ފަރާތްތަކުގެ ތެރެއިން އަލަށް އަމިއްލަ ބޯހިޔާވަހިކަން ހޯދާ ފަރާތްތަކަށް، ގޯތީގައި ގެދޮރު އެޅުމަށް ބޭނުންވާ އިކުއިޓީ ފައިސާ ސަރުކާރުން ދޭނީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއްގެ ގޮތުގައި ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުން ތަޢާރަފުކުރި "ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް"ގެ ދަށުން ކުރިއަށްގެންދާ އިކުއިޓީ އެހީތެރިކަން ފޯރުކޮށްދޭ "ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި" ސްކީމްތައް ތަންފީޒުކުރުމަށް މާލީ ހަތަރު އިދާރާއަކާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ވޯލްޑް ބޭންކާއި އެ ވުޒާރާ ގުޅިގެން ހެދި ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އިކުއިޓީ ޕޭމަންޓަށް ފައިސާ ނުލިބުން ކަމަށެވެ. މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ބޭންކުތަކާ މަޝްވަރާކޮށް މިހާރު ނިންމާފައިވަނީ، ވަކި މުއްދަތެއްގެ ތެރޭގައި އިމާރާތް ވިއްކާލައިފި ހާލަތެއްގައި ފިޔަވައި، އިކުއިޓީއަށް ވާ ބައި އެއްވެސް ވަރަކަށް ސަރުކާރަށް އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ހަމަޖެއްސުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ ސަބަބުން ރަށްރަށުގައި އަމިއްލަ ގޯތި ލިބި އިމާރާތް ނުކުރެވިފައި ތިބި ފަރާތްތަކަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސްކީމުގެ ދަށުން ލިބޭ ލުއިތަކުގެ މިސާލެއް ދައްކަވަމުން ވަޒީރު ވިދާޅުވީ، "އެއް މިލިއަން ރުފިޔާގެ ލޯނަކުން ތިން ރޫމްގެ ގެއެއް ހަދާލެވޭ ކަމުގައި ވާ ނަމަ، ސަރުކާރުން މި އެހީތެރިވެދެނީ ގާތްގަނޑަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް. އަނެއް އަށް ލައްކަ ރުފިޔާ ބޭންކު ފައިނޭންސް ތެރެއިން އެ ފަރާތުން ހޯދާނީ. ދެ ލައްކަ ރުފިޔާއަކީ ސަރުކާރަށް އަނބުރާ ދައްކަންޖެހޭ އެއްޗެއް ނޫން،" ކަމަށެވެ.

މާލެ ސަރަހައްދަށް ބަލާއިރު، މި ސްކީމް އެންމެ ފުރަތަމަ ފަށައިގަންނައިރު ހިމަނާފައިވަނީ ހަމައެކަނި ފުރަމާލެ އެކަންޏެވެ. މިކަމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުގައި ހުރި ތަންތަނަށް ދެވަނަ ފިޔަވަހީގައި ދިއުމުގެ ކުރިން، ފުރަމާލޭގައި އިކުއިޓީ ނުލިބިގެން އިމާރާތް ނުކުރެވި ހުރި ގޭބިސީތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ޚާއްސަ އިސްކަމެއް ދޭންޖެހޭ ކަމެއް ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި ޕްރޮގްރާމަށް އެދުމުގެ ފުރުސަތު މިއަހަރުގެ ތެރޭގައި ހުޅުވާލައި، ގާތްގަނޑަކަށް 1،500 އެއްހާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ. އަދި އަންނަ އަހަރު މި އަދަދު އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، އަންނަ އަހަރުގެ ބަޖެޓު އެކުލަވާލާއިރު މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން، ގެދޮރުވެރިކަމަށް ބޭނުންވާ އިކުއިޓީ ފައިނޭންސް ފޯރުކޮށްދިނުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާ ކަމަކަށް ހެދުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒު ކަމަށްވެސް ފާހަގަކުރެއްވިއެވެ.

"ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭއިރު ސަރުކާރުން އިމާރާތްކޮށްފައި ދިނުމުގެ ބަދަލުގައި ބޭންކުތަކާއި ޕްރައިވެޓް ސެކްޓަރ މީގެ ތެރޭގައި ހިމެނިގެން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން. ސަރުކާރުން މިކަން ކުރާނަމަ ވަރަށް ބޮޑެތި ލޯނުތަކެއް ނަގައިގެން ދަތި އުނދަގޫ ގޮތެއްގައި މިކަން ކުރަން ޖެހެނީ. ވަރަށް ވަގުތުވެސް ނަގާ. ރައީސްގެ ސިޔާސަތުގެ ދަށުން އެންމެންވެސް ބޭނުންވާ ގޮތަކަށް ބޯހިޔާވަހިކަން ހޯދޭނެ މަގު މިފަހިކޮށްދެނީ،" ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ގެންގުޅޭ އުސޫލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވެފަވެއެވެ.

މިދިޔަ އަހަރު ކުރިއަށްގެންދިޔަ ފަސް އިންސައްތައިގެ އިންޓްރެސްޓް ސްކީމުގައި ބައިވެރިވީ ހަމައެކަނި ބޭންކް އޮފް މޯލްޑިވްސްއިންނެވެ. އެ ބޭންކުން 800 އަށް ވުރެ ގިނަ ފަރާތަކަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރި ނަމަވެސް، ސްކީމް ކުރިން ރޭވިފައި އޮތް ގޮތުން ދިމާވި ދަތިތަކާ ހުރެ އެހެން ބޭންކުތަކުން އެކަމަށް ފަސްޖެހުނު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް މިފަހަރު ގެނައި ބަދަލުތަކާއެކު ގިނަ މާލީ އިދާރާތަކުން ބައިވެރިވެފައިވާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަކީ އެންމެ ނިކަމެތިންނަށް ސަރުކާރުން އިމާރާތްކުރާ ހައުސިން ޔުނިޓުތަކުން ފެށިގެން، އަމިއްލަ ފަރާތްތަކުން އަޅާ އެފޯޑަބަލް ހައުސިންއާއި، އަމިއްލަ ބިމުގައި އިމާރާތްކުރުމަށް އެހީތެރިވުމުގެ އިތުރުން، މުއްސަނދި ފަރާތްތަކަށް ލަގްޒަރީ ފެންވަރުގެ ތަންތަން ގަތުމަށް އެހީތެރިވެދިނުންވެސް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ވަށާޖެހޭ ފުރިހަމަ ސިޔާސަތެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯތީގައި ގެދޮރު އަޅަން ބޭނުންވާ އިކުއިޓީ ސަރުކާރުން ދެނީ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް: ވަޒީރު މުއްތަލިބްޚަބަރު | 2 ގަޑިއިރު ކުރިންބޯހިޔާވަހިކަމުގެ އިކުއިޓީ ދައްކަން ދަތިވި މައްސަލައަށް ސަރުކާރުން ހައްލެއް ގެނެސްދީފިޚަބަރު | 10 ގަޑިއިރު ކުރިންރަސްމާލެއިން ގަންނަ ތަންތަން ވާރުތަވާނެ ކަމަށް ދައްކާ ވާހަކަތައް ހައުސިންގް މިނިސްޓަރު ދޮގު ކުރައްވައިފިޚަބަރު | 22 ދުވަސް ކުރިންރަސްމާލޭގައި ބިޔަ މަޝްރޫޢު ހިންގާ ކުންފުނިން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅަނީޚަބަރު | މަހެއް ކުރިން