ދާރުލްއަރްޤަމްގެ ޢަމަލީ މަސައްކަތް ފަށައިފި
7 އޯގަސްޓު 2026 - 07:27

މާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ވަގުފު އިމާރާތް ’ދާރުލްއަރްގަމް’ގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މާލެ ހެންވޭރު 64 ނަމްބަރު ކޮށީގައި 12 ފަންގިފިލާއަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުގަމް ވަގުފު އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ގާއިމު ކުރެވޭ އިމާރާތެކެވެ.

Ad by Hajj Corporation
މި އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑުގައި ޕާކު ކުރެވޭ ގޮތަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެއެވެ.
މީގެ އިތުރުން އިމާރާތުގެ ދެވަނަ ބުރީގައި ކޮންފަރެންސް ހޯލެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާއިރު އެއް ވަނަ ބުރިން 12 ވަނަ ބުރިއަށް ޒަމާނީ އޮފީސް ބައިތަކާއި، މީޓިން ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރި ހުންނާނެއެއެވެ.
މީގެ އިތުރުން އިމާރާތުގެ ރޫފްޓޮޕަކީ އޯޕަން ޓެރަސްއެއް ގޮތުގައި ގާއިމު ކުރާ ބައެކެވެ.
މީގެ އިތުރުން އިމާރާތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާއިރު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ އިންތިޒާމް ގާއިމު ކުރާނެއެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން 540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ޖުމްލަ އަގަކީ 39،462،545.08 ރުފިޔާއެވެ.
މިއީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފަންޑު ކުރާ މަޝްރޫއުއެއްކަން ފާހަގަކޮށްލެވެއެވެ.
މި މަޝްރޫއުއަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދާއި އެއްގޮތަށް ރާއްޖޭގައި ވަގުފު ފަންޑު އިތުރަށް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށް ގެންދެވޭ މުހިއްމު މަޝްރޫއުއެކެވެ.
ދާރުލްއަރްގަމްގެ އިތުރުން ހުޅުމާލޭގައި ވަގުފު އިމާރާތަކާއި، މާލޭގައި ކީރިތި ގުރުއާނަށް ހާއްސަ ވަގުފު އިމާރާތެއް އެޅުމަށް ހަމަޖެހިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.


