ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ އަމަލީ މަސައްކަތް ސެޕްޓެންބަރު މަހު ފަށަނީ
4 އޯގަސްޓު 2026 - 19:26

ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ އަމަލީ މަސައްކަތް އަންނަ ސެޕްޓެންބަރު މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ހުޅުމާލޭގައި ބިނާކުރާ މި މިސްކިތަކީ ސައުދީ އަރަބިއްޔާގެ ދީލަތި އެހީތެރިއެއްގެ ފައިނޭންސްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ. މި މަޝްރޫޢާ ގުޅޭ ހުރިހާ ފަހުމުނާމާތަކެއްގައި (އެމް.އޯ.ޔޫ) މިހާރު ސޮއިކޮށް ނިމިފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
މިސްކިތުގެ ޑިޒައިންގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާއިރު، މިކަމާ ގުޅޭ ސައުދީ އަރަބިއްޔާގެ ވަފުދެއް ވަރަށް އަވަހަށް ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިސްކިތް އެޅުމަށް ހުޅުމާލެއިން ކަނޑައެޅިފައިވާ ބިން އެޗް.ޑީ.ސީ އިން މިހާރު ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ހަވާލުކޮށްފައެވެ.
"އަޅުގަނޑުމެން މި އަމާޒުކުރަނީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރުވާ މުނާސަބަތާ ގުޅިގެން ސެޕްޓެންބަރު މަހުގެ ތެރޭގައި މި މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް" ވަޒީރު ޝަހީމް ވިދާޅުވެފަވެއެވެ. އަދި މި މަސައްކަތް މިހާރު ބާރުމިނުގައި ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހުޅުމާލޭގައި ގިނަ ދުވަސްތަކެއް ވަންދެން ވަގުތީ ގޮތުން ޓިނުން ހިޔާކޮށްގެން ހަދާފައި ހުރި މިސްކިތްތަކުގެ ބަދަލުގައި ދާއިމީ މިސްކިތްތައް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން ގްރޭޓަރ މާލޭ އޭރިއާގައި ހުރި ވަގުތީ މިސްކިތްތަކުގެ ތެރެއިން އެންމެ މިސްކިތެއް ފިޔަވައި އެހެން ހުރިހާ ތަނަކަށް މިހާރު ސްޕޮންސަރުން ލިބިފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ.
މި މަސައްކަތްތަކުގައި ދިވެހި ވިޔަފާރިވެރިންގެ ފަރާތުން ލިބޭ އެހީތެރިކަމަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ސަރުކާރުގެ އުންމީދަކީ ރާއްޖޭގެ ހުރިހާ ސިޓީތަކާއި ސަރަހައްދުތަކަކީ އެންމެ ރީތި މިސްކިތްތައް ހުރި އިސްލާމީ ގައުމަކަށް ދިވެހިރާއްޖެ ހެދުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.


