ފީނިފީންޏަށް މުވައްޒަފުން ވެއްދުމުގެ ސަގާފަތް ފެށީ އެމްޑީޕީން ބާރުވެރިކަން ހޯދަން: ޝުޖާއު
3 އޯގަސްޓު 2026 - 19:43

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ޚާއްޞަކޮށް ފެނަކަ ކޯޕަރޭޝަނަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް މުވައްޒަފުން ނެގުމާއި، ފީނިފީންޏަށް މުވައްޒަފުން ވެއްދުމާއި ޕްރޮމޯޝަން ދިނުމުގެ ސަގާފަތަކީ އެމްޑީޕީގެ އެތެރޭގެ ބާރުވެރިކަން ހޯދުމަށް ފެށި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުން ރެކްރޫޓްކުރުމާއި، ޕްރޮމޯޝަން ދިނުމާއި އަދި މުސާރައާއި އިނާޔަތްތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޚާއްޞަ އޮޑިޓް ރިޕޯޓަށް ބަހުސްކުރައްވަމުން ޝުޖާއު ވިދާޅުވީ، ކުންފުނިތައް ހަލާކުކޮށްލުމުގެ މި ސަގާފަތް ފެށިގެން އައީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ތެރޭގައި އުފެދުނު ދެ ފެކްޝަނުގެ ދެމެދުގައި އޮތް ހަނގުރާމައިގެ ތެރެއިން ކަމަށެވެ.

Ad by Hajj Corporation
ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ފެކްޝަނުން ފައްޔާޟް އިސްމާޢީލާއި، ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުން އިމްތިޔާޒް ފަހުމީ އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރެއްވިއިރު، ތާއީދު ހޯދުމަށްޓަކައި ރަށްރަށުގެ ފެނަކަ ބްރާންޗުތައް "ފުނޑުފުނޑު" ކޮށްލި މަންޒަރު ފެނިގެންދިޔަ ކަމަށެވެ. އޭނާ ވިދާޅުވީ ކުންފުނީގެ އުސޫލުތަކުން ބޭރުން މުވައްޒަފުން އިތުރުކޮށް، ޕްރޮމޯޝަންތައް ބެހީ އެ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ކަމަށެވެ.
"ކުންފުނިތަކުގެ ޒަމާން ދުއްވާލުމަށް ލިބިގެންދިޔަ އާ އީދަކަށް އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު ވެގެންދިޔައީ،" ޝުޖާއު ވިދާޅުވިއެވެ.
ފެނަކައިގެ މާލީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ފެނަކަ އޮތީ 4 ބިލިއަން ރުފިޔާއިން ދަރާފައި ކަމަށެވެ. އޭގެ ތެރެއިން 2 ބިލިއަން ރުފިޔާއަކީ އެސްޓީއޯއަށް ތެލުގެ އަގަށް ދައްކަންޖެހޭ ފައިސާކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެ ދަރަނީގެ ތެރެއިން 1 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ކުރީ ސަރުކާރުގެ އިސްރާފުތަކަށް އަލިއަޅުވާލައްވަމުން ޝުޖާއު ވިދާޅުވީ، ހއ. އަތޮޅަށް ކޭބަލް ރޯލެއް ގެންދިއުމަށް ފްރައިޓް ޗާޖުގެ ގޮތުގައި އެކަނިވެސް 2 ލައްކަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. އަދި ފެނަކައަށް ފައިސާ ނުލިބިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން މުޒާހަރާ ކުރަމުންދިޔަ ދަނޑިވަޅެއްގައިވެސް، މި ސަރުކާރުން އުސޫލެއްގެ ތެރެއިން ފައިސާ ދައްކަމުންދާތީ މިއަދު ވިޔަފާރިވެރިންގެ އިތުބާރު ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާ ކަންތައްތަކަކީ އިޞްލާޙުކުރަންޖެހޭ ކަންތައްތަކެއް ކަމަށާއި، ކޮމިޓީތަކުން މިފަދަ މައްސަލަތައް ދުވަހުން ދުވަހަށް ބަލައި އަދާހަމަ ހޯދަންޖެހޭނެ ކަމަށެވެ.


