ރާއްޖޭގެ އިގްތިސޯދަށް ގެއްލުންވާ ގޮތަށް ކަންކަން ކޮށްގެން އެއްވެސް ބަޔަކަށް ފައިދާއެއް ނެތް: ސައީދު
5 އޯގަސްޓު 2026 - 11:36

ރާއްޖޭގެ އިގްތިސޯދަށް ގެއްލުންވާ ގޮތަށް ކަންކަން ކޮށްގެން އެއްވެސް ބަޔަކަށް ފައިދާ ނުވާނެ ކަމަށާއި އޭގެ ގެއްލުން ވަނީ ރާއްޖޭ އަށް ކަމަށް އިކޮނިމިކް މިނިސްޓަރު މުހަމައްދު ސައީދު ވިދޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ އަށް ދޫކޮށްލި ވީޑިއޯއެއްގައި ސައީދު ވިދާޅުވީ ތަކެތީގެ އަގު ބޮޑުވާން ފެށީ 2019 އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދުގައި ކަމަށެވެ. މިކަމާ ގުޅިގެން އޭރު ބައެއް ނޫސްތަކުގައި ހުރި ސުރުހީތައް ވެސް ސައީދު ވަނީ ވީޑިއޯ މެސެޖްގައި ހިއްސާ ކުރައްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ މިގޮތަށް ތަކެތީގެ އަގު ބޮޑުވުމުގެ އެންމެ ބޮޑު އަސްލަކީ އަށް ބިލިޔަން ރުފިޔާ ޗާޕުކުރުމުގެ ސަބަބުން ދިވެހި ފައިސާ ތިޔާގިވެ ޑޮލަރާ އެއްވަރަށް ނޭރުން ކަމަށެވެ.

Ad by Hajj Corporation
އެމްޑީޕިން މިމަހުގެ 12 އަދި ތޭރަގައި ކުރުމަށް ނިންމާފައިވާ މުޒާހަރާ އަށް އިޝާރަތްކުރައްވާ، ސައީދު ވިދާޅުވީ މިއިން ކޮންމެ ކަމަކާ ގުޅިގެން ވިޔަފާރިވެރިން ބިރުގަންނަ ވާހަކަތައް ދެއްކުމަށް ފަހު މުޒާހަރާ އަށް ނިކުތުމަށް ހިތްވަރުދީފައިވާ ކަމަށެވެ. އަދި މީގެ ކުރިން ވެސް މިފަދަ ކަންކަން ކުރުމުގެ ސަބަބުން ރާއްޖެ އަށް އަންނަން ހުރި ބައެއް އިންވެސްޓްމަންޓްތައް ހުއްޓިފައިވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. އެކަމަށް މިސާލެއް ނަންގަވާ ސައިދޫ ވިދާޅުވީ " ފާފު އަތޮޅު ވިއްކާލަނީއޭ" ކިޔުމުން އެ އިންވެސްޓްމަންޓް ވެސް ގެއްލިފައިވާ ކަމަށެވެ.
މާކެޓަށް ލޮޅުން އަރާފަދަ ކަންކަން ދޮގުހަދައިގެން ނުކުރުމަށް ވެސް ސައީދު އިލްތިމާސްކުރެއްވެވި އެވެ. މި ވީޑިއޯގައި ލިލީ އެންޓަޕްރައިސެސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ނަސީރު ވިދާޅުވީ ތަކެތީގެ އަގު ބޮޑުވަނީ ސަރުކާރުންކުރާ ކަންކަމުން ނޫން ކަމަށެވެ. އެގޮތުން ބޭރު ދުނިޔޭގެ ހަނގުރާމައިގެ ސަބަބުން ކޮންޓޭނަރު ގެންނަ އަގުތައް މިހާރު ބޮޑުވެފައިވާތީ، ކޮންޓޭނަރުތަކުން ގެންނަ މުދަލުގެ އަގު ބޮޑުވާ ކަމަށް ވެސް ނަސީރު ފާހަގަ ކުރެއްވެވި އެވެ. އަދި ގަސްތުގައި ވިޔަފާރިވެރިން ވެސް މުދަލުގެ އަގު ބޮޑުނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


