ބީއެމްއެލް އިން ޑޮލަރުން އިންވެސްޓްކުރުމުން ފައިދާ ޑޮލަރުން ދޭ ގޮތަށް ނިންމައިފި
5 އޯގަސްޓު 2026 - 08:10

ބޭންކް އޮފް މޯލްޑިވްސްގެ އިންވެސްޓްމަންޓް ޕޫލްތަކުގައި ޑޮލަރުން އިންވެސްޓްކުރުމުން %25އާ ހަމައަށް ފައިދާ ލިބޭ ގޮތަށް ތަޢާރަފްކުރި ސްކީމްގެ އިންވެސްޓްމަންޓާއި ފައިދާވެސް ޑޮލަރުން ދޭ ގޮތަށް އެބޭންކުން ނިންމައިފި އެވެ.
ބީއެމްއެލްއިން "އިންވެސްޓްމަންޓްސް"ގެ ނަމުގައި އައު ޚިދުމަތެއް ތަޢާރަފުކޮށް، އާންމުންނަށް އެބޭންކުގައި ޑޮލަރު އިންވެސްޓްކުރެވޭނެ ގޮތް ހަދާފައިވަނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.
މި ސްކީމްގެ ދަށުން މިހާތަނަށް އޮތީ އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ދިވެހި ރުފިޔާ އިންވެސްޓްކުރާ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާވާގޮތަށެވެ. އަދި އިންވެސްޓްމަންޓްގެ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާނެ އެވެ. އިންވެސްޓްމެންޓްތައް ހުޅުވާލެވިފައިވަނީ އެކި މިންވަރަށް ފައިދާލިބޭ ޕޫލްތަކުގެ ގޮތުގައި %25 އާ ހަމަޔަށް ފައިދާ ލިބޭނެ ފުރުސަތު ފަހިވެގެންދާގޮތަށެވެ.

Ad by Hajj Corporation
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބީއެމްއެލްއިން ބުނީ ފޮރެކްސް އިންވެސްޓްމަންޓްގެ އަދަދާއި އޭގެ ފައިދާ ވެސް ޑޮލަރުން ދޭން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އިންވެސްޓްމަންޓްގެ މުއްދަތު ހަމަވުމުން، އިންވެސްޓްކުރި އަދަދު ރަސްމީ އެކްސްޗޭންޖު ރޭޓުގައި ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭނެކަމަށެވެ.
ބޭންކުން މިދިޔަ އަހަރުން ފެށިގެން އީކޮމާސް ޕްލެޓްފޯމްތަކުގެ ތެރެއިން ކަނޑައެޅިފައިވާ ޕްލެޓްފޯމްތަކުން ކުރާ މުޢާމަލާތަށް ދަނީ %30 ގެ ފީއެއް ނަގަމުންނެވެ. އިންވެސްޓް ކުރާ ފައިސާގެ ނަފާ ދެނީ މި ފީގެ ތެރެއިން ބޭންކުގެ ޚަރަދަށް %5 ކެނޑުމަށްފަހު އެއިން ބާކީވާ ފައިސާއިން ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ރާއްޖެއިން ބޭރުން ޚިދުމަތް ހޯދުމަށާއި ތަކެތިގަތުމަށް ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުން ކުރާ މުޢާމަލާތްތަކަށް މަހެއްގެ މައްޗަށް ވިއްކާ ޑޮލަރުގެ އަދަދު ފާއިތުވި 5 އަހަރުގެ ތެރޭގައި 3.7 ގުނަ އިތުރުވެފައިވާ ކަމަށްވެސް ބޭންކުންވަނީ ބުނެެފައެވެ. އަދި އެވްރެޖްކޮށް މަހަކަށް 39.3 މިލިޔަން ޑޮލަރު ވިއްކަމުންދާކަމަށާއި، މި ޚިދުމަތް ލިބިގަންނަ ކަސްޓަމަރުންގެ ޢަދަދު 2 ގުނައަށްވުރެވެސް ބޮޑުވެފައިވާކަމަށް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ.


